Advertisement

ބޭހަށް ނުގުޑާ ޖަރާސީމުން ރައްކާތެރިވުމަކީ އެންމެންގެ ޒިންމާއެއް

27 ނޮވެންބަރު 2022 - 08:25 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިސްކުރެއް ކައިރި މީހަކު އަތް ދޮންނަނީ: ވެށީގައި އުޅޭ ޖަރާސީމުގެ މައުލޫމާތު އެނގުން މުހިންމު -- ފޮޓޯ: ޝާރީ/ޔުނިސެފް


ބޭހަށް ނުގުޑާ ޖަރާސީމުން ރައްކާތެރިވުމަކީ އެންމެންގެ ޒިންމާއެއް

27 ނޮވެންބަރު 2022 - 08:25 0

އެންޓިމައިކުރޯބިއަލް ރެސިސްޓެންސް ނުވަތަ ބޭހަށް ނުގުޑާ ބައްޔަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލެވެ. މިކަމުގެ ނުރައްކާ ބޮޑުވަނީ ބެކްޓީރިއާ، ފަންގަސް ނުވަތަ ވައިރަސްތަކުން ޖެހޭ ތަފާތު ބަލިތަކަށް ޑޮކްޓަރުން އާންމުކޮށް ދޭ ބޭސްތަކާ ދެކޮޅު ހެދޭނެ ގޮތްތަކެއް އެ ޖަރާސީމުތަކުން އުފައްދައި މިހާރު ބޭނުން ކުރަމުން އަންނަ ބޭސްތަކުން އެ ބަލިތައް ފަސޭހަ ނުކުރެވޭތީ އެވެ. ނުވަތަ ބައެއް ހާލަތްތަކުގައި ފަސޭހަ ކުރުމަށް އުނދަގޫ ވާތީ އެވެ.

ބޭހަށް ނުގުޑާ އިންފެކްޝަންތައް އުފެދޭ ބައިވަރު ސަބަބުތައް ހުރެ އެވެ. އެހެންނަމަވެސް އާންމު ގޮތެއްގައި އެފަދަ މައްސަލަތައް ކުރިމަތި ވަނީ ޑޮކްޓަރެއްގެ އިރުޝާދާ ނުލައި ބާރުގަދަ ބޭސްތައް ބޭނުން ކުރުމުންނެވެ.

މިސާލަކަށް ކުޑަކޮށް ހުންއައުމުން ބާރުގަދަ ބޭސްތައް ބޭނުންކުރުން؛ ޑޮކްޓަރުންގެ ލަފަޔާ ނުލައި އެފަދަ ބޭސްތައް ބޭނުން ކުރުމަކީ [މި މައްސަލަ ކުރިމަތިވާން މެދުވެރިވާ] އެއް ސަބަބު،" ޑރ. ސީމާ ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއް މެޑިކަލް ޖާނަލް ކަމުގައިވާ ލާންސެޓު މެޑިކަލް ޖާނަލްގައި މިއަހަރު ޝާއިރުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ބޭހަށް ނުގުޑާ ބަލިތަކުގައި ދުނިޔޭގެ އެކި ކަންކޮޅުން ދުވާލަކު 3500 މީހުން މަރުވެ އެވެ. އަދި، 200 އަށްވުރެ ގިނަ ގައުމުތަކުން 470 މިލިއަން މީހުންގެ މައުލޫމާތު ނަގައިގެން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި 2019، ވަނަ އަހަރު އެކަނިވެސް ހަމައެކަނި އެންޓިބައޮޓިކްއަށް ނުގުޑާ ބަލިތަކުގައި 1.2 މިލިއަން މީހުން މަރުވެފައިވެ އެވެ. ބޭހަށް ނުގުޑާ ބަލީގައި މަރުވާ މީހުންގެ އަދަދު އެޗްއައިވީ އާއި މެލޭރިއާ ޖެހިގެން މަރުވާ މީހުންގެ އަދަދަށް ވުރެ އިތުރުކަމަށް ވެސް މި ދިރާސާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން 2050، ވަނަ އަހަރު ބޭހަށް ނުގުޑާ ބަލިތަކުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ކުރާ އަސަރު 2008، ވަަ އަހަރު ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމަށްވުރެ ބޮޑުވާނެ ކަމަށް 2016، ވަނަ އަހަރު ވޯލްޑު ބޭންކުން ކުރި ދިރާސާއެއްގެ މައްޗަށް ބިނާކޮށް އެ ބޭންކުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވެއެވެ.

