Advertisement

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ގެއިން ބާރުގަދަ ގޮވުންތަކަށް ބޭނުންކުރާ ކެމިކަލް ފެނުނު

22 ނޮވެންބަރު 2022 - 22:19 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މާލޭގައި މީގެކުރިން ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއްގެ ތެރެއިން ސިފައިން ހަރަކާތްތެރިވަނީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ގެއިން ބާރުގަދަ ގޮވުންތަކަށް ބޭނުންކުރާ ކެމިކަލް ފެނުނު

22 ނޮވެންބަރު 2022 - 22:19 0

އައްޑޫ ސިޓީގައި ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ ކައުންޓާ ޓެރަރިޒަމްގެ އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރި 14 މީހުންގެ ތެރެއިން އެކެއްގެ ގެއިން އިންސާނާގެ ފުރާނައަށް ބޮޑެތި ގެއްލުންތައް ލިބޭ ގޮވުންތަކަށް ބޭނުންކުރާ ބާރުގަދަ ކެމިކަލް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

މިއީ އެ ސިޓީގައި ގޮވާތަކެތި ބޭނުންކޮށްގެން ޓެރަރިސްޓު ހަމަލާއެއް ދިނުމަށް އައިއެސް ޖަމާއަތަށް ތާއިދުކުރާ ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ. މި މައްސަލައިގައި ހައްޔަރުކުރި 14 މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އައްޑޫއިން ހައްޔަރުކުރި 10 މީހަކާ، މާލެއިން ހައްޔަރުކުރި ދެ މީހެއްގެ އިތުރުން ކ. ގުރައިދޫއިން ހައްޔަރުކުރި ދެ މީހެކެވެ. ގުރައިދޫއިން ހައްޔަރުކުރި ދެ މީހުންނަކީ ވެސް އައްޑޫއަށް ނިސްބަތްވާ ދެ މީހުންކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 18އ، 33އ ގެ ދެ މީހުން، 35އ އަދި 46 އަހަރުގެ މީހާއަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިދީފަ އެވެ. އަދި 19އ، 27އ ގެ ދެ މީހުން އަދި 28 އަހަރުގެ މީހާއަށް 30 ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާއިރު އ، 27އ، 30އ، 35އ އަދި 37 އަހަރުގެ މީހާ ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

ބަލައިފާސްކުރުމުގެ މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ގެތަކާއި، އެ މީހުންނާ ގުޅުންހުރި ވެހިކަލްތަކާއި، ޑިންގީއެއް ބަލައިފާސްކޮށް މައްސަލައާ ގުޅުން ހުރި ގިނަ އަދަދެއްގެ ތަކެތި ހޯދިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އަދި، އޭގެ ތެރެއިން އެކެއްގެ ގެއިން ފެނުނު ގޮވާޒާތުގެ ކެމިކަލެއް ތަހުގީގު ކުރިއިރު އޭގައި ހައި އެކްސްޕޯލިސްވް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ހަމައެހެންމެ، އެފަދަ ކެމިކަލްގެ މަދު މިންވަރަކުން އިންސާނުންގެ ފުރާނަ އާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދެވިދާނެ ކަމަށް އެމްއެންޑީއެފްއިން އަންގާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ގެންދަނީ އެ ކެމިކަލްތައް ރާއްޖެ އާއި ރާއްޖޭން ބޭރުގައި އިތުރަށް ތަހުލީލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އޮޕަރޭޝަނާއި ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސްޕެކްޓަރް އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ ހުއްޓުވުނީ ގިނަ ބަޔަކު މަރައިލައިގެން ދޭން އުޅުނު ހަމަލާއެއް ކަމަށެވެ.

އޭގެ ފަހުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ އެވާހަކަ ތަކުރާރުކުރައްވާ މި ހަމަލާ ހުއްޓުވުމުގެ މަސައްކަތް ފުލުހުން ފެށީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށްވެސް ވިދާޅުވެފަ އެވެ.