Advertisement

ޖަޕާނުން ހިތްވަރު ހޯދީ ސައުދީގެ ރޫހު ފެނިފައި

24 ނޮވެންބަރު 2022 - 10:06 0

ޖަޕާންގެ ކޯޗު ހަޖީމޭ މޮރިޔާސޫ: އޭނާ ވަނީ ޓީމުން ދެއްކި ކުޅުމަށް ތައުރީފުކޮށްފައި.


ޖަޕާނުން ހިތްވަރު ހޯދީ ސައުދީގެ ރޫހު ފެނިފައި

24 ނޮވެންބަރު 2022 - 10:06 0

ދޯހާ، ގަތަރު (ނޮވެމްބަރު 24) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ފަހަތުން އަރައި ޖަރުމަނުގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޖަޕާން ޓީމުން ހިތްވަރު ހޯދީ މި ފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ އަތުން ސައުދީ އަރަބިއްޔާ އިން ކާމިޔާބު ހޯދިއިރު، ދެއްކި ޓީމު ރޫހުން ކަމަށް ޖަޕާންގެ ކޯޗު ހަޖީމޭ މޮރިޔާސޫ ބުނެފި އެވެ.

ފުރަތަމަ ހާފުގައި އިލްކާއި ގުންޑޮގާންގެ ޕެނަލްޓީން ޖަރުމަނު ލީޑުގައި އޮއްވައި، ދެ ވަނަ ހާފުގައި ފަހަތުން އަރައި، ޖަޕާން މޮޅުވީ ޖަރުމަނު ލީގުގައި ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ރިޓްސޫ ޑޯން އާއި ޓަކޫމާ އަސާނޯ ޖެހި ގޯލުތަކުންނެވެ. ހަތަރު ފަހަރު ވޯލްޑް ކަޕްގެ ތަށި އުފުލާލާފައިވާ ޖަރުމަނު އަތުން ޖަޕާނަށް މި ލިބުނީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ވެސް ވަރަށް ބޮޑަށް ލިޔެވިގެންދާނެ ކާމިޔާބެކެވެ.

"އަހަރެމެން ޓީމު އެއްކޮށް ތިބެ ސައުދީ މެޗު ބެލީވެސް. އަހަރެމެންނަށް ވިސްނުނު ފުރަތަމަ ހާފުގައި މެޗުގައި ދެމި އޮވެ، އެ މީހުން ގިނަ ގޯލު ނުޖަހައިފިއްޔާ، މިއީ އަހަރެެމެންނަށް ވެސް ގޮތެއް ހެދިދާނެ މެޗެއްކަން. އެއް ގޯލު ވަން ހިސާބުން ވެސް އަހަރެމެން ބެލީ މެޗު އަނބުރާލެވޭ ގޮތަށް އެ ވިސްނުމުގައި ތިބެން. އަހަރެމެންނަށް ސައުދީން ދެއްކި ފަދަ ރޫހެއްގައި ކުޅެވޭނެ ކަމުގެ އިތުބާރު ޓީމުގެ މެދުގައި އޮތް،" ކުރިން ޖަޕާންގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމާއި ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ފެނުނު ހަޖީމޭ މޮރިޔާސޫ ބުންޏެވެ.

ޖަޕާނުން ޖަރުމަނުގެ މައްޗަށް މި ހޯދި ބޮޑު މޮޅުގައި އެންމެ ހާއްސަވާނެ އުސްއައްޔަކީ ޖަރުމަނު ލީގުތަކުގައި ކުޅޭ އަށް ކުޅުންތެރިއަކު ޖަޕާން ސްކޮޑުގައި ތިބުމެވެ. އެއީ މި މެޗުން ޖަޕާން މޮޅުވުމުގެ ވަރަށް ބޮޑު ސަބަބެއްގެ ގޮތުގައި މޮރިޔާސޫ ފާހަގަކުރި އެވެ.

ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ޖަރުމަނު މި ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ޖަރުމަނު ފުރަތަމަ މެޗުން ބަލިވީ މެކްސިކޯ އަތުންނެވެ. އެ ފަހަރު ޖަރުމަނު ގްރޫޕް ސްޓޭޖުން ކެޓީ ފަހު މެޗުގައި އޭޝިއާގެ، ދެކުނު ކޮރެއާ އަތުން ބަލިވެގެންނެވެ. މި ފަހަރު ވެސް މި ވަނީ އޭޝިއާގެ ޓީމެއްގެ އަތްދަށުވެފަ އެވެ.

މިއީ ޖަރުމަނުގެ ކޯޗުކަމާ މިދިޔަ އަހަރު ހަވާލުވި ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅެން ފެށިފަހުން ބަލިވި ދެ ވަނަ މެޗެވެ. ފްލިކްގެ ކޯޗުކަމުގައި ޖަރުމަނުން މިހާތަނަށް ޖުމްލަ އެކު 17 މެޗު ކުޅެފައިވާއިރު، ބަލިވީ ދެ މެޗުންނެވެ. ރޭގެ ކުރިން ފްލިކާ އެކު ޖަރުމަނު ބަލިވި ހަމައެކަނި މެޗަކީ ނޭޝަންސް ލީގުގައި ހަންގޭރީ އަތުންނެވެ.

ފްލިކް ބުނީ ބަލިވީ އަމިއްލަ އަށް ހެނދުނު ގޯސްތަކެއްގެ ސަބަބުން ކަމަށާއި އޭގެ ޒިންމާ ނަގާނީ މުޅި ޓީމުން އެކުގައި ކަމަށެވެ. އަދި މެޗުން ބަލިވި ސަބަބުތަކެއް ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ، ޓީމުގެ ފޮޓޯގައި އަނގަމަތީގައި އަތްއަޅައިގެން ހުރެ، ހަޅުތާލެއްގައި ބައިވެރިވުމާއި ދެ ވަނަ ހާފުގައި ގެނައި ބަދަލުތައް ގޯސްވުން ފަދަ ކަންކަމަށް އެއްކޮށް އެއްބަސްނުވެވޭނެ ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

ޖެހިޖެހިގެން ދެ ވަނަ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމުގެ ބިރު އޮތް ޖަރުމަނުގެ ކޯޗު، ފްލިކް ވަނީ މިހާރު އެ ޓީމު އޮތީ ޕްރެޝަރުގައި ކަމަށް އެއްބަސްވެފަ އެވެ.

ޖަރުމަނުން ދެން ކުޅޭނީ ސްޕެއިނާ ދެކޮޅަށެވެ. ސްޕެއިން ވަނީ ފުރަތަމަ މެޗުގައި ރޭ 7-0 އިން ކޮސްޓަ ރިކާ ބަލިކޮށްފަ އެވެ. ކޮސްޓަ ރިކާ ދެ ވަނަ މެޗުގައި ކުޅޭނީ ޖަޕާނާ އެވެ.