Advertisement

ސައުދީ ކުޅުންތެރިޔާ އަތުން ޒަޔާން މޮޅުވިޔަސް ރާއްޖެ އަށް ސިންގަލްސް ނިމިއްޖެ

23 ނޮވެންބަރު 2022 - 12:10 0

ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން ޒަޔާން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ސައުދީ ކުޅުންތެރިޔާ އަތުން ޒަޔާން މޮޅުވިޔަސް ރާއްޖެ އަށް ސިންގަލްސް ނިމިއްޖެ

23 ނޮވެންބަރު 2022 - 12:10 0

ބަހްރޭނުގައި އިއްޔެ ފެށި އިންޓަނޭޝަނަލް ސީރީސްގައިކުޅުނު ފިރިހެން ސިންގަލްސްގެ ކޮލިފައިން ފުރަތަމަ ބުރުގައި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން ޒަކީ ކުޅުނު މެޗުން ސައުދީ އަރަބިއްޔާ ކުޅުންތެރިއެއް އަތުން މޮޅުވި ނަަމަވެސް ރާއްޖޭގެ ކުޅުންތެރިންނަށް ސިންގަލްސް ބައި ނިމިއްޖެ އެވެ.

ފިރިހެން ސިންގަލްސް ކޮލިފައިން ފުރަތަމަ ބުރުގައި ޒަޔާން އިއްޔެ ނުކުތީ ސައުދީގެ ނަވާފް އަލްގަމްދީއާ ދެކޮޅަށެވެ. އެ މެޗުން ޒަޔާން މޮޅުވީ ސައުދީގެ ނަވާފް އަލްގަމްދީ އަތުންނެވެ. ސެޓުތައް ގެންދިޔައީ 21-15، 21-10 އިންނެވެ. ކޮލިފައިން ދެ ވަނަ މެޗުގައި ޒަޔާން ބަލިވީ އިންޑިއާގެ ކަނިޝްކް އަތުން 21-09، 21-15 އިންނެވެ.

ފިރިހެން ސިންގަލްސް ކޮލިފައިން ފުރަތަމަ ބުރުގައި މޮންގޯލިއާގެ ބަޓްޑާވާ މުންކަބަތު އަތުން ރާއްޖޭގެ މުހައްމަދު އަޖުފާން ރަޝީދު ބަލިވީ 21-17، 21-05 އިންނެވެ. ދާދި ފަހުން ގައުމީ ޗެމްޕިއަންކަން ހޯދި ނިބާލް އަހުމަދު ވަނީ މެލޭޝިއާގެ ޔަޕް ޖުއީން އާން އަތުން 21-04، 21-09 އިންނެވެ.

އަންހެން ސިންގަލްސް ބައިގައި ގައުމީ ޗެމްޕިއަން ފާތިމަތު ނަބާހާ ކުޅުނު ކޮލިފައިން ފުރަތަަމަ ބުރުގެ މެޗު ވޯކް އޯވާވެގެން ލިބުނުއިރު، ކޮލިފައިން ދެ ވަނަ މެޗުގައި އިންޑިއާގެ ރިޝާ ދުބޭ އަތުން ނަބާހާ ބަލިވީ 21-09، 21-09 އިންނެވެ. އައިމިނަތު ނަބީހާ ކުޅުނު ކޮލިފައިން ފުރަތަމަ މެޗުން ވަނީ ޕާކިސްތާންގެ މަހޫރް ޝަހްޒާދު އަތުން ތިން ސެޓު ކުޅެގެން ބަލިވެގެންނެވެ. ފުރަތަަމަ ސެޓު މަހޫރު ގެންދިޔައީ 21-08 އިންނެވެ. ދެ ވަނަ ސެޓު، 19-21 އިން ގެންގޮސް ނަބީހާ އުންމީދެއް ހޯދި އެވެ. އެކަމަކު، ތިން ވަނަ ސެޓު، 21-07 އިން ގެންގޮސް މަހޫރު ވަނީ މޮޅުވެފަ އެވެ.

އަންހެން ސިންގަލްސްގައި ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ ނަޖީބު ކުޅުނު މެޗުން ވަނީ ޗައިނީސް ޓައިޕޭގެ ޔީ ހިސެން އަތުން 21-10، 21-03 އިން ބަލިވެފަ އެވެ.

ދެން ރާއްޖޭގެ ކުޅުންތެރިންނަށް އޮތީ މުބާރާތުގެ އަންހެން ޑަބަލްސް އާއި ފިރިހެން ޑަބަލްސް އަދި މިކްސް ޑަބަލްސް މެޗުތަކެވެ.