Advertisement

ރަޝިއާގެ ހަމަލާތަކުގައި ޔޫކްރެއިނާއި މޯލްޑޯވާއިން ކަރަންޓު ކެނޑިއްޖެ

24 ނޮވެންބަރު 2022 - 08:45 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރަޝިއާގެ ވެރިރަށް ކިޔެވްއިން ކަރަންޓު ކެނޑިފައި. -- ފޮޓޯ: އޭޕީ


ރަޝިއާގެ ހަމަލާތަކުގައި ޔޫކްރެއިނާއި މޯލްޑޯވާއިން ކަރަންޓު ކެނޑިއްޖެ

24 ނޮވެންބަރު 2022 - 08:45 0

ރަޝިއާއިން ބުދަ ދުވަހު ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކާ ހެދި ޔޫކްރެއިން އާއި މޯލްޑޯވާގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ އެވެ.

"ޔޫކްރެއިންގެ ހަކަތައިގެ ނިޒާމަށް ހަމަލާ ދިނުމުގެ ސަބަބުން، ފާއިތުވި ގަޑިއިރުގެ ތެރޭގައި ބޮޑު ސަރަހައްދަކުން ކަރަންޓު ހިނގައްޖެ،" މޯލްޑޯވާގެ ޑެޕިއުޓީ ބޮޑު ވަޒީރު އަންދްރެއި ސްޕިނޫ ވިދާޅުވި އެވެ.

ސްޕިނޫ ވިދާޅުވީ މޯލްޑޯވާގެ ހަކަތައާ ބެހޭ މައި ކުންފުނި މޯލްޑިލެކްޓްރިކާއިން ކަރަންޓުގެ ހިދުމަތް އަލުން ދޭން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފޮރިން މިނިސްޓަަރު ނިކޫ ޕޮޕެސްކޫ ވިދާޅުވީ މޯލްޑޯވާގެ ވެރިރަށަށް އެކަމުގެ އަސަރުކޮށް، ފޮރިން މިނިސްޓްރީ ހުންނަ އިމާރާތުން ވެސް ކަރަންޓު ކެނޑުނު ކަމަށެވެ.

"މިކަަމުގައި ރަޝިއާގެ ސަފީރު ހާޒިރުކޮށް ސުވާލު ކުރުމަށް އަޅުގަނޑު ވާނީ އިރުޝާދު ދީފައި،" އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ކުރީގެ ސޯވިއެޓް ޔޫނިއަންގައި ހިމެނޭ މޯލްޑޯވާއަކީ ޔޫކްރެއިނާއި ރޯމޭނިއާއާ ދެމެދުގައި އޮންނަ ގައުމެކެވެ. ރަޝިއާގެ ހަމަލާތަކާ ހެދި މި މަހުގެ ކުރީކޮޅު ވެސް އެ ގައުމުން ކަރަންޓު ކެނޑުނެވެ.

މޯލްޑޯވާއަށް ބޭނުންވާ ކަރަންޓުގެ 30 ޕަސެންޓު މީގެ ކުރިން ސަޕްލައި ކުރީ ޔޫކްރެއިނުންނެވެ. ބާކީ 70 ޕަސެންޓު ކަރަންޓު ހޯދީ ޓްރާންސްނިސްޓްރިއާގައި ހުންނަ ތާމަލް ޕަވާ ސްޓޭޝަނަކުންނެވެ.

ޓްރާންސްނިސްޓްރިއާއަކީ މޯލްޑޯވާ ސަރުކާރާ ވަކިން ދައުލަތެއް ހަދަން ބޭނުންވާ ރަޝިއާއަށް ތާއީދު ކުރާ ބަޔަކު ކޮންޓްރޯލް ކުރާ ސަރަހައްދެކެވެ.

އެ ތަން ކޮންޓްރޯލް ކުރާ ފަރާތްތަކުން ވަނީ ތާމަލް ޕަވާ ސްޓޭޝަނުން ވެސް މޯލްޑޯވާއަށް ކަރަންޓު ނުލިބޭނެ ގޮތް ހަދައިފަ އެވެ. އެހެންވެ، އަގު ކުޑަކޮށް ރޯމޭނިއާއިން މޯލްޑޯވާއަށް ކަރަންޓު ވިއްކަން ފެށި އެވެ.

"ރަޝިއާއިން ވަނީ މޯލްޑޯވާ ކަނު އަނދިރީގެ ތެރެއަށް ދޫކޮށްލާފައި،" އީޔޫއާ އެކުވެރި މޯލްޑޯވާގެ ރައީސް މައިއާ ސަންދޫ ބުދަ ދުވަހު ވިދާޅުވި އެވެ.