އެހެންކަމުން އެންމެ ބުއްދިވެރި ގޮތަކަށް ވާނީ އެ ނުރައްކާތެރި ހާލަތާ ކުރިމަތިލާން ނުޖެހޭނެ ދަފަ ގޮތަކަށް އަހަރުމެންގެ އަމަލުތައް މިއަދު ބަދަލު ކުރުމެވެ.

ބޭހަށް ނުގުޑާ ބަލިތައް ޖެހެނީ ކީއްވެ؟

މިކަމާ ގުޅޭގޮތުން ރާއްޖޭގައި މާ ބައިވަރު ދިރާސާތަކެއް އަދި ކުރެވިފައި ނުވީ ނަމަވެސް މިކަމަކީ ރާއްޖޭގައި ވެސް ވަރަށް އާންމު ކަމެއް ކަމަށް އޭޑީކޭގެ މައިކްރޯބައޮލޮޖީގެ ހާއްސަ ޑޮކްޓަރު، ޑރ. ސީމާ އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސިއްހީ ހިދުމަތުގެ ނިޒާމުގައިވެސް އަދި މުޖުތަމައުގެ ތެރޭގައި ވެސް ބޭހަށް ނުގުޑާ ވަރަށް ގިނަ ޖަރާސީމުތައް އުޅޭކަން ފާހަގަވާ ކަމަށެވެ.

މާލެއަކީ އާންމު ގޮތެއްގައި ތޮއްޖެހިގެން ގިނަ މީހުން އެއްތަނެއްގައި އުޅެމުން އަންނަ ތަނެއް ކަމުގައި ވާތީ، ބައެއްފަހަރު އެއްތަނެއްގައި ދެމީހަކު ބަލިވެއްޖެ ނަމަ އެކަކަށް ދޭ ބޭސް އަނެކަކު ބޭނުން ކުރާތަން އާދެ އެވެ. އެހެންނަމަވެސް މިއީ ބޭހަށް ނުގުޑާ ޖަރާސީމު އުފެދުމަށް މެދުވެރިވާ އެނެއް ސަބަބެވެ.

ޑޮކްޓަރުން ދޭ ބޭހެކީ ބަލި މީހާގެ ބަލި ދެނެގަތުމަށް ފަހު، ބަލި ފަސޭހަ ކުރުމަށް އެންމެ އެކަށޭނެ މިންވަރަށް ދޭ އެއްޗެކެވެ. އެއްތަނެއްގައި އުޅޭ ދެމީހަކު ކައިރިކައިރީގައި ބަލިވުމަކީ އެއީ އެއް ބޭހެއް، އެއް މިންވަރަކަށް ދެމީހަކު ކާންޖެހޭ ފަދަ ހާލަތަކަށް ނުވެވެސް ހިނގައިދާނެ އެވެ. އެހެންކަމުން އެންޓިބައޮޓިކް ނުވަތަ އެންޓިފަންގަލް ބޭސްތައް ބޭނުން ކުރުމުގައި ވެސް ޑޮކްޓަރެއްގެ ލަފަޔާ އިރުޝާދު ހޯދަން ޖެހޭނެ އެވެ.

