Advertisement

ސަރުކާރަށް ފާޑުކިޔުމުން އިރާންގެ ރޫހާނީ ލީޑަރުގެ އާއިލީ ބޭފުޅަކު ހައްޔަރުކޮށްފި

28 ނޮވެންބަރު 2022 - 10:00 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފަރީދާ މުރާދްހާނީގެ ވީޑިއޯއެއް ވަނީ އާއްމުވެފައި. -- ފޮޓޯ: ޔޫޓިއުބް


ސަރުކާރަށް ފާޑުކިޔުމުން އިރާންގެ ރޫހާނީ ލީޑަރުގެ އާއިލީ ބޭފުޅަކު ހައްޔަރުކޮށްފި

28 ނޮވެންބަރު 2022 - 10:00 0

އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީއަށް ބޮޑުބޭބެ ކިޔާ އަންހެނަކު ސަރުކާރަށް ފާޑުކިޔައި ވީޑިއޯއެއް ރެކޯޑް ކުރުމުން އޭނާ ހައްޔަރުކޮށްފި އެވެ.

ފަރީދާ މުރާދްހާނީ ސަރުކާރަށް ފާޑުކިޔާ ވީޑިއޯ މިހާރު ވަނީ އާއްމުވެފަ އެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ހާމަނާއީ އާއި ސަރުކާރަށް ފާޑުކިޔައިފަ އެވެ.

އޭނާގެ ބޭބެ މަހްމޫދް މުރާދްހާނީ ކުރި ޓްވީޓެއްގައި ބުނީ ކޮއްކޮ ހައްޔަރު ކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. ފަރީދާގެ ވީޑިއޯ ޔޫޓިއުބްގައި އާއްމުކުރީ ހޮނިހިރު ދުވަހު އޭނާގެ ބޭބެ އެވެ.

"މިނިވަން ރައްޔިތުން ތިބީ އަޅުގަނޑުމެންނާ އެކު. މި އަނިޔާވެރި ސަރުކާރަށް ތާއީދު ނުކުރުމަށް ހުރިހާ ގައުމެއްގެ ރައްޔިތުން ނުކުމެ، އެ ގައުމެއްގެ ސަަރުކާރަށް ބާރު އަޅާ،" އޭނާ ވީޑިއޯގައި ބުންޏެވެ.

އެ ވީޑިއޯ ރެކޯޑް ކުރީ ކޮން އިރަކު ކަމެއް ސާފެއް ނޫނެވެ. ފަރީދާ ބުނީ އިރާން ސަރުކާރާ ދެކޮޅަށް މިހާރު އަޅާފައި ހުރި ފިޔަވަޅުތަކުން ނުފުދޭ ކަމަށެވެ.

ފަރީދާއަކީ ހާމަނާއީގެ އަންހެން ކޮއްކޮ، ބަދްރީގެ އަންހެން ދަރިއެކެވެ. ބަދްރީ އާއި އާއިލާގެ އެހެން މެމްބަރުންނާ ދެމެދު 1980 ގެ އަހަރުތަކުގައި މައްސަލަ ޖެހުނެވެ.

އޭގެ ފަހުން އިރާން ދޫކޮށް ގޮސް، ބަދްރީ ދިރިއުޅުނީ އިރާގުގަ އެވެ. ބަދްރީގެ ފިރިމީހާއަކީ އޭރު އިރާން ސަރުކާރާ ދެކޮޅަށް އަޑު އުފުލި އިލްމުވެރިޔާ އަލީ ތެހްރާނީ ނުވަތަ އަލީ މުރާދްހާނީ އަރަންގެހް އެވެ.

އެ ދެ މީހުންގެ އަންހެން ދަރި، ފަރީދާ މަގްބޫލުވީ މަރުގެ ހުކުމާ ދެކޮޅަށް އަޑު އުފުލަން ފެށުމުންނެވެ. މި އަހެރުގެ ޖެނުއަރީ މަހު އިރާނުގައި އޭނާ ހައްޔަރު ކުރި އެވެ.

ކަފާލާތުގެ ދަށުން އޭނާ މިނިވަން ކުރީ އެޕްރީލް މަހުގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން މިދިޔަ ބުދަ ދުވަހު ވީޑިއޯ ރެކޯޑް ކުރި ފަހުން ފަރީދާ ހައްޔަރުކޮށްގެން ގެންދިޔައީ ކުރިން ކޮށްފައިވާ 15 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ފެށުމަށް ކަމަށް ބުނެ އެވެ.

އދ. އިން ލަފާކުރާ ގޮތުގައި ސެޕްޓެމްބަރު މަހުގެ މެދު ތެރޭގައި އިރާނުގައި ފެށި މުޒާހަރާތަކުގައި މިހާތަނަށް 14،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެ އެވެ. ޖުމްލަ 416 މީހުން މަރުވެފައިވާ އިރު، 51 ކުދިން އޭގެ ތެރޭގައި ހިމެނެ އެވެ.

އިރާނުގައި މުޒާހަރާ ފެށީ ބުރުގާ ނާޅާ ހުރުމުން ހައްޔަރު ކުރި ޒުވާން އަންހެނަކު މަރުވި މައްސަލައިގަ އެވެ. އުމުރުން 22 އަހަރުގެ މަހްސާ އާމިނީއަކީ ކުރުދީ ދަރިކޮޅުގެ އަންހެނެކެވެ.