Advertisement

"އާންމުން ސިފައިންގެ ފަރާތުން ބޭނުންވާ ކަންކަން ދަނެގަނެ، އެފަދަ ބަޔަކަށް ސިފައިން ވާންޖެހޭ"

25 ނޮވެންބަރު 2022 - 11:40 2

ރޭގެ ހަފްލާގައި ޑިފެންސް މިނިސްޓަރު މާރިޔާ ވާހަކަ ދައްކަވަނީ: ވިދާޅުވީ އާންމުން ސިފައިންނާމެދު ދެކެނީ ވަރަށް ބޮޑު ހިދުމަތްތެރިއެއްގެ ގޮތުގައި ކަމަށް -- ފޮޓޯ: ޑިފެންސް މިނިސްޓްރީ


"އާންމުން ސިފައިންގެ ފަރާތުން ބޭނުންވާ ކަންކަން ދަނެގަނެ، އެފަދަ ބަޔަކަށް ސިފައިން ވާންޖެހޭ"

25 ނޮވެންބަރު 2022 - 11:40 2

ސިފައިންގެ މީހެއްގެ ފަރާތުން އާންމުން ފެންނަން ބޭނުންވާ ސިފަތަކަކީ ކޮބައިކަން ދަނެގަނެ އެފަދަ ބަޔަކަށްވާން ސިފައިން އަބަދުވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ސަދަން އޭރިއާއަށް 39 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެތަނުގައި މަސައްކަތް ކުރާ ސިފައިންގެ ފައުޖާ މުހާތަބު ކުރައްވާ ދައްކަމުން މާރިޔާ ވިދާޅުވީ އާންމުންގެ އުއްމީދު ކުރާ ފަދަ ބަޔަކަށްވުމުން ރައްޔިތުންގެ ފަރާތުން ލިބޭ އިތުބާރު ބޮޑުވާނެ ކަމަށެވެ.

"ކޮބައިތޯ ރައްޔިތުން ސިފައިންނާއި މެދު ދެކޭގޮތަކީ؟ އާންމު ރައްޔިތުން ދެކޭ ގޮތުގައި، ކޮންމެ ސިފައިންގެ މީހަކީވެސް ފަސްޓް އެއިޑަރެއް. ސިފައިންގެ މީހަކު ހުރިތަނެއްގައި މީހަކަށް ކަމެއް ވެއްޖިއްޔާ އެވަގުތު ކަންކުރަންވީ ގޮތް އޭނާއަށް އެގެންޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ. ގިނަ ރައްޔިތުންގެ ނަޒަރުގައި ސިފައިންގެ ކޮންމެ މީހަކީވެސް ރެސްކިއު ސްވިމަރެއް ނުވަތަ ލައިފް ސޭވަރެއް،" މާރިޔާ ވިދާޅުވި އެވެ.

ރޭގެ ހަފްލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަދި ސިފައިންގެ ބައެއް އިސް ވެރިން: ސިފައިންގެ ސަދަން އޭރިއާއަށް 39 އަހަރު ފުރުނު އިރު އެއީ މާލެއިން ބޭރުގައި ގާއިމް ކުރި އެންމެ ދުވަސްވީ ސިފައިންގެ ޕޯސްޓު -- ފޮޓޯ: ޑިފެންސް މިނިސްޓްރީ


އޭގެ އިތުރުން އެ ހަފްލާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ސިފައިންގެ ސަދަން އޭރިޔާއަކީ އާންމުންނާ ވަރަށް ބޮޑަށް ގުޅުން އޮންނަ، އާންމުންނަށް ގިނަ ހިދުމަތްތަކެއް ދޭންޖެހޭ ބަޔެއް ކަމަށެވެ.

"ސަދަން އޭރިއާގެ ލޮކޭޝަންގެ ގޮތުންނާއި ޖިއޮގްރަފީގެ ގޮތުން، ވަރަށް ގިނަ ހާދިސާތައް ވެސް މި ސަރަހައްދުގައި ގިނަ. މިވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި އެކަނި ވެސް، ކަނޑުމަތީގައި ހާލުގައިޖެހިގެން އެހީތެރިވުމުގެ 40 އޮޕަރޭޝަން ސަދަން އޭރިއާ އިން ހިންގައިފި. 148 އަލިފާނުގެ ހާދިސާއަށް ހަރަކާތްތެރިވާ ޖެހުނު،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ދެކުނުގައި އެއާޕޯޓުތައް ގިނަކަން ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވީ އެތަންތަން ހިންގުމަށް ވެސް ސިފައިން މުހިންމު ރޯލެއް އަދާ ކުރާ ކަމަށެވެ.

"އިންޓަރނޭޝަނަލް އެއަރޕޯޓެއް ހިމެނޭހެން ފަސް އެއާޕޯޓާއި އިންޓާނޭޝަނަލް ސީ ޕޯޓް [މި ސަރަހައްދުގައި] އެބަ އޮތް. މި ހުރިހާ ކަންކަމަކަށް ހަރަކާތްތެރިވާން ވެސް، މި އިންފްރާސްޓްރަކްޗާތައް ބަލަހައްޓަން ވެސް، މި ތިބީ ހަމަ ތިޔަ ސިފައިން. މިހުރިހާ ކަންކަމަށް ސިފައިން ތިބެނީ ވެސް އަދި ތިބެންޖެހޭނީ ވެސް ތަމްރީންވެ ތައްޔާރުވެގެންކަމަށް ރައްޔިތުން ދެކޭ،" މާރިޔާ ވިދާޅުވި އެވެ.