Advertisement

ބަހާއި ބައިސްކަލަށް ހާއްސަ ލޭނުތަކާ އެކު ހުޅުމާލޭގެ މަގުތަކަށް ބޮޑު ބަދަލެއް

28 ނޮވެންބަރު 2022 - 11:28 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހުޅުމާލޭގެ މަގެއް، މަގުތައް ބޭނުންކުރާ އުސޫލަށް ވަނީ ބޮޑު ބަދަލެއް ގެނެސްފަ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ބަހާއި ބައިސްކަލަށް ހާއްސަ ލޭނުތަކާ އެކު ހުޅުމާލޭގެ މަގުތަކަށް ބޮޑު ބަދަލެއް

28 ނޮވެންބަރު 2022 - 11:28 0

ބަސް އަދި ބައިސްކަލަށް ހާއްސަ ލޭނުތަކެއް ކަނޑައަޅައި، ހުޅުމާލޭގެ މަގުތައް ބޭނުންކުރާ އުސޫލަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.

އެޗްޑީސީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި ބަދަލުގެ ދަށުން ހުޅުމާލޭގެ ނިރޮޅު މަގު އަދި އެހެން މަގުތަކުގައި ލޭންތައް ކުރެހުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެގޮތުން ބައިސްކަލަށް ހާއްސަ ލޭނަކާއި ބަހުގެ ދަތުރުތަކަށް ލުއި ގެނައުމަށް ބަހަށް ހާއްސަ ލޭނެއްވެސް އަންނަނީ ކުރަހަމުންނެވެ.

މި ބަދަލުގެ ދަށުން އެންމެ ފުރަތަމަ ލޭނުތައް ކުރަހައި އަމަލުކުރަން ހަމަޖެހިފައިވަނީ ނިރޮޅު މަގު އަދި ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގަ އެވެ.

މީގެ އިތުރުން ގެނެވޭ ބަދަލާ އެކު ނިރޮޅު މަގުގައި އެއްވެސް ވަރަކަށް ވެހިކަލް ޕާކު ނުކުރެވޭނެ ކަމަށާއި ނަމަވެސް އެ މަގުގައި ހުންނަ ފުލެޓުތަކާއި މީހުން ދިރިއުޅޭ ގެތަކުގެ ކައިރީގައި ޕާކު ކުރެވޭނެ އިންތިޒާމެެއް އެ ކުންފުނިން ހަމަޖައްސައިދޭނެ ކަމަށްވެސް އެޗްޑީސީއިން ބުންޏެވެ.

އެޗްޑީސީއިން އިތުރަށް ބުނެފައިވަނީ ހުޅުމާލޭގައި މުޅިން އަލަށް ބައިސްކަލް ލޭނެއް ގާއިމުކުރެވޭ އެންމެ ބޮޑު އެއް މަގުސަދަކީ އެ އުޅަނދަކީ ސްޕީޑް މަޑު އުޅަދެއް ކަމުން، ބާރު ސްޕީޑްގައި ދުއްވާ އެހެނިހެން އުޅަނދުތަކަށް ދަތިނުވާގޮތަށް މަގުގެ އެއްފަޅިން ބައިސިކަލް ދުއްވޭނެ ޖާގަ ދިނުން ކަމަށެވެ. ބައިސްކަލަށް ހާއްސަ ލޭނު ހުންނާނީ ނޫކުލައިން ފާހަގަކުރެވިފަ އެވެ.

އެޗްޑީސީއިން ބުނުފައިވަނީ މި ބަދަލުތަކާ އެކު އާންމު ރައްޔިތުންނަށް ފަސޭހަވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށާއި މިފަދަ ކަންކަން ހުރަހެއްނެތި ކުރުމަށް އާންމުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.