Advertisement

ސުޕާރީ ފުކެއްގެ ސަބަބުން ދިވެހި އަންހެން ކުއްޖެގެ ފުރާނަ ހުށަހެޅުނީ ބޮޑު ނުރައްކަލަކަށް

26 ނޮވެންބަރު 2022 - 07:04 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެ ޒުވާނާގެ ފުއްޕާމޭގެ ހާލަތު ދައްކުވައިދޭ ސްކޭން އާއި ފުއްޕާމެއިން ނެގި ދެ ފުއް ސުޕާރީ. -- ފޮޓޯ: ޑރ. މުހައްމަދު އިސްމާއީލް


ސުޕާރީ ފުކެއްގެ ސަބަބުން ދިވެހި އަންހެން ކުއްޖެގެ ފުރާނަ ހުށަހެޅުނީ ބޮޑު ނުރައްކަލަކަށް

26 ނޮވެންބަރު 2022 - 07:04 1

"ބުރޯންކޮސްކުޕީ (ފުއްޕާމޭގައި މައްސަލައެއް ހުރިތޯ ބެލުމަށް ހޮޅި ލައްވައިގެން ހަދާ ޓެސްޓެއް) އެއް ހަދާލި އިރު ލިބުނީ ކުއްލި ހައިރާން ކަމެއް، [އެ ކުއްޖާގެ] ފުއްޕާމޭގެ ކަނާތްފަޅި ބުލޮކުވެފައި ހުރީ، ސުޕާރީ ފުކެއްގެ ސަބަބުން،"

މިއީ ފުއްޕާމޭގެ މައްސަލައެއް ހުރެގެން އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކި ޒުވާން އަންހެން ކުއްޖެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅުނު ސަބަބު ބަޔާން ކުރަމުން ޑރ. މުހައްމަދު އިސްމާއިލް ރޭ، ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ވާހަކަ އެކެވެ.

ޑޮކްޓަރުން އެ ކުއްޖާއާ ސުވާލުކުރުމުން އެނގިގެން ދިޔައީ ވަރަށް ގިނައިން ސުޕާރީ ކާ ކުއްޖެއް ކަމެވެ.

މައްސަލަ ދިމާވި ޒުވާނާގެ ފުއްޕާމޭގައި އިންފެކްޝަނާއި ފެން އުފެދިފައިވާ މިންވަރު ދައްކުކުވައިދޭ ބުރޯންކޮސްކުޕީއެއް


ކާއެއްޗެއް ނުވަތަ ދިޔާއެއްޗެއް ފުއްޕާމެއަށް ވާސިލުވުމުން ކުރިމަތިވާ އެސްޕިރޭޝަން ނިއުމޯނިއާ އާންމުގޮތެއްގައި ކުރިމަތިވަނީ ހޮޑުލެވޭ ވަގުތު ނުވަތަ ކައިބޮއެ ހަދާއިރު ނޭވާލާ ހޯޅީގެ ތެރެއިން ފުއްޕާމެއަށް ކާއެއްޗެއް ނުވަތަ ދިޔާއެޗެއް ވާސިލުވެގެންނެވެ. އެހެން ނަމަވެސް އަނގަޔަށް ޕިން ފަދަ އެއްޗެހި ލައިގެން އުޅުމުގެ ތެރޭގައި ނޭވާ ހޮޅި ތެރެއިން ލާފައި ފުއްޕާމެއަށް ގޮސްގެން ވެސް މި މައްސަލަ ކުރިމަތި ވެއެވެ.

އެސްޕިރޭޝަން ނިއުމޯނިއާގެ ސަބަބުން ފުއްޕާމޭ ހަލާކުވުން ނުވަތަ ބުލޮކުވުމުގެ މައްސަލަ ކުރިމަތިވާ ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. މިފަދަ ހާލަތެއް ކުރިމަތިވުމުން ފުއްޕާމޭ ދުޅަވުމާއި ފުއްޕާމޭގައި ފެން ހެދުމުގެ އިތުރުން ބެކްޓީރިއަލް ނިއުމޯނިއާ ފަދަ ނުރައްކާތެރި އިންފެކްޝަންތައް ފުއްޕާމޭގައި އުފެދެން ވެސް މެދުވެރި ވެއެވެ.

[އެއީ] ފުއްޕާމޭގައި ފެން ހެދުމުގެ އިތުރުން ވަރަށް ބޮޑަށް އިންފެކްޝަން އުފެދިފައި ހުރި ކުއްޖެއް،" ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވެފައި ވެއެވެ.

އެ ޒުވާނާގެ ބުރޯންކޮސްކުޕީއެއް ހަދަން ޑޮކްޓަރުން ނިންމި ސަބަބަކީ އެއީ އެވެ. ފުއްޕާމޭގައި ފެން ހެދުމާއި އިންފެކްޝަން އުފެދުމަކީ ނޭވާލުމަށް ދަތިވެ ބައެއް ހާލަތްތަކުގައި ފުއްޕާމެއަށް އެކަށީގެންވާ ވަރަށް ލޭދައުރުކޮށްދިނުން ވެސް ހުއްޓުވާލާ ފަދަ ކަމެކެވެ. އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާވާ ކަމެކެވެ.

