Advertisement

ޕާކުތަކުގެ މަރާމާތަށް ބަޖެޓެއް ނެތް، ބޭއްވެނީ އަގުބޮޑު ޖަލުސާ!

27 ނޮވެންބަރު 2022 - 11:10 1

ހުސެއިން ފިޔާޒް މޫސާ

ހުސެއިން ފިޔާޒް މޫސާ

ސިޓީ ކައުންސިލުން ބޭއްވި ސްޓާފް ނައިޓް ޖަލްސާ. -- ފޮޓޯ: ޑރ. މުއިއްޒު


ޕާކުތަކުގެ މަރާމާތަށް ބަޖެޓެއް ނެތް، ބޭއްވެނީ އަގުބޮޑު ޖަލުސާ!

27 ނޮވެންބަރު 2022 - 11:10 1

ވޯލްޑު ކަޕްގެ މަޗު ބަލަން އިންދައި ފޯނު ކޯލެއް އައުމުން، ނުނަގަން ހުރެފައި ވެސް ނެގީ މުހިންމު ކޯލަކަށް ވެދާނެތީ އެވެ. ގުޅި މީހާ ބަންޑުންކޮށްލީ ޝަކުވާ އެވެ.

"ނޫސްވެރިން ފޮނުވައިގެން ބަލާލަ ބަލަ، ހެންވޭރު ދަނޑުގައި މިއޮތް ބޮޑު ޖަލްސާ. ޕާކު ހަދަން ފައިސާ ނެތޭ، އެވެނި ކަމަކަށް ބަޖެޓު ނެތޭ ބުނާނެ،"

އެ ޝަކުވާގެ އަސްލަކީ "ޕާކުތައް ހަލާކުވެ ސިފަ ގެއްލިފައި، ސިޓީ ކައުންސިލުން ބުނަނީ ބަޖެޓެއް ނެތް ކަމަށް!" ސުރުހީގައި އަދަދުގެ ނޫސްވެރިޔާ އަހުމަދު އާއިދު ގެނެސްދިން ލިޔުމުގައި ސިޓީ ކައުންސިލުން ބުނެފައިވާ ވާހަކަތަކެވެ.

އޮކްޓޯބަރު 17، ގައި ޝާއިއުކުރި އެ ރިޕޯޓުގައި މާލޭގެ މުހިންމު އެތައް ޕާކެއް ވީރާނާވަމުންދާ ފޮޓޯއާއެކު މައްސަލަ ތިލަކޮށްދީފައިވެ އެވެ. ތިން ރުއް ޕާކާއި ފުޑް ކޯޓުގައިވާ ޕާކާއި ހެންވޭރު ކާނިވަލުގައިވާ މައިޒާން ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައި ވާއިރު، އެ ތަންތަން މަރާމާތު ނުކުރެވި އޮތީ ފައިސާ ނެތިގެން ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

މިހާރުގެ ސިޓީ ކައުންސިލުން ކުރަހާފައިވާ "ޗާލު މާލޭގައި" ޕާކުތަކާއި މައިޒާންތަކުގެ އާބާތުރަ ފިލުވައި ބެލެހެއްޓުމާއި އިތުރު ޕާކުތަކާއި މައިޒާންތައް ބިނާކުރުން ހިމެނެ އެވެ. އެކަމަށް ސިޓީ ކައުންސިލުން ސާވޭކޮށް ނިންމާފައިވާއިރު، ޕާކުތައް މަރާމާތެއް ނުކުރެ އެވެ.

މާފަންނު ފުޑްކޯޓު ކައިރީގައި ހައިދާފައިވާ ޕާކުގެ ތަކެތި ހަލާކުވެފައި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މޭޔަރު މުއިއްޒު ވިދާޅުވެފައިވަނީ ޕާކުތައް މަރާމާތުކޮށް ބަލަހައްޓާނެ ބަޖެޓެއް ނެތުމުން ޕްރައިވެޓް ޕާޓްނާޝިޕް އުސޫލަށް ދިއުމަށް ވިސްނާ ކަމަށެވެ. އެ ވިސްނުން ތަންފީޒު ނުކުރެވި ދޮޅު އަހަރު ނިމިގެން ދިޔައީ އެވެ.

ބަޖެޓު ނެތް ސިޓީ ކައުންސިލުން ކޮށްލާ "ގަދަ" ކަންކަން ފެންނާން އެބަ ހުއްޓެވެ. ކަދުރު ރުއް ޖަހައި މާލޭގެ ދެކުނު ފަރާތް އެ ވަނީ ބަދަލުކޮށްލައިފަ އެވެ. ބަޖެޓު ނެތް ކައުންސިލަކަށް އެ މަޝްރޫއު މުހިންމުވި ސަބަބާއި ބޭނުމާއި ވާނެ ފައިދާ ވަޒަން ކުރި މިންގަނޑަކީ ކޮބައިތޯ ސުވާލު އުފެދެ އެވެ. ބަޖެޓު ނެތް ކައުންސިލަކަށް އެފަދަ އާ މަޝްރޫއެއް މުހިންމު ވާންޖެހޭނެ ސަބަބެއް އެބަ އޮތްތޯ އެވެ.

ސްޓާފު ނައިޓު ބޭއްވުން މައްސަލައެއް ނޫނެވެ. މުވައްޒަފުންނަށް ހިތްވަރު ވެސް ދޭންޖެހޭނެ އެވެ. ނަމަވެސް މާލޭގެ އެންމެ މުހިންމު، އަދި ރައްޔިތުން ހިތްހަމަ ޖެހުމަށް ޒިޔާރަތް ކުރާ ޕާކްތައް ވީރާނާވާން ދޫކޮށްލާފައި، އެކަންކަން ކުރަން ތިބި އަދި އެކަންކަމުގެ ޒިންމާ ނަގަން ތިބި ފަރާތްތަކަށް ނަގުދު ފައިސާ އާއި އަގުބޮޑު އިނާމު ދިނުމަށް ކުލަ ގަދަ، އަގުބޮޑު ޖަލްސާއެއް ބޭއްވުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫނެވެ.

ހަރަދު ކުރުމުގައި ތަރުތީބު އުސޫލެއް ގެންގުޅުމަކީ އެންމެ ތިރިން ފެށިގެން އެންމެ މައްޗަށް ވެސް އާދަވެ ފަރިތަވާންޖެހިފައި އޮތް ކަމެކެވެ. އަމުދުން ރައްޔިތުންނަށް ހިދުމަތްކުރަން އޮތް މުއައްސަސާއެއްގައި ހޭދަކުރާ ކަންކަމުގެ ލިސްޓުގެ ކުރިޔަށް އަންނަންވާނީ ރައްޔިތުންނާ ގުޅުންހުރި މަޝްރޫއުތަކެވެ. އެކަންކަމަށް ހަރަދުކުރުމަށް ލޯ ލާރިއެއްވެސް ނެތްކަމަށް އިއުލާނުކުރުމަށްފަހު، އެ މުއައްސަސާއެއްގެ ވެރިންނާ މުއައްޒަފުންގެ އުފަލަން ހޭދަކުރާތަން ފެނުމުން ރައްޔިތުން އެ ޝަކުވާ ކުރާނެ އެވެ. ސިޓީ ކައުންސިލްގެ ސްޓާފު ނައިޓް ބޭއްވި ރޭ އެ އައި ފޯނު ކޯލަކީ އެފަދަ އުދާހެކެވެ.