Advertisement

ބެޑްމިންޓަން އަތޮޅު ލީގުގެ ތަށި ހޯދައި ކެޔޮދޫ ހައިޝަމްގެ ހުވަފެން ހަގީގަތަކަށް

27 ނޮވެންބަރު 2022 - 14:23 0


ބެޑްމިންޓަން އަތޮޅު ލީގުގެ ތަށި ހޯދައި ކެޔޮދޫ ހައިޝަމްގެ ހުވަފެން ހަގީގަތަކަށް

27 ނޮވެންބަރު 2022 - 14:23 0

އައްޑޫ ސިޓީގައި ކުރިއަށްދިޔަ ލިޓަސް 13 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައި، ވ. ކެޔޮދޫ އަށް އުފަން އުމުރުން 19 އަހަރުގެ ހައިޝަމް އިބްރާހިމް އަލީ، ކުޑައިރުއްސުރެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ހަދައިފި އެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޓްރެއިނިން ސްކޮލަޝިޕެއްގެ ތެރެއިން މީގެ ދެ އަހަރު ކުރިން ބެޑްމިންޓަން ޓްރެއިނިންތައް ފެށި ހައިޝަމް ވަނީ މި ފަހަރުގެ އަތޮޅު ލީގުގައި ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދުމުގެ އިތުރުން މިކްސް ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

މިކްސް ޑަބަލްސްގައި ހައިޝަމް ކުޅުނީ، އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި، އޭނާއާ އެކު ރިވައިވަލް އަށް ކުޅޭ ފިރުޝާނާ ނަސީރުއާ އެއް ޕެއާ އަކަށެވެ. އަދި ހައިޝަމް ވަނީ ފިރިހެން ޓީމު އިވެންޓް ބައިން ވެސް ރަން މެޑަލް ހޯދި ޓީމުގައި ހިމެނިފަ އެވެ.

އަތޮޅު ލީގުގެ ފިރިހެން ސިންގަލްސްގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންއ ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: ބެޑްމިންޓަން އެސޯސިއޭޝަން


އައްޑޫ ބެޑްމިންޓަން އެރީނާގައި މި މަހު 19 އިން 25 އަށް ކުރިއަށްދިޔަ އަތޮޅު ލީގުގެ ފިރިހެން ސިންގަލްސް އިން ހައިޝަމް މޮޅުވީ ނާތިޖް އަލީއާ ވާދަކޮށް، 21-15 އާއި 21-17 އިންނެވެ. މިކްސް ޑަބަލްސްގައި ފިރުޝާނާ އާއި ހައިޝަމްގެ ޕެއާ ވަނީ އިބްރާހިމް ނަޝީދު އާއި އާސިމާ މުހައްމަދުގެ ޕެއާއާ ވާދަކޮށް، 21-16، 21-16 އިން މޮޅުވެފަ އެވެ.

ހައިޝަމް، "އަދަދު" އަށް ބުނީ އެންމެ ފުރަތަމަ ބެޑްމިންޓަން ކުޅެން ފެށިއިރު ވެސް ދެކެމުން އައި ހުވަފެނަކީ ބެޑްމިންޓަންގެ އަތޮޅު ލީގުގެ ޗެމްޕިއަންކަން ހޯދުން ކަމަށެވެ. އަދި އެކަން ހާސިލްކުރަން ރިވައިވަލްއާ އެކު ޓްރެއިނިން ފެށިތާ މިވީ ދެ ވަރަކަށް އަހަރު ތެރޭ ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ހަައިޝަމް ވަނީ ބުނެފަ އެވެ.

"މިދިޔަ އަހަރު ޓްރެއިނިންތައް ރަނގަޅަށް ފަށައިގެން މި އަހަރުގެ އަތޮޅު ލީގުގައި ރަނގަޅު ކާމިޔާބެއް ހޯދަން އަޒުމު ކަނޑައެޅީ. ސިންގަލްސް އާއި މިކްސް ޑަބަލްސް އިވެންޓުން މި ކާމިޔާބު ލިބުމަކީ ވަރަށް ރަނގަޅު އެކްސްޕީރިއަންސެއް. މި ކާމިޔާބު ހޯދަން އެހީތެރިވެދިން އެންމެނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ހައިޝަމް ބުންޏެވެ.

ހައިޝަމް މެޗެއްގެ ތެރެއިން ބޯޅަ ފޮނުވާލަނީ: މި ފަހުން އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ކުޅުންތެރިއަކީ ހައިޝަމް.


"މަންމަ އާއި ބައްޕަ ދެން، ރިވައިވަލް ސްޕޯޓްސް ކްލަބުން އަހަރެން މި ހިސާބަށް ގެނެސްދޭން ވަރަށް މަސައްކަތް ކޮށްފި. އެކަމަށް ވަރަށް ޝުކުރު އަދާކުރަން. އުފަން ރަށް ފަހުރުވެރިކޮށްދޭ ކާމިޔާބީ ހޯދަން އަަބަދުވެސް ބޭނުންވޭ، އިންޝާﷲ ކުރިއަށް އޮތީ ވެސް އެ ގޮތަށް،"

ރިވައިވަލް އިން ހައިޝަމްގެ ޓްރެއިނިން ކުރިއަށްގެންދާ އެންމެ ބޮޑު ބޭނުމަކީ އެ ކްލަބްގެ ޓާގެޓްތަކާ އެއްގޮތަށް ރާއްޖޭން ބޭރުގައި ވެސް ކާމިޔާބު ހޯދުމުގެ ވިސްނުމުގަ އެވެ. ހައިޝަމް ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު، ތުރުކީގައި ބޭއްވި ޖޫނިއާ އޯޕަންގައި ވެސް ވާދަކޮށްފަ އެވެ. އޭގެ ފަހުން ރިވައިވަލް އިން މި އަހަރު މެލޭޝިއާގައި ކުރިއަށްގެންދިޔަ ޓުއާގައި ވެސް ހައިޝަމް ވަނީ ބައިވެރިވެފަ އެވެ. އަދި މި އަހަރު ގައުމީ ލެވަލްގެ ހުރިހާ މުބާރާތެއްގައި ވެސް ކުުޅުނު ހައިޝަމް ވަނީ ކުޅުމުގެ ލެވަލަށް ބަލާއިރު، ކުރިއެރުންތަކެއް ވެސް ހޯދައިފަ އެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ހައިޝަމް ހޯދަމުން އަންނަ ކުރިއެރުން ރިވައިވަލް ސްޕޯޓްސް ކްލަބުން ވެސް ފާހަގަކުރެ އެވެ. ރިވައިވަލް އިން ހައިޝަމް އަށް ސްކޮލަޝިޕެއް ގޮތަށް ޓްރެއިނިން ގެންދަން ފުރުސަތު ދޭން ނިންމީ އިންޓަ ސްކޫލް ލެވަލްގައި ހައިޝަމްގެ ކުޅުން ފާހަގަކުރެވުމުންނެވެ.