Advertisement

ނާސާގެ އާޓެމިސް ޖައްވީ އުޅަނދު ހަނދާ ހަމައަށް ފޯރައިފި

22 ނޮވެންބަރު 2022 - 16:17 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު


ނާސާގެ އާޓެމިސް ޖައްވީ އުޅަނދު ހަނދާ ހަމައަށް ފޯރައިފި

22 ނޮވެންބަރު 2022 - 16:17 0

އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ ޖައްވީ އުޅަނދު ހަނދާ ހަމައަށް ފޯރައިފި އެވެ.

ރޮކެޓުގައި ހަނދާ ހަމައަށް ދަތުރުކޮށް، އޮރަަޔޯން ކެޕްސޫލް ވަނީ ހަނދުގެ ބިމުގެ ފަށަލައާ 130 ކިލޯމީޓަރު ކައިރިވެފަ އެވެ. މިހާރު އެ ކެޕްސޫލްގެ މަސައްކަތަކީ ހަނދުގެ އޯބިޓުގައި ހަމަޖެހި، ހަނދު ވަށައި ބުރު ޖެހުމެވެ.

ރޮކެޓުން އޮރަޔޯން ކެޕްސޫލް ވަކިވެ، ހަނދާ ކައިރިވުމުގެ ތެރޭގައި 34 މިނެޓު ވަންދެން ދުނިޔޭގައި ތިބި ނާސާގެ ސައިންޓިސްޓުންނަށް އެއާ ގުޅުން ކެނޑުނެވެ.

އެހެން ނަމަވެސް، ފަހުން ސިގްނަލް ލިބި އެ އުޅަނދުން ވަނީ އެ ހިސާބުން ދުނިޔެ ފެންނަ ގޮތުގެ ފޮޓޯއެއް ނާސާއަށް ފޮނުވައިފަ އެވެ.

ހަނދު ކައިރިން ދުނިޔެ ފެންނަ ގޮތް. -- ފޮޓޯ: ނާސާ


ނާސާގެ އާޓެމިސް މިޝަން ފެށީ މިދިޔަ ބުދަ ދުވަހު ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުންނެވެ. އެ މިޝަންގައި ލޯންޗުކުރީ ނާސާއިން މިހާތަނަށް ހެދި އެންމެ ބިޔަ އަދި ބާރުގަދަ ރޮކެޓެވެ.

މި ދަަތުރުގައި އެއްވެސް އެސްޓްރޮނޯޓަކު ނުދެ އެވެ. އެހެން ނަމަވެސް ދަތުރުގެ ސަބަބުން އިންސާނުންގެ ހަށިގަނޑަށް ކުރާނެ އަސަރު ދެނެގަންނަން ހާއްސަ ތިން "މެނިކިން" އެ ކެޕްސޫލް ތެރޭގައިވެ އެވެ.

މިހާރު ކުރިއަށްދާ މިޝަން ކާމިޔާބުވެއްޖެ ނަމަ، ޖެހިގެން އޮންނަ މިޝަނެއްގައި އެސްޓްރޮނޯޓުން ދަތުރު ކުރާނެ ކަމަށާއި ތިން ވަނަ މިޝަނެއްގައި އެސްޓްރޮނޯޓުން ހަނދަށް ފައިބާނެ ކަމަށް ނާސާއިން ބުނެ އެވެ.

އެންމެ ފަހުން އިންސާނުން ހަަނދަށް ދިޔެއީ މީގެ 50 އަހަރު ކުރިން އެޕޯލޯ 17 މިޝަންގައި ޑިސެމްބަރު 1972 ގަ އެވެ.

މިހާރު ކުރިއަށްދާ މިޝަންގެ އެންމެ މުހިއްމު އެއް ބަޔަކީ އޮރަޔޯން ރައްކާތެރިކަމާ އެކު އެނބުރި ދުނިޔެއަށް ގެނައުމެވެ. އޮރަޔޯން އެނބުރި ދުނިޔެއަށް ކުރާ ދަތުރުގައި އެޓްމޮސްފިއާގެ ތެރެއަށް އެތެރެވާނީ ގަޑިއަކު 38،000 ކިލޯމީޓަރު ބާރުމިނުގަ އެވެ.

އެ ކެޕްސޫލް ވެއްޓޭނީ ޕެސިފިކް ކަނޑުގެ ހިސާބަކަށް ކަމަަށް ބެލެވެ އެވެ. އޮރަޔޯން ކެޕްސޫލް އެނބުރި ދުނިޔެއަށް އަންނާނީ ޑިސެމްބަރު 11 ވަނަ ދުވަހު އެވެ.

ހަނދުގައި ތަހުލީލުތައް ހެދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހަނދުގެ އެންމެ ދެކުނުގައި ފެން ހުރިތޯ ބެލުމެވެ. އެ ތަނުގައި ފެން ހުރި ނަމަ، މާސް ފަދަ ޕްލެނެޓަކާ ހަމައަށް ދަތުރު ކުރުމަށް އެ ފެން ހަކަތައިގެ ގޮތުގައި ޖައްވީ އުޅަނދުތަކަށް ބޭނުންކުރެވޭނެ އެވެ.