Advertisement

ސްޕެއިނާއި ޖަރުމަނު ފުއްދާލީ ޕޮއިންޓަކުން

28 ނޮވެންބަރު 2022 - 02:05 0

ސްޕެއިންގެ އޭރިއާތެރެއިން ޖަރުމަނުގެ ފުލްކްރުގް ގޯލަށް ބޯޅަ ފޮނުވާލަނީ.


ސްޕެއިނާއި ޖަރުމަނު ފުއްދާލީ ޕޮއިންޓަކުން

28 ނޮވެންބަރު 2022 - 02:05 0

ދޯހާ، ގަތަރު (ނޮވެމްބަރު 28) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ސްޕެއިނާއި ޖަރުމަނު 1-1 އިން އެއްވަރުވެ، ދެ ޓީމު ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

ފުރަތަމަ މެޗުގައި ޖަރުމަނު ވަނީ ޖަޕާން އަތުން ބަލިވެފަ އެވެ. މިރޭ ސްޕެއިން އިން ލީޑުނެގި ނަމަވެސް ޖަރުމަނުން ވަނީ އެއްވަރުކޮށް، މުބާރާތުގައި ފުރަތަމަ ޕޮއިންޓް ހޯދައިފަ އެވެ. މި ނަތީޖާއާ އެކު ޖަރުމަނަށް ވެސް ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު އޮންނާނެ އެވެ.

ގްރޫޕް އީގައި ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު، ސްޕެއިން އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޖަޕާނާއި ތިން ވަނައިގައި އޮތް ކޮސްޓަ ރިކާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ޖަރުމަނުން ވަނީ ޕޮއިންޓެއް ހޯދައިފަ އެވެ.

މި ގްރޫޕްގެ ފަހު މެޗުތައް އެއް ގަޑިއެއްގައި ކުޅޭއިރު، ސްޕެއިން ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ. އަދި އަނެއް މެޗުގައި ކޮސްޓަ ރިކާ ބައްދަލުކުރާނީ ޖަރުމަނާ އެވެ. ސްޕެއިނަށް އެއްވަރުކޮށްލައިގެން ވެސް ގަދަ 16 ބުރަށް ދެވޭނެ އެވެ. ޖަރުމަނުން ޖެހޭނީ ކޮސްޓަ ރިކާގެ މައްޗަށް ރަނގަޅު މޮޅެއް ހޯދާށެވެ.

ސްޕެއިންގެ މޮރާޓާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: މި ފަހަރުގެ ވޯލްޑް ކަޕްގައި މޮރާޓާ ޖެހި ދެ ލަނޑު ވެސް ކާމިޔާބުކުރީ ބެންޗުން އަރައި.


އަލް ބައިތު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިނަށް ލީޑުނަގައިދޭން ޑެނީ އޮލްމޯ ޖެހި ބާރު ބޯޅަ ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ އަތުގައި ޖެހިފައި ބޭރުވީ ދަނޑީގައި ވެސް ޖެހިފަ އެވެ.

ފުރަތަމަ ހާފުގައި ޖަރުމަނުގެ އެންޓޯނިއޯ ރޫޑިގާ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. ހިލޭ ޖެހުމަކުން ރުޑިގާ ބޮލުން ޖެހި ގޯލު އޮފްސައިޑް ކަމަށް ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި، ކަށަވަރުކުރުމަށް ފަހު އެވެ.

މެޗުގައި ފުރަތަމަ ގޯލު ޖެހީ ސްޕެއިނުންނެވެ. ބަދަލަކަށް ކުޅެން އެރި އަލްވާރޯ މޮރާޓާ، މެޗުގެ 62 ވަނަ މިނިޓްގައި މި ގޯލު ޖެހީ އޭރިއާތެރެއަށް ޖޯޑީ އަލްބާ ނެގި ހުރަހަކަށް އަރަ އެވެ. ކީޕަރު ނޯޔާ އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ޖަރުމަނަށް ނަތީޖާ ހަމަހަމަކޮށްދޭން ޒުވާން މިޑްފީލްޑަރު، ޖަމާލް މުސިއާލާ ހުސްކޮށް އަރައި ފޮނުވާލި ބޯޅަ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ވަނީ މަތަކޮށްފަ އެވެ.

ޖަރުމަނުން އެއްވަރުކުރީ މެޗުގެ 83 ވަނަ މިނިޓްގައި ނިކްލަސް ފުލްކްރުގް ޖެހި ލަނޑުންނެވެ. މުސިއާލާ ކޮންޓްރޯލް ކޮށްލި ބޯޅައެއް އޭރިއާތެރެއަށް އެރި ފުލްކްރުގް އަށް ލިބުމުން އޭނާ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

މި މެޗުން ޖަރުމަނު އެއްވަރުވިއިރު، އެ ޓީމު މި ވަނީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ މެޗުން ބަލިވުުމުގެ ބިރުން ސަލާމަތްވެފަ އެވެ.