ބޭހަށް ނުގުޑާ ޖަރާސީމުގެ ނުރައްކާ ބޮޑު ވަނީ ކީއްވެ؟

އާންމުކޮށް ބަލިތަކަށް ދޭ ބޭސްތަކަކީ ސައިޑުއިފެކްޓުތައް ވެސް ވަރަށް ކުޑަ ބޭސްތަކެކެވެ. އެހެންނަމަވެސް ހަށިގަނޑުގައި އުފެދޭ އިންފެކްޝަން ބޭހަށް ނުގުޑާ ހިސާބުން ދެން ޖެހެނީ އަސްލު ބޭނުން ކުރަންޖެހޭ މިންވަރަށް ވުރެ ބާރުގަދަ ބޭސްތައް ބޭނުން ކުރާށެވެ. ނަތީޖާއަކަށް ވަނީ ޖަރާސީމުތަކާ ދެކޮޅަށް ބޭނުން ކުރާ ބޭސްތައް މަދުވުމެވެ.

އެ ބޭސްތަކަކީ ފަރުވާއަށް އެންމެ އެކަށިގެންވާ ޗޮއިސްތަކަކަށް ނުވެދާނެ، އެކަމަކު އެހެން ބޭހެއް ނެތުމުން ސައިޑުއިފެކްޓުތައް ވެސް ގިނަ ބޭސްތައް ބޭނުން ކުރަން ޖެހެނީ،" ޑރ. ސީމާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިގޮތަށް ސައިޑުއިފެކްޓުތައް ގިނަ ބޭސްތައް ބޭނުންކުރުމުން ބަލިމީހާއަށް ބަލީގެ ސަބަބުން އުފުލަން ޖެހޭ ތަކުލީފު ބޮޑުވެ، ހަށިގަނޑުގައި އަޅާ ވޭން ވެސް އިތުރުވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިކަމާ ގުޅެގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކުރަމުން، ތަފާތު އެކި މައްސަލަތައް ކުރިމަތިވެގެން ގުނަވަންތައް ބަދަލު ކުރަންޖެހުމާއި ސިޒޭރިއަން ހެދުމާއި ކީމޯ ތެރެޕީ ދިނުން ފަދަ ކަންކަމަކީ ރަނގަޅު އެންޓިބައޮޓިކެއް ބޭނުންކޮށްގެން ނޫނީ ނުކުރެވޭނެ ކަންކަން ކަމަށާއި އެންޓިބައޮޓިކްއަށް ނުގުޑާ ޖަރާސީމުތައް އިތުރުވުމަކީ އެފަދަ ބޮޑެތި އޮޕަރޭޝަންތަކުގެ ނުރައްކާ ވެސް ބޮޑުވާ ސަބަބެއް ކަމަށް އެ ޖަމިއްޔާގެ ވެބްސައިޓުގައި ޝާއިރުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވެ އެވެ.

ގިނަ ފަހަރު މިފަދަ ބޭހަށް ނުގުޑާ ޖަރާސީމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ. އެގޮތުން ކެންސަރު ބަލީގެ ސަބަބުން ކީމޯތެރަޕީ ނަގަމުންދާ މީހުންނާއި ދިގު މުއްދަތަކަށް ފުއްޕާމޭގެ މައްސަލަ ހުންނަ މީހުންނާއި ކިޑްނީގެ މައްސަލަތައް ހުންނަ މީހުން ހިމެނެ އެވެ.

"މިފަދަ މީހުންނަކީ ގިނަ ބޭސްފަރުވާތަކާއި ޓެސްޓުތަކަށް ހުށަހެޅޭ ބަޔަކަށް ވާތީ ޖަރާސީމު އެރުމުގެ ފުރުސަތު ބޮޑު ވަނީ، އެކަމަކު މިއީ އާންމު އުސޫލެއް ނޫން، އެހާ ބަލި ނޫން މީހަކަށް ވެސް މިފަދަ ޖަރާސީމެއްގެ އަސަރުކޮށްފާނެ،" ޑރ. ސީމާ ވިދާޅުވި އެވެ.

