Advertisement

އަލްޒެއިމާޒްގެ ނުރައްކާ އޮތުމުން ކްރިސް ހެމްސްވޯތް އެކްޓު ކުރުން މެދުކަނޑާލައިފި

22 ނޮވެންބަރު 2022 - 08:04 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެކްޓަރު ކްރިސް ހެމްސްވޯތް. -- ފޮޓޯ: ގެޓީ އިމޭޖާޒް


އަލްޒެއިމާޒްގެ ނުރައްކާ އޮތުމުން ކްރިސް ހެމްސްވޯތް އެކްޓު ކުރުން މެދުކަނޑާލައިފި

22 ނޮވެންބަރު 2022 - 08:04 0

އަލްޒެއިމާޒް ބަލި ޖެހުމުގެ ނުރައްކާ ބޮޑުކަން އެނގުމުން އެކްޓަރު ކްރިސް ހެމްސްވޯތު އެކްޓު ކުރުން މެދުކަނޑާލަަން ނިންމައިފި އެވެ.

"ތޯ" ފިލްމުގެ ތަރިއަށް އަލްޒެއިމާޒް ޖެހުމުގެ ނުރައްކާ ބޮޑުކަން އެނގުނީ ޑިޒްނީ+ (ޑިޒްނީ ޕްލަސް)ގެ ޑޮކިޔުމެންޓަރީ ސީރީޒް "ލިމިޓްލެސް" ގެ ތެރެއިން ހެދި ބައެއް ޓެސްޓުތަކުގެ ނަތީޖާއިންނެވެ.

އޭނާ ވެނިޓީ ފެއާއަށް ބުނީ ޓެސްޓުތަކުން އޭނާގެ "އެންމެ ބޮޑު ބިރު" ކަށަވަރުވެއްޖެ ކަމަށާއި ދެން ސަމާލުކަން ދޭނީ ބައްޔާ ދުރުވުމަށް ފިޔަވަޅު އަޅަން ކަމަށެވެ.

އަލްޒެއިމާޒް ބަލި ޖެހުމުން ހަނދާން ނެތި، ސިކުނޑީގެ ބައެއް މައްސަލަތައް ދިމާވެ އެވެ. އޭގެ ސަބަބުން މީހުންނާ މުއާސަލާތު ކުރުމަށް ހުރަސް އެޅެ އެވެ.

ޓެސްޓުތަކުން އެނގުނު ގޮތުގައި ހެމްސްވޯތްގެ ހަށިގަނޑުގައި ޖީން އޭޕޯއީ4 ޖީންގެ ދެ ކޮޕީ ހިމެނެ އެވެ. އެއީ އޭނާގެ މަންމަ އާއި ބައްޕަގެ ފަރާތުން ވާރުތަވި ދެ ޖީން އެވެ.

އޭގެ ސަބަބުން އަލްޒެއިމާޒް ބަލި ޖެހުމުގެ ފުރުސަތު ގާތްގަނޑަކަށް ދިހަވަރަކަށް ގުނަ އިތުރުވެ އެވެ. ދުނިޔޭގެ އާބާދީގެ ތެރެއިން އެ ޖީންގެ ދެ ކޮޕީ ލިބިފައިވާ މީހުންގެ ނިސްބަތަކީ ދެއަކާއި ތިން ޕަސެންޓް ދެމެދެވެ.

"އަލްޒެއިމާޒްއާ ދުރުވުމަށް އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި އޮތީ ނިދި މެނޭޖްކުރުމާއި، ސްޓްރެސް މެނޭޖްކުރުމާއި، ރަނގަޅު ކާނާ އާއި، ހަރަކާތްތެރިވެ އުޅުމާއި، ދުޅަހެޔޮކަން،" ހެމްސްވޯތު ބުންޏެވެ.

"ލިމިޓްލެސް" ސީރީޒްގައި ފެނިގެން ދަނީ ހެމްސްވޯތު އޭނާގެ ހަށިގަނޑުގެ ޓެސްޓުތައްކޮށް، ދުޅަހެޔޮ އަދި ދިގު އުމުރެއް އުޅެވޭނެ ގޮތްތައް ހޯދަން ކުރާ މަސައްކަތެވެ. ހެމްސްވޯތު ބުނީ އޭނާގެ ކާފަ ދަނީ މިހާރު ވެސް އަލްޒެއިމާޒްއަށް ފަރުވާ ކުރަމުން ކަމަށެވެ.

އުމުރުން 39 އަހަރުގެ ހެމްސްވޯތު ދެން އެންމެ އަވަހަށް ފެންނާނީ ޖޯޖް މިލާގެ "މޭޑް މެކްސް" ފިލްމު ސީރީޒްގެ އާ ބައި "ފިޔުރިއޯސާ" އިންނެވެ.