Advertisement

ހުލާސާކޮށް އިއްޔެ: ޓެރަރިޒަމްގެ އޮޕަރޭޝަނުގައި ހައްޔަރުކުރި 14 މީހުން ބަންދަށް

21 ނޮވެންބަރު 2022 - 06:19 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހުލާސާކޮށް އިއްޔެ: ޓެރަރިޒަމްގެ އޮޕަރޭޝަނުގައި ހައްޔަރުކުރި 14 މީހުން ބަންދަށް

21 ނޮވެންބަރު 2022 - 06:19 0

ސިފައިންނާ ފުލުހުން ގުޅިގެން ކުރިއަށްގެންދާ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރުކުރި 14 މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖެހީ އިއްޔެ އެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އައްޑޫއިން ހައްޔަރުކުރި 10 މީހަކާ، މާލެއިން ހައްޔަރުކުރި ދެ މީހެއްގެ އިތުރުން ކ. ގުރައިދޫއިން ހައްޔަރުކުރި ދެ މީހެކެވެ. ގުރައިދޫއިން ހައްޔަރުކުރި ދެ މީހުންނަކީ ވެސް އައްޑޫއަށް ނިސްބަތްވާ ދެ މީހުންކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 18އ، 33އ ގެ ދެ މީހުން، 35އ އަދި 46 އަހަރުގެ މީހާއަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިދީފަ އެވެ. އަދި 19އ، 27އ ގެ ދެ މީހުން އަދި 28 އަހަރުގެ މީހާއަށް 30 ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާއިރު އ، 27އ، 30އ، 35އ އަދި 37 އަހަރުގެ މީހާ ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި 14 މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

އޮޕަރޭޝަނާއި ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސްޕެކްޓަރް އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ ހުއްޓުވުނީ ގިނަ ބަޔަކު މަރައިލައިގެން ދޭން އުޅުނު ހަމަލާއެއް ކަމަށެވެ. އޭގެ ފަހުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ އެވާހަކަ ތަކުރާރުކުރައްވާ މި ހަމަލާ ހުއްޓުވުމުގެ މަސައްކަތް ފުލުހުން ފެށީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށްވެސް ވިދާޅުވެފަ އެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މަހުގެ 17 ވަނަ ދުވަހުވެސް ސިފައިންނާ ފުލުހުންގެ ޑޯގް ސޮކްޑް ބޭނުންކޮށްގެން އައްޑޫގެ އެކި ތަންތަން ވަނީ ބަލައިފާސްކޮށްފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތަށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ދެއްވި ހެކިބަހަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުން ފާޑުވިދާޅުވީ އިއްޔެ އެވެ.
  • މިހިނގާ އަހަރުގެ ބަޖެޓަށް އިތުރުކުރަން ސަރުކާރުން އަންނަ އަހަރުގެ ބަޖެޓްގައި ޖަހާފައިވާ 5.8 ބިލިޔަން ރުފިޔާ ސަރުކާރުން މިހާރު ވެސް ހަރަދުކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމާ ނުރުހުން ފާޅުކުރެއްވީ އިއްޔެ އެވެ.
  • ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި އެ ކުދިން އަނިޔާއިން މިންޖު ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ޓޫރިޒަމްގެ ވަރުގަދަ ބްރޭންޑަކަށް ރާއްޖެ ވެފައިވާއިރު، ދުނިޔޭގައި ނަން ހިންގާވަރުގެ "ދިވެހި ރަހައެއް" އުފައްދަން މަސައްކަތް ކުރުން މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ:

އޭރުން ނަން ހިނގާނީ ހަމައެކަނި އިޓާލިއަން ޕިއްޒާ އާއި، ހައިދަރުއާބާދީ ބިރިޔާންޏެއް ނޫން. އޭރުން ޖަޕާނުގެ ސޫޝީ އާއި، ތުރުކީގެ ދޯނާ ކެބާބްއާ ވިދިގެން ކިޔާނެ ދިވެހި ނަމެއް ވެސް އޮންނާނެ،

ދުވަހުގެ ފޮޓޯ

ގަތަރުގައި އިއްޔެ ފެށި ވޯލްޑް ކަޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. މުބާރާތުގެ ފުރަތަމަ މެޗުގައި ދެކުނު އެމެރިކާ ބައްރުން ކޮލިފައިވި އިކުއެޑޯއިން ވަނީ ގަތަރު ބަލިކޮށްފައި. މި ގްރޫޕުގައި ދެން އޮތީ ޔޫރަޕުގެ ގަދަ ބާރު ނެދަލޭންޑްސް އަދި އެފްރިކާގެ ޗެމްޕިއަން ސެނެގަލް --- ފޮޓޯ: އޭއެފްޕީ