ކާއެއްޗެހި ފުއްޕާމެއަށް ވާސިލުވަނީ ކީއްވެ؟

ކާއެއްޗެހި ފުއްޕާމެއަށް ވާސިލުވާން މެދުވެރިވަނީ ކާއިރު، ނޭވާލާ ހޮޅީގެ ތެރެއަށް ކާއްޗެހި ވަނުމުންނެވެ. އާންމުކޮށް މިހެން ދިމާވަނީ، މާ އަވަސްއަވަހަށް ކެއުމުން ނުވަތަ ކާއިރު ހީ ސަކަރާތްޖެހުމާއި ވާހަކަ ދެއްކުން ފަދަ ކަންކަން ކުރާ ނަމަ އެވެ. ނާރުތަކުގެ ބާރު ދެރަ މީހުންނާއި ހަނދާން ނެތޭ ބަލި ޖެހިފައި ތިބޭ މީހުންނަށް ވެސް މި މައްސަލަ ކުރިމަތިވެ އެވެ.

އަނގައިން ނުވަތަ ނޭފަތުން އެތެރެވާ އެއްޗެއް ނޭވާ ހޮޅިއަށް ވަނުމުން ރައްކާތެރިކޮށްދޭ، އެޕިގުލޮޓިސް ކިޔާ ޓިޝޫ ފަށަލައެއް އަރު ތެރޭގައި ހުރެ އެވެ. މި ޓިޝޫ ފަށަލައަކީ ނޭވާ ހޮޅި ހުޅުވައި ލައްޕައިދިނުމުގެ ޒިންމާ އަދާ ކުރާ އެއްޗެކެވެ. ނޭވާ ލާން ވުމުން މެނުއީ މި ޓިޝޫ ފަށަލަ ނުހުޅުވެ އެވެ. އެހެންނަމަވެސް އަނގައިގައި ކާއެއްޗެހި ހުއްޓާ ވާހަކަދެއްކުމާއި ހުނުން ފަދަ ކަންކަން ކުރުމުން މި ޓިޝޫ ފަށަލަ ހުޅުވޭ ގޮތް ވެއެވެ.

އެ ޒުވާނާގެ ފުއްޕާމެއިން ނެގި ދެ ފުއް ސުޕާރީ ސިރިންޖެއް ކައިރީގައި ބާއްވާފައި


ދިވެހީންގެ މެދުގައި ވަރަށް އާންމު ސުޕާރީ ނުވަތަ ދުފުމަށް ބޭނުންކުރާ ރޯ ފޯކަކީ ބަނޑު ކެއުމެއްގެ ގޮތުގައި ކާއެއްޗެއް ކަމަށް ނުވެފައި އާންމުކޮށް އުޅޭ އުޅުމުގައި ވެސް ގިނައިން ކާ އެއްޗެއްކަމުން ދުފާ އެއްޗެހިން މި މައްސަލަ ކުރިމަތި ވުމުގެ ފުރުސަތު ވަރަށް ބޮޑުވެ އެވެ. އަނގަ މަޖާކޮށްލަން ދުފާއިރު ފޯއްކޮށި އަރާގޮތް ވަނީ މިހެން ވެއެވެ.

ފަހުން އެހެން ވާން ދިމާވި މައްސަލަ ހޯދަން [އެ ކުއްޖާއާ] ސުވާލު ކުރުމުން ވަރަށް ގިނައިން ސުޕާރީ ކާ ކަމަށް އެ ކުއްޖާ ބުނި،" ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވެފައިވެ އެވެ.

އެހެންކަމުން އަނގަޔަށް ކިތަންމެ މީރު ކަމުގައިވީ ނަމަވެސް ސުޕާރީއާއި ރޯފޯކަކީ ހަގީގަތުގައި އޭގެ ސަބަބުން މަރުގެ ތުންފަތް މައްޗަށް ވެސް ހުށަހެޅިދާނެ ވަރުގެ ނުރައްކާތެރި އެއްޗެއްސެވެ. ޑރ. އިސްމާއިލް ހިއްސާ ކުރެއްވި މައުލޫމާތުން ވެސް ސާފުވީ އެކަމެވެ. އެ ޒުވާނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުނީ އެންމެ ދެ ސޫތެއްހައި ކުޑަކުޑަ ސުޕާރީ ފުކެއްގެ ސަބަބުންނެވެ. ސުޕާރީއަކީ މީގެ އިތުރުން ވެސް ތަފާތު އެކި ގޮތްގޮތުން ސިއްހަތަށް ގެއްލުންވާ އެއްޗެކެވެ.