Advertisement

ޕެނަލްޓީ ހޯދި ގޮތުން ރޮނާލްޑޯ އަށް ފީފާ ގްރޫޕްގެ ތައުރީފު

26 ނޮވެންބަރު 2022 - 18:57 0


ޕެނަލްޓީ ހޯދި ގޮތުން ރޮނާލްޑޯ އަށް ފީފާ ގްރޫޕްގެ ތައުރީފު

26 ނޮވެންބަރު 2022 - 18:57 0

ދޯހާ، ގަތަރު (ނޮވެމްބަރު 26) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާުތުގައި ގާނާ އަތުން 3-2 އިން ޕޯޗުގަލް މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީއެއް ހޯދަން ކުރި މަސައްކަތަށް ފީފާ ޓެކްނިކަލް ސްޓަޑީ ގްރޫޕްގެ މެމްބަރު ސަންޑޭ އޮލީސޭ ތައުރީފުކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެރޭ ގާނާއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގެ ދެ ވަނަ ހާފް ފެށިގެން މާ ގިނައިރެއްނުވެ، ގާނާގެ ޑިފެންޑަރު މުހައްމަދު ސަލީސޫ އެ ޓީމުގެ އޭރިއާތެރެއިން ރޮނާލްޑޯ އަށް ކުރި ފައުލަކަށް މެޗުގެ ރެފްރީ ނިންމީ ޕެނަލްޓީ ދޭށެވެ. އެއީ ޕެނަލްޓީއެއްތޯ ކަށަވަރުކުރަން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ބަލަން، ދަނޑުގައި ހުންނަ މޮނީޓަރުން ބަލަން ވެސް ރެފްރީ ބޭނުމެއްނުވި އެވެ. އެހާ ޔަގީންކަމާ އެކު ޕެނަލްޓީއެއް ދޭން ނިންމި އެވެ.

މެޗަށް ފަހު ގާނާގެ ކޯޗު އޮއްޓޯ އަޑޯ ބުނީ ރޮނާލްޑޯ އަށް ދިން އެ ޕެނަލްޓީ އަކީ ހަދިޔާއެއް ކަމަށެވެ. އަދި އެ ނިންމުމަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް "ގޯސް" ނިންމުމެއް ކަމަށް އަޑޯ ވަނީ ބުނެފަ އެވެ.

އެކަަމަކު، ފީފާ ޓެކްނިކަލް ގްރޫޕްގެ މެމްބަރު، އޮލީސޭ ބުނީ ފޯވާޑުން ޕެނަލްޓީ ހޯދަން ކުރަމުން އަންނަ ކަންކަމުގައި "ވިސްނުންތޫނު" ވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ.

އެއީ ފަހަކަށް އައިސް މެޗުތަކުގައި ޕެނަލްޓީ އިތުރުވަމުން އަންނަ ސަބަބެއް ކަމަށް އޮލީސޭ ފާހަގަކުރި އެވެ.

ގާނާގެ ސަލީސޫ (ކ) ރޮނާލްޑޯ އަށް ފައުލުކުރަނީ: މިއީ ފައުލެއް ކަމަށް ފީފާ ސްޓަޑީ ގްރޫޕުން ވެސް ވަނީ ބުނެފައި.


"މިސާލަކަށް ހިނގާ ރޮނާލްޑޯގެ ޕެނަލްޓީ އަށް ބަލާލަން. ކޮންމެ މީހަކަށް ވެސް ކޮންމެ ވެސް ވާހަކައެއް ދެއްކިދާނެ. އެކަމަކު، އަހަރެން ބުނާނީ އެ ޕެނަލްޓީ ހޯދަން ރޮނާލްޑޯ ވެސް މޮޅީއޭ. ރޮނާލްޑޯގެ ވިސްނުން ވެސް ރަނގަޅީއޭ. ރޮނާލްޑޯ ނިންމީ ފުރަތަމަ ބޯޅައިގައި ޖައްސައި، ބޯޅަ އޮތީ އޭނާގެ ކޮންޓްރޯލްގައިކަން (ރެފްރީ އަށް) ވިސްނައިދޭން. އެ ގޮތަށް ކުރިއަށްގޮސް، ރޮނާލްޑޯ ފައިގައި އިދިކޮޅު ކުޅުންތެރިޔާ ޖެހުމުން ޕެނަލްޓީ ދޭން ޖެހޭ ހާލަތު މި އައީ،" އޮލީސޭ ބުންޏެވެ.

ރޮނާލްޑޯ މި ޕެނަލްޓީން ޖެހި ގޯލާ އެކު އޭނާ ވަނީ ފީފާ އިން ފިިރިހެނުންނަށް ބާއްވާ ތަފާތު ފަސް ވޯލްޑް ކަޕެއްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ރޮނާލްޑޯ ވަނީ 2006، 2010، 2014، 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ގޯލު ޖަހައިފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ރައުންޑްގެ މެޗުތައް ނިމުނުއިރު، ނުވަ ޕެނަލްޓީއެއް ވަނީ ދީފަ އެވެ.