Advertisement

ހުލާސާކޮށް އިއްޔެ: މެމްބަރުންގެ ހާޒީރީ ދަށްވެ ނަޝީދުގެ ނުރުހުން

24 ނޮވެންބަރު 2022 - 06:25 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހުލާސާކޮށް އިއްޔެ: މެމްބަރުންގެ ހާޒީރީ ދަށްވެ ނަޝީދުގެ ނުރުހުން

24 ނޮވެންބަރު 2022 - 06:25 1

"އިންތިހާއަށް ބޮޑު މުސާރަ" ދީފައި ތިބޭ މެންބަރުން ހާޒިރުނުވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ނުރުހުން ފާޅުކުރެއްވީ އިއްޔެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ފެށިއިރު ޖަލްސާއަށް ހާޒިރުވެ ތިއްބެވީ 87 މެންބަރުންގެ ތެރެއިން އެންމެ 22 މެންބަރުންނެވެ.

"ކޮންމެ އިއްޒަތްތެރި މެންބަރަކަށް ވެސް އިންތިހާއަށް މުސާރަ ލިބިވަޑައިގަންނަވާ، ކޮމެޓީ އެލަވަންސް އެހާމެ ގިނައިން ލިބިވަޑައިގަންނަވާ، މެންބަރެއްގެ މުސާރައިގެ ގޮތުގައި 80 ހާހަށް ވުރެ ގިނަ ރުފިޔާ އެބަ ގެއަށް ގެންދަވާ" ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވި އެވެ.

މެންބަރުން މަޖިލީހަށް އިންތިހާބުވެފައިތިބީ ރައްޔިތުން ތަމްސީލު ކުރަން ކަން ފާހަގަކުރައްވައި މަޖިލީހަށް ވަޑައިނުގަތުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ނަޝީދު މިއަދު ވަނީ މަޖިލިސް އޮންނަ ދުވަސް ދުވަހު، މަޖިލީހަށް ހާޒިރުވެ، ބަހުސްގައި ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ.

"ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ އެ މެންބަރަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވާހަކަ ދައްކަވާ ހިޔާލު ފާޅުކުރުމަކީ މި މަޖިލީހުގެ އަސާސީ މަގްސަދު،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ހާޒިރީ ދަށް ވުމަކީ ނަޝީދުގެ އަބަދު ވެސް ކަންބޮޑުވުމެކެވެ. ފަހު ދެ ދައުރުގެ ޖަލްސާތަކުގެ ހާޒިރީ ދަށް އިރު، ގިނަ މައްސަލަތަކުގައި ބަހުސް ކުރާނެ މެންބަރުން ނުވެ، ޖަލްސާ ނިންމާލާފައި ވެސް ވެ އެވެ.

މަޖިލިސް ހާޒިރީން އެނގޭ ގޮތުގައި މި ދައުރު ފެށި ފަހުން އާންމުކޮށް ޖަލްސާތަކަށް އަންނަނީ 30 މެމްބަރުންނެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކުރިއަށްދިޔައީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓާ މެދު ކޮމިޓީން ފާސްކުރި ރިޕޯޓާ މެދު ބަހުސް ކުރުމެވެ. 37 މެންބަރުން ބަހުސް ރިޕޯޓަށް ބަޖެޓު ކުރުމުގެ ފުރުސަތަށް އެދިވަޑައިގެންފައިވާއިރު، ބަޖެޓަށް ވޯޓަށް އަހާނެ ކަަމަށް ބެލެވެނީ ހޯމަ ދުވަހު އެވެ.

ބަޖެޓު ފާސްކުރުމަށް ފަހު މަޖިލީހުގެ މި ދައުރު ނިންމާލުމަށް ފަހު ރިސެސް އަށް ދާނެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރާއްޖެ ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ސަފީރުންގެ ވަފުދަށް ރާއްޖޭން ޔޫރަޕަށް ބޭރުކުރާ މަހުގެ އުފެއްދުންތަކުގެ ޓެރިފް ކުޑަކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުށަހެޅުއްވީ އިއްޔެ އެވެ.
  • މ. އަތޮޅު ރަށެއްގައި ދަރިވަރަކަށް ބިދޭސީ ޓީޗަރަކު އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ ތުހުމަތު ރައްދުވާ ޓީޗަރު އެޑިއުކޭޝަން މިނިސްޓްރީން ސަސްޕެންޑު ކުރީ އިއްޔެ އެވެ.
  • ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ޕްރައިވެޓް ބީޗެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

މަޖިލީހުގެ މެމްބަރުންގެ ހާޒިރީއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ:

ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ އެ މެންބަރަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވާހަކަ ދައްކަވާ ހިޔާލު ފާޅުކުރުމަކީ މި މަޖިލީހުގެ އަސާސީ މަގްސަދު،

ދުވަހުގެ ފޮޓޯ

ޔޫރަޕިއަން ޔޫނިއަންގެ ސަފީރުންގެ ވަފުދުގެ ބޭފުޅުންނާ ރައީސް ސޯލިހު އިއްޔެ ބައްދަލުކުރައްވަނީ. ޔޫރަޕަށް ދަތުރުކުރާ ރާއްޖޭގެ ދަތުރުވެރިންނަށް ޝެންގެން ވިސާ ހޯދުމުގައި ލުއިފަސޭހަގޮތްތަކެއް ހަމަޖެއްސުމާ ބެހޭގޮތުންނާއި ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި --- ފޮޓޯ: ރައީސް އޮފީސް