Advertisement

މިއަހަރަށް ޖެހި 5.8 ބިލިޔަން ރުފިޔާއާ މެދު އަނެއްކާ ވެސް ނަޝީދުގެ ނުރުހުން

20 ނޮވެންބަރު 2022 - 14:41 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާހަކަފުޅުދައްކަވަނީ. މިއަހަރަށް އިތުރުކުރަން ބަޖެޓްގައި ޖެހި ފައިސާއާ މެދު ނަޝީދު ގެންދަވަނީ ނުރުހުން ފާޅުކުރައްވަމުން. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މިއަހަރަށް ޖެހި 5.8 ބިލިޔަން ރުފިޔާއާ މެދު އަނެއްކާ ވެސް ނަޝީދުގެ ނުރުހުން

20 ނޮވެންބަރު 2022 - 14:41 2

މިހިނގާ އަހަރުގެ ބަޖެޓަށް އިތުރުކުރަން ސަރުކާރުން އަންނަ އަހަރުގެ ބަޖެޓްގައި ޖަހާފައިވާ 5.8 ބިލިޔަން ރުފިޔާ ސަރުކާރުން މިހާރު ވެސް ހަރަދުކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެކަމާ ނުރުހުން ފާޅުކުރައްވައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓްގައި ސަޕްލިމެންޓްރީ ބަޖެޓެއްގެ ގޮތުގައި މިއަހަރަށް 5.8 ބިލިޔަން ރުފިޔާ ޖަހާފައި އޮތަސް، އެ ފައިސާ އަދި ހަރަދު ނުކުރާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވަނީ ވިދާޅުވެފަ އެވެ.

ބަޖެޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން ނެގި ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒަށް، ނަޝީދު މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ ފިނޭންސް މިނިސްޓްރީން އެހެން ބުނި ނަމަވެސް އެފައިސާ ހަރަދުކޮށްފައިވާ ކަން ބަޖެޓް ކޮމިޓީގެ ރިޕޯޓުން ސާފުވާ ކަމަށެވެ. އެގޮތަށް އެކަން ކޮށްފައިވާ ނަމަ އެއީ މާލިއްޔަތު ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"...އަދި 2022 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރަށް ހަރަދުކޮށްފައި ނުވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސުން މައުލޫމާތު ދީފައިވީ ނަމަވެސް ބަޖެޓް ކޮމިޓީގެ ރިޕޯޓްގެ 22 ވަނަ ސަފްހާގައި ހިމެނޭ ތާވަލު ދޭއް ގައިވާ ހިސާބުތަކުން ސާފުވާ ކަމަކީ ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށް ހަރަދުކޮށްފައިވާ ކަމެވެ،" ސިޓީގައި ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިދިޔަ އަހަރަށް ފާސްކުރި ބަޖެޓަކީ 36.9 ބިލިޔަން ރުފިޔާ ކަމަށް ވާއިރު މިއަހަރު ނިމޭ އިރު ދައުލަތުގެ ހަރަދުތައް ހުންނާނެ ކަމަށް އަންދާޒާކޮށްފައި ވަނީ 42.8 ބިލިޔަން ރުފިޔާގައި ކަމަށެވެ.

"...އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އަދަދަށް ވުރެ 5.8 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި މިއަހަރަށް ކުރާ ހަރަދު، މަޖިލީހުން ފާސްކުރި ވަރަށް އިތުރުވަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އައި ބަދަލުން އެކަނި ނޫންކަން ވެސް ބަޖެޓް ކޮމިޓީގެ ރިޕޯޓުން އެނގެ އެވެ.

އިތުރުވާ ހަރަދުގެ ތެރޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޭޝްފްލޯ ހަމައްސަން ދޭ ފައިސާ ހިމެނޭ ކަމަށާއި އެހެން ނަމަވެސް އެގޮތަށް ފައިސާ ދެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން މިއަަހަރަށް އިތުރުކުރަން ހުށަހެޅި ފައިސާގެ ތަފްސީލު ދޭން، ބަޖެޓް ރިޕޯޓްގައި ހިމަނަން، ބަޖެޓް ކޮމިޓީން މިދިޔަ ހުކުރުދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ހުށަހެޅުއްވި އެވެ.

މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވައި ހުޅުދޫ ދާއިރާގެ އެމްޑީޮޕީ މެމްބަރު އިލްޔާސް ލަބީބު ތާއީދު ކުރެއްވި އެ ހުށަހެޅުން ފާހެއް ނުވެ އެވެ. އެ ހުށަހެޅުމަށް ލިބުނީ އެންމެ ހަތަރު ވޯޓެވެ.