Advertisement

ޖިނާއީ ބޮޑެތި ކުށްތަކުގެ މައްސަލާގައި ދައުވާނުކޮށް ބަންދުގައި ތިން މަސް ބެހެއްޓޭ ގޮތަށް ހަދައިފި

24 ނޮވެންބަރު 2022 - 11:26 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްގެން ގެންދަނީ؛ ބޮޑެތި ކުށްތަކުގެ މައްސަލަތަކުގައި ދައުވާނުކޮށް ތިން މަސް ދުވަހު ބަންދުގައި ދެން ބެހެއްޓޭނެ - ފޮޓޯ: ހުސައިން ޝަޔާހް / އަދަދު


ޖިނާއީ ބޮޑެތި ކުށްތަކުގެ މައްސަލާގައި ދައުވާނުކޮށް ބަންދުގައި ތިން މަސް ބެހެއްޓޭ ގޮތަށް ހަދައިފި

24 ނޮވެންބަރު 2022 - 11:26 0

ޖިނާއީ ބޮޑެތި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީގުގެ ބޭނުމަށް ތުހުމަތު ކުރެވޭ މީހުން ބަންދުގައި ބެހެއްޓޭނެ މުއްދަތު ތިން މަސް ދުވަހަށް އިތުރުކޮށް ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މީގެ ކުރިން ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮންނަ ގޮތުން، ތަހުގީގު ނިމެންދެން ބަންދުގައި މީހަކު ބަހައްޓާ ނަމަ، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވަން ޖެހެ އެވެ.

ޖިނާއީ ބޮޑު ކުށެއް ނަމަ އެ މުއްދަތު އިތުރު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅެ އެވެ. ގާނޫނުގައި މި ކަަން ބަޔާންކޮށްފައިވާ މާއްދާގެ ދަށުން ފަނޑިޔާރަށް އިތުރުކޮށްދެވެނީ ގިނަވަގެން 45 ދުވަސް ވަންދެކަށެވެ.

ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއުކޮށްފައިވާ އިސްލާހުގައި ވަނީ ތަހުގީގު ނިމެންދެން ބަންދުގައި ބަހައްޓާ މީހުންގެ ތަހުގީގު ނިންމަން ޖެހޭ މުއްދަތު 45 ދުވަހަށް އިތުރުކޮށްފަ އެވެ.

އޭގެ އިތުރަށް ތަހުގީގުގެ މުއްދަތު އިތުރުކުރުމުގެ މާއްދާ ވެސް އިސްލާހުކޮށްފައިވެ އެވެ. އިސްލާހުގައި ވަނީ ގިނަވަގެން 60 ދުވަހަށް އެ މުއްދަތު އިތުރުކޮށްދެވޭނެ ކަމަށެވެ. އެއީ ވެސް އިތުރުކޮށްދޭ ކޮންމެ ފަހަރަކު 15 ދުވަހަށް ވުރެ ދިގު ނުވާނެ ގޮތަށެވެ.

މި އިސްލާހުގެ ސަބަބުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި، މީގެ ފަހުން ދައުވާނުކޮށް ތަހުގީގުގެ ބޭނުމަށް ތުހުމަތު ކުރެވޭ ފަރާތް ގާތްގަނޑަކަށް ތިން މަސް ދުވަހު ބަންދުގައި ބެހެއްޓޭނެ އެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ޓެރަރިޒަމްގެ މައްސަލަތަކާއި މީހުން މެރުމާއި ނުރައްކާތެރި މާރާމާރީ އާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި މަނީ ލޯންޑަރިންނާއި މީހުން ޓްރެފިކް ކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމެވެ.