Advertisement

ގައުމީ ވޮލީ ޓީމުތައް ޓްރެއިނިން ކޭމްޕަކަށް ސައުދީ އަށް

25 ނޮވެންބަރު 2022 - 10:18 0

ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް، ގައުމީ ފިރިހެން ވޮލީ ޓީމުގެ ކުޅުންތެރިންނާ އެކު ސެލްފީއެއް ނަގަނީ.


ގައުމީ ވޮލީ ޓީމުތައް ޓްރެއިނިން ކޭމްޕަކަށް ސައުދީ އަށް

25 ނޮވެންބަރު 2022 - 10:18 0

ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމު ޓްރެއިނިން ކޭމްޕަކަށް އިއްޔެ ސައުދީ އަރަބިއްޔާ އަށް ފުރައިފި އެވެ.

މިއީ ޔޫތު މިނިސްޓްރީ އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގުޅިގެން ކުރި މަސައްކަތުން ލިބުނު ފުރުސަތެކެވެ.

ގައުމީ އަންހެން އަދި ފިރިހެން ޓީމުގެ ކުޅުންތެރިން ސައުދީގައި މި ފުރިހަމަކުރާ ޓްރެއިނިން ކޭމްޕަކީ ރާއްޖޭގައި ބާއްވަން މި އަހަރު ފުރުސަތު ލިބުނު ސެންޓްރަލް ޒޯންގެ ޗެލެންޖް ކަޕަށް ތައްޔާރުވުމަށް ފަރިތަކުރުމަށް ދާ ދަތުރެކެވެ.

ވީއޭއެމް އިން މި އަހަރު ކުރީކޮޅުގައި ނެރުނު ކަލަންޑަރުގައި ވާގޮތުން އަންނަ މަހުގެ 18 ވަނަ ދުވަހު ސެންޓްރަލް ޒޯން އަންހެން އަދި ފިރިހެން މުބާރާތް ފަށަން ތާވަލުކޮށްފައި އޮތް ނަމަވެސް، "އަދަދު" އަށް އެނގިފައިވާ ގޮތުގައި މުބާރާތް އޮންނާނެ ދުވަހެއް ޔަގީންވެފައެއް ނުވެ އެވެ.

ޓްރެއިނިން ކޭމްޕަށް ދިއުމުގެ ކުރިން ގައުމީ އަންހެން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ދަތުރުގައި ބައިވެރިވާ ޔޫތު މިނިސްޓްރީގެ އޮފިޝަލުން، މިނިސްޓަރު މަހުލޫފާއި ވީއޭއެމްގެ ނަައިބު ރައީސް އަޝްރަފުއާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.


ޒުވާނުންގެ މަރުކަޒު އިންޑޯ ކޯޓުގައި ގައުމީ ފިރިހެން ޓީމުގެ ޕްރެކްޓިސްތައް ކުރިއަށްގެންދަން ހުރި ހުރަސްތަކާ ހެދި ކުޅުންތެރިން ކަންބޮޑުވުން ފާޅުކުރުމުން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ، މި ފަހުން ކުޅުންތެރިންނާ ބައްދަލުކޮށްފަ އެވެ.

މީގެ ނުވަ މަސް ކުރިން، މިދިޔަ މާޗް މަހު، ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ބްރެޒިލްގެ ތަޖުރިބާކާރު ކޯޗު ބްރެޒިލްގެ ސާޖިއޯ ވެލޯސޯ، ރާއްޖެ އަތުވެ، ޓީމާ އެކު ފަރިތަކުރުންތައް ފެށިއިރު، މިހާތަނަށް ޓީމު ގޮވައިގެން މުބާރާތެއްގައި ވާދަކޮށްފައިނުވެ އެވެ. އޭނާ ތައްޔާރުވަމުން އައީ ސެންޓްރަލް ޒޯން މުބާރާތަށެވެ. އެކަމަކު، އެ މުބާރާތް އޮންނާނެ ތާރީހެއް ނޭނގޭތީ ޓްރެއިނިން ކުރިއަށް ގެންދިއުމުގައި އޭނާ އަށް ވެސް ގޮންޖެހުންތަކެއް އެބަހުއްޓެވެ.

މީގެ ދޮޅު މަސް ކުރިން ގައުމީ އަންހެން ޓީމުގެ ކޯޗަކަށް ވަނީ ކުރިން ގައުމީ ފިރިހެން ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި، ކުރީގެ ކުޅުންތެރިޔާ، އިބްރާހިމް ނިޒާރު (ބޮޑޭ) ހަމަޖައްސައިފަ އެވެ. މީގެ ކުރިން ގައުމީ ޓީމުން ފަރިތަކުރަމުން އައީ ދިވެހި ސިފައިންގެ ކްލަބްގައި ކާމިޔާބު ހޯދާފައިވާ ކޯޗު، މުންތާޒު އަލީ (މުންތޭ) އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގައި ސެންޓްރަލް ޒޯން މުބާރާތް ނުބޭއްވިއްޖެނަމަ، ޔޫތު މިނިސްޓަރު މަހުލޫފް ވަނީ އިންވިޓޭޝަނަލް ވޮލީ މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރަން މަސައްކަތް ކުރައްވާނެ ކަމަށް ކުޅުންތެރިން ގާތުގައި ވިދާޅުވެފަ އެވެ.