Advertisement

އިނގިރޭސި މީޑިއާ އިން ޓީމު ނަގާނެ ގޮތް ބުނެދޭތީ ސައުތުގޭޓް ހިތްހަމަނުޖެހިފައި

27 ނޮވެންބަރު 2022 - 14:56 0


އިނގިރޭސި މީޑިއާ އިން ޓީމު ނަގާނެ ގޮތް ބުނެދޭތީ ސައުތުގޭޓް ހިތްހަމަނުޖެހިފައި

27 ނޮވެންބަރު 2022 - 14:56 0

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑް ކުޅުނު ފުރަތަމަ މެޗުގައި އިރާން އަތުން 6-2 އިން މޮޅުވިއިރު، އެ މެޗުގައި އިންްގްލެންޑްގެ ހުރިހާ ކަމެއް ރަނގަޅު ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް ދެ ވަނަ މެޗުގައި އިންގްލެންޑުން ލަނޑެއް ނުޖެހި 0-0 އިން އެެމެރިކާއާ އެއްވަރުުވުމާ އެކު، އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓަށް ސަޕޯޓަރުންނާއި މީޑިއާގެ ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ.

އިންގްލެންޑުން މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލީ ދަށް ރެކޯޑަކާ އެކު އެވެ. ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގެ ކުރިން އިންގްލެންޑުން އެންމެ ފަހުން ކުޅުނީ ނޭޝަންސް ލީގުގެ ހަ މެޗެވެ. ހަަ މެޗުން ވެސް މޮޅެއް ނުލިބެ، ނޭޝަންސް ލީގުގެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ އެވެ. އެހެންވެ، ވޯލްޑް ކަޕްގެ ކުރިން އިންގްލެންޑްގެ ކޯޗުގެ މަގާމު ސައުތުގޭޓަށް މުބާރާތުގެ ކުރިން ގެއްލިދާނެކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ.

އެކަމަކު، ސައުތުގޭޓް މަގާމުގައި ދެމިހުރެ، މި ފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑް ކުޅުނު ފުރަތަމަ މެޗުން އިރާން އަތުން ވޯލްޑް ކަޕެއްގެ ފުރަތަމަ މެޗުގައި ލިބުނު އެންމެ ބޮޑު މޮޅު ހޯދައިދީ، ޔަގީންކަމެއް އިތުބާރެއް ގެނެސްދިނެވެ.

އެހެން ނަމަވެސް، ފަހުން ހާލަތު ބަދަލުވެ، ސައުތުގޭޓާ މެދު އިނގިރޭސި މީޑިއާ އާއި ސަޕޯޓަރުން ހިތްހަމަނުޖެހުނީ ދެ ވަނަ މެޗުގައި އެމެރިކާއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެކަށީގެންވާ ރަނގަޅު ކުޅުމެއް ވެސް އެ މެޗުގައި ނުދެއްކޭތީ އެވެ.

އެމެެރިކާ އިން އެ މެޗު އެއްވަރުކުރުމަށް ފަހު ވެސް އުފާފާޅުކުރީ ވޯލްޑް ކަޕެއްގައި މިހާތަނަށް މި ދެ ޓީމުން ވާދަކުރި ތިން ފަހަރު ވެސް އެމެރިކާ ބަލިވެފައިނުވާތީ އެވެ. އެ ގޮތުން 1950 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާ އިން އިންގްލެންޑް ބަލިކުރި އެވެ. އޭގެ ފަހުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ މެޗުގައި އެމެރިކާ އާއި އިންްގްލެންޑް ވީ 1-1 އިން އެއްވަރެވެ.

