Advertisement

ކޮޕް27: ނާޒުކު ގައުމުތަކަށް މާލީ ގޮތުން އެހީވާން އެއްބަސްވުމަކާ ހަމައަށް ހިނގައްޖެ

20 ނޮވެންބަރު 2022 - 14:05 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކޮޕް27 ސަމިޓު ކުރިއަށް ދަނީ މިސްރުގައި.


ކޮޕް27: ނާޒުކު ގައުމުތަކަށް މާލީ ގޮތުން އެހީވާން އެއްބަސްވުމަކާ ހަމައަށް ހިނގައްޖެ

20 ނޮވެންބަރު 2022 - 14:05 0

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ގައުމުތަކަށް ލިބޭ ގެއްލުންތަކުން އަރައިގަންނަން އެހީވުމަށް ފަންޑެއް ގާއިމްކުރަން ނިންމައި ކޮޕް27 ސަމިޓުގައި އެއްބަސްވުމަކާ ހަމައަށް ހިނގައްޖެ އެވެ.

މިސްރުގެ ޝަރްމް އަލް ޝެއިހް ރިސޯޓުގައި ދެ ހަފުތާ ވަންދެން ކުރިއަށް ދިޔަ މަޝްވަރާތަކުން ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ ނާޒުކު ގައުމުތަކަށް "ލޮސް އެންޑް ޑެމޭޖް" ފަންޑު ގާއިމް ކުރަން ނިންމުމެވެ.

ޒެމްބިއާގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު ކޮލިން ންޒޮވޫ ވިދާޅުވީ ފަންޑު ގާއިމް ކުރަަން ނިންމުމަކީ އެފްރިކާ ގައުމުތަކުގެ 1.3 ބިލިއަން ރައްޔިތުންނަށް ބޮޑު އުއްމީދެއް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރި ގޮތުގައި މިސްރުގެ (ސަމިޓުން) ލިބޭނެ އެންމެ ބޮޑު ކާމިޔާބަކީ ލޮސް އެންޑް ޑެމޭޖްއާ ގުޅިގެން ނިންމާ ނިންމުމެއް. އެހެންވީމާ މި ތިބީ ވަރަށް އުފަލުން،" އޭނާ ވިދާޅުވި އެވެ.

ކޮޕް27 ސަމިޓަށް ފަހު ނެރުނު ބަޔާނުގައި ވެސް ތަކުރާރުކޮށްފައި ވަނީ ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމުގެ މުހިއްމު ކަމެވެ.

ބޯޓުދެލި އެންދުމާއި ގޭހާއި ތެލުން ހަކަތަ އުފެއްދުމަށް ބަރޯސާވުން ކުޑަކުރުމުގެ މަސައްކަތް ހަލުވިކުރުމަށް ގޮވާލައި، ކޮޕް ސަމިޓަކަށް ފަހު ފުރަތަމަ ފަހަރަށް އިއާދަކުރަނިވި ހަކަތައިގެ ވާހަކަ ފާހަގަކުރި އެވެ.

އެކަމަކު މޫސުމީ ބަދަލާ ބެހޭ އެކްޓިވިސްޓުން ދެކޭ ގޮތުގައި މި އަހަރުގެ ސަމިޓުން ވެސް މާ ބޮޑު ނަތީޖާއެއް ނުލިބެ އެވެ. އެގޮތުން ބޯޓުދެލި ބޭނުންކުރުން އެއްކޮށް ހުއްޓާލުމުގެ ޕްލޭނެއް ނެތްކަން ފާހަގަކުރެ އެވެ.

އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވީ މި އަހަރުގެ ސަމިޓުގައި ލޮސް އެންޑް ޑެމޭޖް ފަންޑަކަށް އެއްބަސްވެ، "އިންސާފާ ދިމާލަށް މުހިއްމު ފިޔަވަޅެއް" އަޅައިފި ކަމަށެވެ.

"މިވަރަކުން ނުފުދޭ. އެކަމަކު މިއީ ގައުމުތަކުގެ މެދުގައި ރޫޅިފައި އޮތް އިތުބާރު އަލުން ބިނާކުރަން މުހިއްމު ސިޔާސީ ސިގްނަލެއް. މޫސުމީ ކާރިސާގެ އެންމެ ކުރީ ސަފުގައި ތިބި ފަރާތްތަކުގެ އަޑު އަހަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އާއި އެހެން ކުދި ޖަޒީރާ ގައުމުތައް ހިމެނޭ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްއިން ނެރުނު ބަޔާނެއްގައި ބުނީ ލޮސް އެންޑް ޑެމޭޖް ފަންޑަކަށް އެއްބަސްވުމަކީ ފާއިތުވި 30 އަހަރު ކުރި މަސައްކަތުން ނެރެވުނު "ތާރީހީ" އެއްބަސްވުމެއް ކަމަށެވެ.

"ކޮޕް27 ގައި އެކުލަވާލި އެއްބަސްވުންތަކަކީ މުޅި ދުނިޔެއަށް ލިބުނު މޮޅެއް،" އެ ޖަމިއްޔާގެ ޗީފް މޮލްވީން ޖޯސެފް ވިދާޅުވި އެވެ.

ލޮސް އެންޑް ޑެމޭޖް ފަންޑުގެ ވާހަކަ ކޮޕް27 ސަމިޓުގެ އެޖެންޑާގައި ހިމަނަން ނިންމީ ސަމިޓު ފަށަން ވަގުތު ކުޑަތަންވެފައި ވަނިކޮށް، ގައުމުތަކުން ދަންވަރުގެ ވަގުތުގައި ކުރި ކުއްލި މަޝްވަރާގަ އެވެ.

އެއާ އެކު މުޅި ސަމިޓުގައި ވެސް ލޮސް އެންޑް ޑެމޭޖްގެ ވާހަކަ ވަރަށް ބޮޑަށް ދެކެވުނެވެ. އެ ފަންޑު ގާއިމްކުރަން އެންމެ ބޮޑަށް ޕްރެޝަރު ކުރީ ތަރައްގީވަމުންދާ ގައުމުތަކުންނެވެ.

މިހާރު ވެސް ދުނިޔެ 1.2 ޑިގްރީ ސެލްސިއަސްއިން ހޫނުވެފައިވާ އިރު، އޭގެ އަސަރު އެންމެ ބޮޑަށް ކުރަނީ ފަގީރު އަދި ތަރައްގީވަމުންދާ ގައުމުތަކަށެވެ.