Advertisement

މޮރޮކޯގެ ހަކީމީ ތާރީހީ މޮޅު ފާހަގަކުރީ މަންމައާ އެކު

28 ނޮވެންބަރު 2022 - 04:01 0

ހަކީމީގެ މަންމަ، ސައީދާ މައޫ، އޭނާގެ ދަރިފުޅު ހަކީމީއާ އެކު އުފާފާޅުކުރަނީ.


މޮރޮކޯގެ ހަކީމީ ތާރީހީ މޮޅު ފާހަގަކުރީ މަންމައާ އެކު

28 ނޮވެންބަރު 2022 - 04:01 0

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ މޮރޮކޯ އިން 2-0 އިން ބެލްޖިއަމް ބަލިކޮށް ހޯދި ތާރީހީ މޮޅު، މޮރޮކޯގެ ފުލްބެކް، އަޝްރަފް ހަކީމީ ފާހަގަކުރީ ދަނޑުގައި މެޗު ބަލަން ގޮސް ހުރި، އޭނާގެ މަންމަ، ސައީދާ މައޫއާ އެކު އެވެ.

މޮރޮކޯ އިން މިރޭ ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގައި ހޯދި މޮޅާ އެކު 1998 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ މެޗަކުން ކާމިޔާބު ހޯދީ އެވެ. މޮރޮކޯގެ މި މޮޅާ އެކު 1986 ވަނަ އަހަރުގެ ފަހުން އެ ޓީމަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކައުޓް ބުރު ކުޅެލަން ލިބުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ.

ދެ ވަނަ ހާފުގައި މިރޭ ބެލްޖިއަމް ކޮޅަށް މޮރޮކޯގެ ގޯލުތައް ޖެހީ އަބްދުލް ހަމީދު ސަބީރީ އާއި ޒަކަރިއްޔާ އަބޫކްލާލް އެވެ.

މެޗަށް ފަހު މޮރޮކޯގެ ތަރި ހަކީމީ ވަނީ ދަނޑަށް މެޗު ބަލަން ހުރި އޭނާގެ މަންމަ ގާތަށް ގޮސް، ލިބުނު މޮޅުގެ އުފާފާޅުކުރުމުގައި މަންމަ ބައިވެރިކޮށްފަ އެވެ. އަދި ހަކީމީ ވަނީ މެޗުގައި އޭނާ ބޭނުންކުރި ޖޯޒީ ވެސް އޭނާގެ މަންމަ ސައީދާ އަށް ހަދިޔާކޮށްފަ އެވެ.

ރެއާލް މެޑްރިޑާއި އިންޓަ މިލާން އަށް ކުޅުމަށް ފަހު މިހާރު ޕީއެސްޖީގައި ވިދަމުން އަންނަ ހަކީމީ އަކީ މި ފަހަރުގެ ވޯލްޑް ކަޕަށް މޮރޮކޯ ކޮލިފައިކޮށްދިނުމުގައި ވެސް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އަދި ރޭ ބެލްޖިއަމްގައި އޮތް ތަރިން ގިނަ ޓީމު ކައިރީގައި ވެސް ހަކީމީ ދެއްކި ކުޅުން ފާހަގަކުރަން ޖެހެ އެވެ.

ދުނިޔޭގެ ރޭންކިން ދެ ވަނައިގައި އޮތް ބެލްޖިއަމް އަތުން މޮރޮކޯ މި ހޯދި މޮޅާ އެކު، ގަދަ 16 ޓީމުގެ ބުރުން ޖާގަ ޔަގީންކުރަން މޮރޮކޯ އަށް ފަހު މެޗުން ކެނަޑާ އަތުން ބޭނުންވާނީ ޕޮއިންޓެކެވެ. މޮރޮކޯ އިން ފުރަތަމަ މެޗުން ވަނީ ކްރޮއޭޝިއާ އަތުން ޕޮއިންޓެއް ހޯދައިފަ އެވެ. ކްރޮއޭޝިއާ ރޭ ވަނީ ކެނަޑާ އަތުން 4-1 އިން މޮޅުވެފަ އެވެ.

ގްރޫޕް އެފްގެ އެއް ވަނައިގައި ކްރޮއޭޝިއާ އޮތީ ދެ ވަނައިގައި އޮތް މޮރޮކޯއާ އެއްވަރަށް ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ބެލްޖިއަމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ދެ މެޗު ކުޅެގެން ވެސް ޕޮއިންޓެއް ނުލިބި އޮތް ކެނަޑާ ވަނީ ކަޓައިފަ އެވެ.

ހަކީމީ ރޭގެ މެޗުގެ އުފާފާޅުކުރުމުގެ ތެރެއިން އޭނާގެ މަންމަ ސައީދާގެ ނިތްކުރިއަށް ބޮސްދެނީ.


މޮރޮކޯގެ ކޯޗު ހުރީ އިތުރަށް ޓީމު ވަރުގަދަ ކުރުމުގެ ރޫހުގައި

ބެލްޖިއަމް ކަހަލަ ވަރުގަދަ ޓީމެއް ކައިރީގައި މޮރޮކޯ އިން ދެއްކި ކުޅުމަށް އެ ޓީމުގެ ކޯޗު ވަލީދު ރެގްރާގީ ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އޭނާ ބުނީ ފާހަގަކުރެވުނު އެހެން ކަންތައްތަކަށް ބަލާއިރު، މޮރޮކޯ ޓީމު އިތުރަށް ރަނގަޅު ކުރެވޭނެ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"އަހަރެމެންނަށް އަދިވެސް ރަނގަޅުކުރެވިދާނެ. ހަތަރު ޕޮއިންޓް އޮތީމަ ހިތްހަމަޖެހޭ ބަޔަކު ހުރެދާނެ. އެކަމަކު، އަހަރެން އުފާވާނީ ގިނަ ޕޮއިންޓް ހޯދައި، އަނެއް ބުރަށް ވެސް ދަތުރުކުރެވިގެން. ގަދަ 16 ބުރަށް ކޮލިފައިވާން އަހަރެން ބޭނުން،" ވަލީދު ބުންޏެވެ.

މޮރޮކޯ އިން ރޭ ހޯދި މޮޅުގެ އުފާފާޅުކުރުންތައް އެ ގައުމުގައި ވެސް ކުރިއަށްދިޔަ އެވެ. އަދި ބެލްޖިއަމް ބަލިވުމުން އެ ގައުމުގައި ސަޕޯޓަރުންގެ ހިތްހަމަނުޖެހުން ބޮޑުވެ، ހަމަނުޖެހުންތަކެއް ވެސް ހިނގާފައިވެ އެެވެ.