އެންޓިމައިކުރޯބިއަލް ރެސިސްޓެންސުން ރައްކާތެރިވާނީ ކިހިނެއް؟

އެންޓިމައިކްރޯބިއަލް ރެސިސްޓެންސް ނުވަތަ ބޭހަށް ނުގުޑާ ޖަރާސީމުތަކުން ސަލާމަތްވުމަށް ފަރުދީ ފެންވަރުގައި ވެސް ކުރެވިދާނެ ބައިވަރު ކަންކަން އެބަހުއްޓެވެ. އޭގެތެރެއިން އެންމެ މުހިންމު ކަމަކީ ބޭސްފަރުވާއާ މެދު އަހަރުމެން ގެންގުޅޭ ވިސްނުން ބަދަލު ކުރުމެވެ. އަހަރުމެންގެ ތެރެއިން ކޮންމެ މީހަކީ ޑޮކްޓަރެއް ނޫން ކަމާއި ކޮންމެ ބައްޔަކަށް އަމިއްލައަށް ބޭސް ގަނެގެން ނުކެވޭނެކަން ގަބޫލު ކުރަންޖެހެ އެވެ.

އޭގެ އިތުރުން، ޖަރާސީމުތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތް ދޮވުމާއި ސާފުތާހިރު އާދަތައް ދިރިއުޅުމުގައި އަށަގެންނެވުން ވަރަށް މުހިންމެވެ. އަދި ތަފާތު ބަލިތަކުން ރައްކާތެރިވުމަށް ޖަހަންޖެހޭ ވެކްސިންތައް ގަވާއިދުން ޖަހަމުން ދިޔުން ވެސް އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ޑރ. ސީމާ ފާހަގަ ކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިކަމުން ސަލާމަތްވާން ހޮސްޕިޓަލް ލެވެލްގައި ވެސް ކުރެވޭނެ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ބަލިތަކުން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމާއި އިންފެކްޝަންތައް ކޮންޓުރޯލް ކުރަން މަސައްކަތް ކުރުމުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ.

"[މިކަމުން ރައްކާތެރިވުމަށް] ހާލަތާ ނުބައްދަލު ބޭސްތައް ނުދިނުމާއި އެންޓިމައިކުރޯބިއަލް ސްޓެވާޑުޝިޕެއް ގާއިމުކުރަން ޖެހޭ. އަދި ވަށައިގެންވާ ވެށީގައި އުޅޭ ތަފާތު ވައްތަރުގެ ޖަރާސީމުތަކުގެ މައުލޫމާތު ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމަކީ ވެސް މުހިންމު ކަމެއް،" ޑރ. ސީމާ ވިދާޅުވި އެވެ.

ވަރަށް ކުޑަކުޑަ ކަމަކުން އަހަރުމެންނަށް މި ނުރައްކަލުން ސަލާމަތްވެވެން އޮތްއިރު، އަހަރުމެންގެ އަމަލުތައް އިސްލާހު ނުކުރާންވީ އެއްވެސް ސަބަބެއް ނެތެވެ. މިއަދު ދުނިޔޭގައި ކަންކަން ހުރިގޮތަށް ކަންކަން ކުރިއަށް ދާނަމަ ކައިރި މުސްތަގުބަލެއްގައި މިހާރު ބޭނުން ކުރަމުން އަންނަ ބޭސްތަކުގެ ބޭނުން ކެނޑި، އާ ބޭސްތަކެއް އުފައްދަން ޖެހުމުގެ ބިރަކީ މުޅި އިންސާނިއްޔަތަށް ވެސް އޮތް ނުރައްކަލެކެވެ. އެހެންކަމުން ބޭސްތަކަކީ އަހަރުމެން އަނގަ މީރުކޮށްލަން ކާލާ އެއްޗަކާ އެއްފަދަ ނުކޮށް ބަލިވުމުން ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދާ ލައިގެން މެނުއީ ތަފާތު ބޭސްތައް ބޭނުން ކުރުމުން ދުރުހެލިވުން ވަރަށް މުހިންމެވެ.