Advertisement

ޓްރަމްޕްގެ ޓްވިޓާ އެކައުންޓުގެ ސަސްޕެންޝަން އުވާލައިފި

20 ނޮވެންބަރު 2022 - 14:06 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް. -- ފޮޓޯ: ރޮއިޓާޒް


ޓްރަމްޕްގެ ޓްވިޓާ އެކައުންޓުގެ ސަސްޕެންޝަން އުވާލައިފި

20 ނޮވެންބަރު 2022 - 14:06 0

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓާ އެކައުންޓުގެ ސަސްޕެންޝަން އުވާލުމާ މެދު ޓްވިޓާގެ ވެރިޔާ އެލޮން މަސްކް އެ ޕްލެޓްފޯމްގައި ނެގި ވޯޓަކަށް ފަހު، ނަތީޖާއާ އެއް ގޮތަށް ސަސްޕެންޝަން އުވާލައިފި އެވެ.

"ރައްޔިތުން ގޮތް ނިންމައިފި،" އެ ވޯޓަށް ފަހު މަސްކް ކުރި ޓްވީޓެއްގައި ބުންޏެވެ.

އެ ވޯޓުގައި 15 މިލިއަން އެކައުންޓު ބައިވެރިވި އިރު، 51.8 ޕަސެންޓު ބުނީ ޓްރަމްޕްގެ އެކައުންޓުގެ ސަސްޕެންޝަން އުވާލަން ތާއީދު ކުރާ ކަމަށެވެ.

އެހެން ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން ޓްރަމްޕް އަލުން ޓްވިޓާ ބޭނުން ކުރައްވާނެ ކަމަކަށް ނުބެލެވެ އެވެ. އެމަނިކުފާނު ވިދާޅުވީ އަލުން ޓްވިޓާ ބޭނުން ކުރަން ޖެހޭ ސަބަބެއް ނުފެންނަ ކަމަށެވެ.

ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ސަސްޕެންޑު ކުރީ 2021 ވަނަ އަހަރު އެ ޕްލެޓްފޯމްގެ ސިޔާސަތުތަކާ ހިލާފަށް، ހަމަނުޖެހުމެއް ހިތްވަރުދެއްވާ ކަމަށް ބެލެވިގެންނެވެ.

އެ ފިޔަވަޅު އެޅީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް، ޓްރަމްޕްގެ ސަޕޯޓަރުން ޖެނުއަރީ ހަ ވަނަ ދުވަހު ކެޕިޓަލް އިމާރާތަށް ގަދަކަމުން ވަދެ ހިންގި ހަމަނުޖެހުމަށް ފަހު އެވެ.

ޓްވިޓާގެ އެ ފިޔަވަޅަަށް ފަހު އެހެން ޕްލެޓްފޯމްތަކުން ވެސް ޓްރަމްޕްގެ އެކައުންޓުތައް ސަސްޕެންޑު ކުރި އެވެ. އެގޮތުން ފޭސްބުކް، އިންސްޓަގްރާމް އަދި ޔޫޓިއުބް ފާހަގަކުރެވެ އެވެ.

އޭގެ ފަހުން ޓްރަމްޕް ވަނީ އެމަނިކުފާނުގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތް ސޯޝަަލް" ލޯންޗު ކުރައްވައިފަ އެވެ. ޓްރަމްޕް މިހާރު ބޭނުންކުރައްވަނީ އެ ޕްލެޓްފޯމެވެ.