Advertisement

ތުރުކީގެ ވައިގެ ހަމަލާތަކާ ދެކޮޅަށް ކުރުދީންގެ ބޮޑު އެއްވުމެއް

28 ނޮވެންބަރު 2022 - 07:16 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކުރުދީންގެ އެއްވުމުގައި އެތައް ހާސް މީހުން ބައިވެރިވި. -- ފޮޓޯ: އޭއެފްޕީ


ތުރުކީގެ ވައިގެ ހަމަލާތަކާ ދެކޮޅަށް ކުރުދީންގެ ބޮޑު އެއްވުމެއް

28 ނޮވެންބަރު 2022 - 07:16 1

ސީރިއާގެ އިރުއުތުރުގައި އުޅޭ ކުރުދީންނާ ދެކޮޅަށް ތުރުކީއިން ދޭ ވައިގެ ހަމަލާތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި އެވެ.

މުޒާހަރާ އޮތީ ސީރިއާގެ ގަމިޝްލީ ސިޓީގަ އެވެ. ތުރުކީއިން ބޯޑަރު ހުރަސްކޮށް ދޭ ވައިގެ ހަމަލާތައް އަމާޒު ކުރާނީ ކުރުދީން އުޅޭ ހިސާބުތަކަށެވެ.

ސީރިއާގެ އުތުރާއި އިރުއުތުރުގެ އިތުރުން އިރާގުގެ ބައެއް ހިސާބުތަކުގައި އުޅޭ ކުރުދީންނަށް އަމާޒުކޮށް ބޮޑު އޮޕަރޭޝަނެއް ތުރުކީއިން ފެށީ މިދިޔަ ހަފުތާގަ އެވެ.

އެ އޮޕަރޭޝަން ފެށީ އިސްތަންބޫލްގެ ތަކްސިމް މައިދާން ކައިރީގައި ވިޔަފާރި ކުރުމަށް މަގްބޫލް އިސްތިކްލާލް މަގުގައި ދިން ބޮމުގެ ހަމަލާގައި ހަ މީހުން މަރުވެ، 80 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައި ވަނިކޮށެވެ.

ތުރުކީއިން ބުނީ އެ ހަމަލާ ދިނީ ކުރުދިސްތާން ވޯކާޒް ޕާޓީ (ޕީކޭކޭ) އިން ކަމަށެވެ. ޕީކޭކޭއަކީ ތުރުކީ އާއި ހުޅަނގުގެ ގައުމުތަކުން ޓެރަރިސްޓު ގްރޫޕެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބަޔެކެވެ.

ޕީކޭކޭއިން ދަނީ 1984 ވަނަ އަހަރުން ފެށިގެން ތުރުކީ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. ކުރުދީން ބޭނުން ވަނީ އެ މީހުންގެ ވަކި ދައުލަތެކެވެ.

އެހެން ނަމަވެސް، ތަކްސިމް މައިދާނުގައި ދިން ހަމަލާއާ ޕީކޭކޭއާ ގުޅުމެއް ނެތް ކަމަށް އެ ގްރޫޕުން ބުނެ އެވެ.