Advertisement

އިރާނުގެ މަގްބޫލް ދެ ފިލްމީ ތަރިން ހައްޔަރުކޮށްފި

21 ނޮވެންބަރު 2022 - 14:36 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގެ އެކްޓްރެސް ހެންގަމޭހް ގަޒިއާނީ. -- ފޮޓޯ: ގެޓީ އިމޭޖާޒް


އިރާނުގެ މަގްބޫލް ދެ ފިލްމީ ތަރިން ހައްޔަރުކޮށްފި

21 ނޮވެންބަރު 2022 - 14:36 1

އިރާނުގައި ކުރިއަށްދާ މުޒާހަރާތަކަށް ތާއީދު ކުރާ ކަމަށް އާއްމުކޮށް އިއުލާން ކުރި ދެ ފިލްމީ ތަރިން ހައްޔަރުކޮށްފި އެވެ.

އިރްނާ ނިއުސް އެޖެންސީއިން ބުނީ ހެންގަމޭހް ގަޒިއާނީ އަދި ކަތަޔޫން ރިއާހީ ހައްޔަރު ކުރީ ކަމާ ބެހޭ އިދާރާތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ކަމަށެވެ.

އެ ދެ މީހުން ވަނީ ބުރުގާ ނާޅައި އާއްމުންގެ ތެރެއަށް ނިކުމެފަ އެވެ. ބުރުގާ ނާޅައި ބޭރުގައި އުޅުމަކީ އިރާނުގައި ކުރަމުންދާ މުޒާހަރާގައި ބައިވެރިވުމުގެ ގޮތުން އަންހެނުން ކުރަމުންދާ ކަމެކެވެ.

އިރާނުގައި އަންހެނުން ބުރުގާ އެޅުން މަޖުބޫރެވެ. މުޒާހަރާތައް ފެށީ ބުރުގާ ނާޅައި ހުރުމުން ހައްޔަރު ކުރި އަންހެނަކު މިދިޔަ ސެޕްޓެމްބަރު މަހު މަރުވި މައްސަލައިގަ އެވެ.

މުޒާހަރާއަށް ތާއީދު ކުރުމުން ހައްޔަރު ކުރި ގަޒިއާނީ އާއި ރިއާހީއަކީ ވެސް ގިނަ އެވޯޑުތަކެއް ލިބިފައިވާ މަގްބޫލް ދެ ފިލްމީ ތަރިންނެވެ.

އެ ދެ މީހުންގެ އިތުރުން ވެސް އިރާނުގައި ނަން މަޝްހޫރު ބައެއް މީހުން މުޒާހަރާތަކަށް ތާއީދުކޮށްފައިވެ އެވެ. އެގޮތުން އިރާން ފުޓްބޯޅަ ޓީމުގެ ކެޕްޓަން އިހްސާން ހަޖްސާފީ ފާހަގަކުރެވެ އެވެ.

ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑު ކަޕްގައި އިރާން ތަމްސީލް ކުރާ ކެޕްޓން ބުނީ "ގައުމުގެ ހާލަތު ރަނގަޅު ނޫންކަމާއި ރައްޔިތުން ހިތްހަމަނުޖެހޭކަން ބަލައިގަންނަން ޖެހޭނެ" ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން މުޒާހަރާތަކުގައި 400 އަށް ވުރެ ގިނަަ މީހުން މަަރުވެފައިވާ އިރު، 16،800 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެ އެވެ.