Advertisement

އެމެރިކާއިން އެހީގެ ގޮތުގައި އުރުދުންއަށް 845 މިލިއަން ޑޮލަރު ފޯރުކޮށްދެނީ

28 ނޮވެންބަރު 2022 - 05:32 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އުރުދުންގެ ރަސްގެފާނު އަބްދުﷲ. -- ފޮޓޯ: ޝަޓާސްޓޮކް


އެމެރިކާއިން އެހީގެ ގޮތުގައި އުރުދުންއަށް 845 މިލިއަން ޑޮލަރު ފޯރުކޮށްދެނީ

28 ނޮވެންބަރު 2022 - 05:32 0

އެމެރިކާއިން އެހީގެ ގޮތުގައި އުރުދުންއަަށް 845 މިލިއަނ ޑޮލަރު ފޯރުކޮށްދޭނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އުރުދުން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ "އަހަރީ މާލީ ސަޕޯޓްގެ ގޮތުގައި 845.1 މިލިއަން ޑޮލަރު" ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އުރުދުންގެ ބޮޑު ވަޒީރު ބިޝާރް އަލް ހަސަވްނޭ ބައިވެރިވެވަޑައިގެންނެވި އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވީ އުރުދުންގެ ޕްލޭނިން އަދި އިންޓަނޭޝަނަލް ކޯޕޮރޭޝަންއާ ބެހޭ މިނިސްޓަރު ޒެއިނާ ތުކާން އާއި ޔޫއެސްއެއިޑްގެ އޮފިޝަލް މާގަރެޓް ސްޕިއާޒް އެވެ.

އުރުދުންއަކީ މެދުއިރުމަަތީގައި ހުޅަނގުގެ ގައުމުތަކަށް މުހިއްމު ބައިވެރިއެކެވެ. އެ ގައުމުގެ އިގްތިސާދު ހިންގުމަށް ބޭރުގެ އެހީއަށް ވަރަށް ބޮޑަށް ބަރޯސާވެ އެވެ.

"މި އެހީއަށް އުރުދުންއިން ވަރަށް ބޮޑަށް ޝުކުވެރިވަން. މިކަމުން ރަމްޒުކޮށްދެނީ އުރުދުންއަށް ދިމާވާ ގޮންޖެހުންތައް އެމެރިކާއަށް ވިސްނޭކަން،" ބޮޑު ވަޒީރު ހަސަވްނޭ ވިދާޅުވި އެވެ.

މިނިސްޓަރު ތުކާން ވިދާޅުވީ އެއްބަސްވި ގޮތަށް އެމެރިކާގެ އެހީ ފޯރުކޮށްދޭނީ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ކަމަށާއި އެ ފައިސާ ބޭނުން ކުރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އެމެރިކާއިން ބުނީ 2023 އާއި 2029 އާ ދެމެދު އުރުދުންއަށް އެހީގެ ގޮތުގައި 10.15 ބިލިއަން ޑޮލަރު ފޯރުކޮށްދޭނެ ކަމަށެވެ.

އުރުދުންއަކީ ގުދުރަތީ ވަސީލަތްތައް މަދު، ކުޑަ ގައުމެކެވެ. އެ ގައުމުގައި އޮންނަނީ އެންމެ ބަނދަރެކެވެ. އެއީ ރަަތް ކަނޑުގައި އޮންނަ އަގަބާ ބަނދަރެވެ.

ވޯލްޑް ބޭންކުން ބުނާ ގޮތުގައި އުރުދުން އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފަ އެވެ، އާބާދީގެ 23 ޕަސެންޓަށް ވަޒީފާ ނުލިބުމުގެ މައްސަލަ ވެސް އެބަ އޮތެވެ.

އަވައްޓެރި ސީރިއާގެ 675،000 މީހުން ރަސްމީކޮށް ރަޖިސްޓްރީވެގެން ރެފިއުޖީންގެ ގޮތުގައި އުރުދުންގައި ދިރިއުޅެމުންދެ އެވެ.

އެކަމަކު އުރުދުންގެ ސަރުކާރުން ލަފާކުރާ ގޮތުގައި ރެފިއުޖީންގެ ހަގީގީ އަދަދު މިލިއަނަކަށް ވުރެ މަތިވާނެ އެވެ. ރެފިއުޖީންނަށް އެހީވުމަށް ކުރާ ހޭދަ 12 ބިލިއަން ޑޮލަރަށް ވުރެ މަތިވެފައިވާ ކަމަށް އެ ގައުމުން ބުނެ އެވެ.