Advertisement

ޓައިވާނުގެ ރައީސް ވެރިކަން ކުރާ ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދީފި

27 ނޮވެންބަރު 2022 - 06:51 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޓައިވާނުގެ ރައީސް ސައި އިންގް ވެން. -- ފޮޓޯ: ރޮއިޓާޒް


ޓައިވާނުގެ ރައީސް ވެރިކަން ކުރާ ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދީފި

27 ނޮވެންބަރު 2022 - 06:51 0

ލޯކަލް އިންތިހާބުގައި ލިބުނު ދަށް ނަތީޖާއާ ގުޅިގެން ޓައިވާނުގެ ރައީސް ސައި އިންގް ވެން ވެރިކަން ކުރާ ޑިމޮކްރެޓިޕް ޕީޕަލްސް ޕާޓީ (ޑީޕީޕީ) ގެ ލީޑަރުކަމުގެ އިސްތިއުފާ ދެއްވައިފި އެވެ.

ހޮނިހިރު ދުވަހުގެ އިންތިހާބުގައި އިދިކޮޅު ކުއޮމިންޓަންގް (ކޭއެމްޓީ) ބޮޑު ކާމިޔާބީތަކެއް ހޯދި އެވެ. އެގޮތުން ވެރިރަށް ޓައިޕޭގެ ގިނަ ވޯޓު ވެސް ލިބުނީ އިދިކޮޅަށެވެ.

ޗައިނާ އާއި އެމެރިކާގެ ވާދަވެރިކަމުގެ ތެރޭގައި ޓައިވާނުގެ މައްސަލަ ހިމެނޭތީ، ހޮނިހިރު ދުވަހުގެ އިންތިހާބަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ.

ރައީސް ސައި ވިދާޅުވީ އެ އިންތިހާބަކީ ޑިމޮކްރަސީ ކުރިއެރުވުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.

"އިންތިހާބުގެ ނަތީޖާ ނިކުތީ ހީކުރި ގޮތަކަށް ނޫން... އެކަމުގެ ފުރިހަމަ ޒިންމާ އަޅުގަނޑު އުފުލާނަން. ޑީޕީޕީގެ ޗެއާވުމަންގެ މަގާމުން ވަގުތުން އިސްތިއުފާ ދީފިން،" ސައި ވިދާޅުވި އެވެ.

ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް، ޓައިވާންގެ ރައީސްކަމުގައި އެކަމަނާ ދެމިހުންނަވާނެ އެވެ.

ހޮނިހިރު ދުވަހު ލޯކަލް އިންތިހާބުގައި ހޮވީ ސިޓީތަކުގެ މޭޔަރުންނާއި ލޯކަލް ކައުންސިލްތަަކުގެ މެމްބަރުންނެވެ. އާއްމުކޮށް އެ އިންތިހާބުގެ ކެމްޕެއިންގައި ހިމެނެނީ ޓައިވާން އެތެރޭގެ މައްސަލަތަކާ ގުޅޭ ބަހުސެވެ.

އެކަމަަކު މި ފަހަރުގެ ކެމްޕެއިންގައި ސައި އާއި ސަރުކާރުގެ އޮފިޝަލުން ވިދާޅުވީ ވޯޓަކީ ޑިމޮކްރަސީ ކުރިއަރުވަންދޭ ވޯޓެއްގެ ގޮތުގައި ދެކުން މުހިއްމު ކަމަށެވެ.

ލޯކަލް އިންތިހާބާ ގުޅުވައިގެން، ވޯޓުލާން ޝަރުތު ހަމަވާ މީހުންގެ އުމުރު ތިރިކުރަން އާއްމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވެސް ހުޅުވާލި އެވެ.

މިހާރު ޓައިވާނުގައި ވޯޓުލެވެނީ އުމުރުން 20 އަހަރު ވުމުންނެވެ. ފެންނަ ނުފެންނަ ވޯޓުގައި ހުށަހެޅީ އުމުރު 18 އަހަރަށް ތިރި ކުރުމަށެވެ. އެކަމަކު ރައްޔިތުން ނިންމީ އެ ބަދަލު ނުގެނައުމަށެވެ.

ޗައިނާ ސަރުކާރުން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމާ ވަކިވެގެން އުޅޭ ޕްރޮވިންސެކެވެ. ޗައިނާގެ ދަށަށް ޓައިވާން ގެންދިޔުމަކީ ޗައިނާ ސަރުކާރުގެ އުއްމީދެވެ.

އެކަމަކު ޓައިވާން ސަރުކާރުން ދެކޭ ގޮތުގައި އެއީ މިނިވަން ދައުލަތެކެވެ. ޓައިވާނުގައި ސަރުކާރު ހޮވަނީ ޗައިނާއާ ހިލާފަށް ޑިމޮކްރެޓިކް ވޯޓަކުންނެވެ.