Advertisement

ދުވާފަރު ކައުންސިލަރުން ސަސްޕެންޑްކޮށްފި

28 ނޮވެންބަރު 2022 - 11:13 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ދުވާފަރު ކައުންސިލަރުން؛ ހިޔާނާތުގެ މައްސަލާގައި ކައުންސިލަރުން ސަސްޕެންޑްކުރަން ނިންމައިފި - ފޮޓޯ: ދުވާފަރު ކައުންސިލް


ދުވާފަރު ކައުންސިލަރުން ސަސްޕެންޑްކޮށްފި

28 ނޮވެންބަރު 2022 - 11:13 0

ރ. ދުވާފަރު ކައުންސިލުގެ މޮނިޓަރިން އޮޑިޓުން ފާހަގަވި ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން އެ ރަށު ކައުންސިލްގެ މެންބަރުން ސަސްޕެންޑްކޮށްފި އެވެ.

ކައުންސިލަރުން ސަސްޕެންޑްކޮށްފައިވާ ކަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފް ވަނީ "އަދަދު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ކައުންސިލަރުން ސަސްޕެންޑްކުރުމުން، ކައުންސިލް ވަގުތީ ގޮތުން ހިންގުމަށް އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއާ ވަނީ ހަވާލުކޮށްފަ އެވެ.

ދުވާފަރު ކައުންސިލުން ލާމަރުކާޒީ ގާނޫނާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ނަގުދު ފައިސާ ނަގައި ކައުންސިލް މެމްބަރުންނާއި މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ފައިސާ ޖަމާކޮށް ހަރަދުކުރި މައްސަލައިގައި އޭސީސީން ވަނީ އެރަށަށް ގޮސް ތަހުގީގު ހިންގާފަ އެވެ.

ކައުންސިލްގެ 12 މުވައްޒަފަކު ހިންގާފައިވާ މި މުއާމަލާތްތަކާއި ގުޅިގެން، މައްސަލަ ތަހުގީގު ކުރުމަށް އޭސީސީގެ ޓީމެއް ދުވާފަރުގައި ހަރަކާތްތެރިވީ މިދިޔަ އޮގަސްޓު މަހުގެ 25 އިން ސެޕްޓަމްބަރު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. އެއަށްފަހު އޭސީސީން ވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު މުޅި މައްސަލަ ތަހުގީގުކޮށް ނިންމާފަ އެވެ.

މި މައްސަލާގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހުގެ މަޝްވަރާއަށް ފޮނުވާފައިވާއިރު، ދައުވާ ކުރެވޭނެ މީހުންގެ މައުލޫމާތު ހިމެނޭހެން އިތުރު ތަފްސީލު އެ ކޮމިޝަނުން ފަހުން ހާމަ ކުރާނެ ކަމަށް މީގެ ކުރިން އޭސީސީން ބުނެފައިވެ އެވެ.

ދުވާފަރު ކައުންސިލްގެ މޮނިޓަރިން ރިޕޯޓުން އެނގޭ ގޮތުގައި އުސޫލުން ބޭރުން ކައުންސިލު މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ކައުންސިލުގެ އެހެނިހެން މުވައްޒަފުންގެ އެކައުންޓަށް ޖަމާކުރި ފައިސާ އާއި ނަގުދު ފައިސާގެ އަދަދު 2.1 މިލިއަން ރުފިޔާއަށް އަރަ އެވެ.

މި ފައިސާ ލިބުނު މީހުންގެ ތެރޭގައި ކައުންސިލުގެ ނައިބު ރައީސުން ފެށިގެން އިސް މުވައްޒަފުންނާއި ކޮންޓްރެކްޓް ސްޓާފުން ވެސް ހިމެނެ އެވެ. އެކަމަކު މި ފައިސާގެ ހަރަދުވީ ގިނަ ކަންކަމުގެ ތަފުސީލެއް ވެސް ލިޔެކިޔުމުން އެނގޭކަށް ނެތެވެ.