އެމެރިކާ އާއި އިންގްލެންޑުން މި ފަހަރުގެ ވޯލްޑް ކަޕްގައި އެއްވަރުވި މެޗަށް ފަހު ގިނަ ސަޕޯޓަރުންނާއި އިނގިރޭސި ފުޓްބޯޅަ އެނަލިސްޓުން (ކުރީގެ ކުޅުންތެރިން) ހިތްހަމަނުޖެހުނު އެންމެ ބޮޑު ސަބަބަކީ އެ މެޗުގައި ފިލް ފޯޑެން ކުޅެން ނޭރުވުމުންނެވެ. ފޯޑެން ކުޅެން ނޭރުވި ސަބަބު އޮޅުންފިލުވައިދިންއިރު, ސައުތުގޭޓް ވަނީ އިނގިރޭސި މީޑިއާ އަށް ވެސް ބަހުގެ ހަމަލާއެއް ފޮނުވާލައިފަ އެވެ.

"ޔަގީނުން ވެސް އަހަންނަށް އެނގޭ އަހަރެން ނާރުވާ ކުޅުންތެރިއަކުގެ ވާހަކަ މީޑިއާ އިން އަހާނެކަން. ފަސް ފޯވާޑުން ތިބޭއިރު, އަހަރެން މި މެޗުގައި ބޭނުންނުކުރާ ކުޅުންތެރިޔާގެ ވާހަކަ މި ވަގުތު ތި އަހަނީ, އެހެން ދުވަހަކު އަހާނީ އެހެން ކުޅުންތެރިއަކުގެ ވާހަކަ. ޓީމު ނެގުމުގައި އަހަރެން ކަންކުރަންވީ ގޮތް މީޑިއާ އިން ބުނެދިނުމަކީ އާ ކަމެއް ނޫން," ފޯޑެން ނޭރުވި ސަބަބު އޮޅުންފިލުވަން ކުރި ސުވާލަކަށް ސައުތުގޭޓް ޖަވާބު ދިނެވެ.

"މިއީ އިންގްލެންޑްގެ މެދުތެރެ އަށް ބަދަލެއް ގެންނަން ޖެހޭ މެޗަކަށް ވާތީ ފިލް (ފޯޑެން) ނޭރުވީ. އެއީ އޭނާ އަކީ މެދަށް ކުޅޭ ކުޅުންތެރިއަކަށް ނުވާތީ, ކްލަބްގައި ވެސް. މި މެޗަކީ ހަގީގަތުގައި މެދުތެރެއަށް ތަޖުރިބާގެ ބަދަލެއް ބޭނުންވި މެޗަކަށް ވާތީ, އެ ކުޅުންތެރިން އެރުވީ,"

އިނގިރޭސި ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ސައުތުގޭޓް.


މާކަސް ރެޝްފޯޑާއި ޖެކް ގްރީލިޝް އެރުވުމުގެ ކުރިން ފޯޑެން ފަޅިއަކަށް ބޭނުންކުރެވޭނެ ނޫންތޯ ސުވާލުކުރުމުން ސައުތުގޭޓް ބުނީ، "މީޑިއާ އިން ނަގާ ޓީމާއި ޓެކްނިކަލީ ނިންމާ ނިންމުން ތަފާތުވާނެ" ކަމަށެެވެ.

އިނގިރޭސި ފުޓްބޯޅަ އެނަލިސްޓުންނާއި މީޑިއާތަކުން އެ ގައުމުގެ ގައުމީ ޓީމު ނަގަންޖެހޭ ގޮތް ބުނެދޭތީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސައުތުގޭޓް ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ.

"އަހަންނަކީ ބޭރުން އިވޭ ކޮންމެ އަޑަކަށް ބަލައިގެން މަސައްކަތް ކުރުމުގެ ޝައުގު ހުންނަ މީހެއް ނޫން،" ސައުތުގޭޓް ބުންޏެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ޑީގެ އެއް ވަނައިގައި އިންގްލެންޑް އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. އެ ގްރޫޕްގެ ދެ ވަނައިގައި އިރާން އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އެމެރިކާ އަށް ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ވޭލްސް އަށް ދެ މެޗުން ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ގްރޫޕްގެ ފަހު މެޗުގައި އިންގްލެންޑުން ކުޅޭނީ ވޭލްސްއާ އެވެ. އަދި އިރާނުން ބައްދަލުކުރާނީ އެމެރިކާއާ އެވެ.