Advertisement

މުޒާހަރާތަކުގެ އަސަރު އިރާން ޓީމަށް ކުރާ ކަމަށް ކުއެރޯޒް އެއްބަސްވެއްޖެ

22 ނޮވެންބަރު 2022 - 09:23 0

އިރާންގެ ކުޅުންތެރިން ރޭގެ މެޗަށް ލައިނުގައި ހުއްޓިގެން: އެއްވެސް ކުުޅުންތެރިއަކު ގައުމީ ސަލާމުގައި ބައިވެރިވެފައިނުވޭ


މުޒާހަރާތަކުގެ އަސަރު އިރާން ޓީމަށް ކުރާ ކަމަށް ކުއެރޯޒް އެއްބަސްވެއްޖެ

22 ނޮވެންބަރު 2022 - 09:23 0

ދޯހާ، ގަތަރު (ނޮވެމްބަރު 22) - އަންހެނުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލައި، އިރާންގައި ކުރަމުން އަންނަ މުޒާހަރާތަކުގެ އަސަރު މި ފަހަރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އިރާން ޓީމަށް ވެސް ކުރާ ކަމަށް އެ ޓީމުގެ ކޯޗު ކާލޮސް ކުއެރޯޒް ބުނެފި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި އިރާން ކުޅުނު ފުރަތަމަ މެޗުން އިއްޔެ ވަނީ 6-2 އިން އިންގްލެންޑް އަތުން ބަލިވެފަ އެވެ. މި މެޗުގެ ތެރެއިން އިރާންގެ ބައެއް ސަޕޯޓަރުން ވަނީ އަންހެނުންގެ ހައްގުތައް ކަށަވަރުކޮށްދޭން އިރާންގެ ސަރުކާރަށް ގޮވާލާ ޕޯސްޓަރުތަކެއް ވެސް ދައްކާލައިފަ އެވެ.

އިރާންގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، މަގުމަތީގައި އެއްވުންތައް ގިނަވާން ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އިރާންގެ 22 އަހަރުގެ އަންހެން ކުއްޖަކު، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވުމުންނެވެ. އެ މައްސަލައިގައި އިރާންގައި ހިނގަން ފެށި ހަމަނުޖެހުންތަކާ ހެދި އެ ގައުމު މި ފަހަރުގެ ވޯލްޑް ކަޕުން ބޭރުކުރަން ވެސް ގޮވާލި އެވެ. އެކަމަކު، ފީފާ އިން ނިންމީ އެ ފަދަ ކަމެއް ކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

ވޯލްޑް ކަޕްގައި މި ފަހަރު އިރާނުން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ ކުޅުންތެރިން ގައުމީ ސަލާމަށް ނުކުމެ، އެތުރިގެން ތިބި ނަމަވެސް އެއްވެސް ކުޅުންތެރިއަކު ގައުމީ ސަލާމް ކިޔާފައެއް ނުވެ އެވެ. އިރާންގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި މިއީ ސަރުކާރުން މިހާރު އަމަލުކުރަމުން އަންނަ ގޮތާ މެދު އިރާން ޓީމުން ދެކޮޅުކަން އަންގައިދިނުމުގެ ގޮތުން ކުރި ކަމެކެވެ.

"ހަގީގަތުގައި ވަރަށް ގިނަ ކަންތައްތައް ފަރުދާގެ ފުރަގަހުގައި އެބަހިނގާ، މިއީ އިރާނުން މި ގޮތަށް ޓީމެއް އައިސް ވޯލްޑް ކަޕެއް ކުޅެން ރަނގަޅު ވަގުތެއް ކަމަށް ވެސް ގަބޫލުކުރަން ދަތި، އެއީ ވަރަށް ގިނަ ކަންކަން މި ކުޅުންތެރިންގެ ސިކުނޑީގައި އެބަ އެނބުރޭ،" އިންގްލެންޑް އަތުން ބަލިވި މެޗަށް ފަހު ކުއެރޯޒް ބުންޏެވެ.

"އަމިއްލަ ގައުމުގެ ރައްޔިތުން ހާލުގައި ތިއްބައި، ފުޓްބޯޅަ ކުޅުންތެރިންގެ ގޮތުގައި ޝަރަފެއްގެ ގޮތުގައި ދެކިގެން އައިސް މި މުބާރާތުގައި ކުޅެވޭތޯ، މި ތިބި ކުޅުންތެރިން ވަރަށް މަސައްކަތް އެބަކުރޭ، މިއީ ފަސޭހަ ކަމެއް ނޫން،"

ކުއެރޯޒް ބުނީ ފުޓްބޯޅަ ސަޕޯޓަރުންނަށް މި ވަގުތު ކުރެވެން އޮތް އެންމެ ބޮޑު މަސައްކަތަކީ އިރާންގައި މި ތިބި ކުޅުންތެރިން އެ ގައުމުގެ ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދޭން ކުރާ މަސައްކަތުގައި ނުރަނގަޅު ޕްރެޝަރު ނުދިނުން ކަމަށެވެ.

ގްރޫޕް ސްޓޭޖުގައި އޮތް ބާކީ ދެ މެޗެއް ނުކުންނައިރު، އިރާނުން ރަނގަޅު ކުރެވޭތޯ ހުރިހާ މަސައްކަތް ކުރާނެ ކަމަށާއި އެކަމަކު، ވަށައިގެން އޮތް މާހައުލުގައި ހިނގާ ކަންތައްތަކުގެ އަސަރު ކުޅުންތެރިންނާ ހަމައަށް ނުފޯރާނެއޭ ޔަގީންކަމާ އެކު ނުުބުނެވޭނެ ކަމަށް ކުއެރޯޒް ވަނީ ބުނެފަ އެވެ.

ރޭގެ މެޗުގައި އިރާން ސަރުކާރުން އެ ގައުމުގެ ގައުމީ ޓީވީގެ ފަރާތުން ރައްޔިތުންނަށް ދެއްކީ އެ ޓީމުން ގައުމީ ސަލާމް ކިޔާ މަންޒަރު ދައްކައިދޭ ކުރީ މެޗެއްގެ ވީޑިއޯ އެކެވެ.