Advertisement

ސިޔާސީ ފަރާތްތަކުން އަންހެނުންނަށް ކުރާ ފުރައްސާރަ އިތުރުވެއްޖެ: ރޮޒައިނާ

25 ނޮވެންބަރު 2022 - 21:10 2

އެމްޑީޕީގެ ޖަލްސާއެއްގައި ރޮޒެއިނާ ވާހަކަ ދައްކަވަނީ: ވިދާޅުވީ އަންހެނުންނަށް ސޯޝަލް މީޑިއާގައި ކުރާ ފުރައްސާރަ އިތުރުވެއްޖެ ކަމަށް -- ފޮޓޯ: އެމްޑީޕީ


ސިޔާސީ ފަރާތްތަކުން އަންހެނުންނަށް ކުރާ ފުރައްސާރަ އިތުރުވެއްޖެ: ރޮޒައިނާ

25 ނޮވެންބަރު 2022 - 21:10 2

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސްގެ ހައިސިއްޔަތުން ނެރުއްވި ބަޔާނެއްގައި، ސިޔާސީ ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންހެނުންނަށް ކުރާ ފުރައްސާރަ އިތުރުވެއްޖެ ކަމަށް ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ހަސަން ކުރުސީގެ ނަމުގައި ހިންގާ ކިޔާ ޓުވިޓާ އެކައުންޓަކާއި ރޮޒެއިނާއާ ދެމެދު ސޯޝަލް މީޑިއާގައި ދެބަސްވުންތަކެއް ހިނގާފައި އޮއްވައި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމާ ބެހޭ ބައިނަލްއަގްވާމީ ދުވަހު ނެރުނު ބަޔާނުގައި އޭނާ ބުނީ، ނަފްސާނީ އަނިޔާގެ ސަބަބުން އަންހެނުންނަށް ސިޔާސީ މައިދާނުގައި މަސައްކަތް ކުރަން ހުރަސްއެޅޭ ކަމަށެވެ.

"އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރުމަށް ލީޑާޝިޕަށް އަންހެނުން އައުން މުހިންމު. ނަމަވެސް ކޮންމެ ދުވަހަކު ސޯޝަލް މީޑިއާގައި ސިޔާސީ މަސައްކަތް ކުރާ އަންހެނުންނާއި އަންހެން އެކްޓިވިސްޓުންނަށް ކުރާ ނަފްސާނީ އަނިޔާގެ ސަބަބުން އެކަމަށް ހުރަސްއެޅޭ،" ހުޅުމީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އިނގިރޭސިން ނެރުއްވި އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ރޮޒެއިނާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެމްބަރަކަށްވާއިރު އޭނާ ތުހުމަތު ކުރައްވަނީ ހަސަން ކުރުސީ އެކައުންޓުން ވާހަކަ ދައްކަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

ރޮޒެއިނާ ވިދާޅުވެފައި ވަނީ، އޭނާއަށް ސޯޝަލް މީޑިއާގައި "ހަމަލާދިނުމަށް" ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކަށް އެމަނިކުފާނު އަންގަވާފައިވާ ކަމަށެވެ. ރޮޒެއިނާ އާއި ނަޝީދަށް ތާއީދު ކުރައްވާ ބައެއް އެމްޑީޕީގެ މެމްބަރުންނާ ދެމެދު ވެސް ސޯޝަލް މީޑިއާގައި ދެބަސްވުން ހިނގާފައިވެ އެވެ.

ނަމަވެސް ކުރުސީގެ އެކައުންޓު ހިންގަވަނީ "ހަމަކަށަވަރުން ވެސް އަޅުގަނޑެއް ނޫން" ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އޭގެފަހުން ރޮޒެއިނާ ވަނީ ނަޝީދާމެދު އޮތް ނުތަނަވަސްކަން މަޖިލީހުގައި ވެސް ބަންޑުންކޮށްލައްވައިފަ އެވެ.