Advertisement

ހުޅުމާލޭގައި 761 ދަރިވަރުންގެ ޖާގައިގެ ސްކޫލެއް އަޅަން ވިލާއަށް

27 ނޮވެންބަރު 2022 - 17:18 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހުޅުމާލޭގައި 761 ދަރިވަރުންގެ ޖާގައިގެ ސްކޫލެއް އަޅަން ވިލާއަށް

27 ނޮވެންބަރު 2022 - 17:18 0

ހުޅުމާލެ ފޭސް އެކެއްގައި 761 ދަރިވަރުންގެ ޖާގައިގެ ސްކޫލެއް އެޅުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ވިލާ އެޑިއުކޭޝަނަލް ސާވިސަސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު އޮތް ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ. އަދި، ވިލާގެ ފަރާތުން ސޮއިކުރެއްވީ އެ ވިލާ ކޮލެޖުގެ ރެކްޓަރު އަހްމަދު އަންވަރު އެވެ.

ޖުމުލަ ހަ ބުރިއަށް އިމާރާތްކުރާ މި ސްކޫލުގައި 20 ކްލާސްރޫމް ހުންނާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި، ގްރޭޑް އެކަކުން 12 އަށް މި ސްކޫލުގައި ދަރިވަރުންނަށް ކިޔަވައިދޭނެ އެވެ. އޭގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ކިޔަވައިދެވޭނެ އިންތިޒާމް ހުންނާނެ ކަމަށާއި ރޮބޮޓިކް ލެބެއް ވެސް މި ސުކޫލުގައި ގާއިމްކުރާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެ އެވެ.

މި ސްކޫލާ އެކު ވަޒީފާގެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ބެލެވޭއިރު އެޑްމިނިސްޓްރޭޓިވް ދާއިރާއިންނާއި އެކެޑެމިކް ދާއިރާއިން 100 ވަރަކަށް ވަޒީފާ އުފެދޭނެ ކަމަށް ބެލެވެ އެވެ.

ހުޅުމާލެގައި ފެންވަރު ރަނގަޅު ތައުލީމީ ޖީލެއް ބިނާކުރުމަށް އަމާޒުކޮށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެޗްޑީސީން ބުނެ އެވެ.

މިހާރު ވެސް ހުޅުމާލޭގައި ގިނަ އަދަދެއްގެ ސްކޫލުތައް އިމާރާތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން، ހުޅުމާލޭގައި ފަސް ސްކޫލެއް އިމާރާތް ކުރުމަށް ދާދިފަހުން އެ ކުންފުނިން ވަނީ ސޮއިކޮށްފަ އެވެ.

ހުޅުމާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު ފޭސް އެކެއް އަދި ދޭއްގެ އާބާދީއަށް ބޭނުންވާ ވަރަށް ސްކޫލެއް ނެތެވެ. އެހެންކަމުން މި ސްކޫލުތައް ނިމުމާ އެކު ހުޅުމާލެއިން ދިގު ދަތުރެއް ކުރުމަށްފަހު މާލޭގައި ހުންނަ ސްކޫލަށް އަންނަން ޖެހޭ އައުމަށް ނިމުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.