Advertisement

އިނގިރޭސި ބޮޑު ވަޒީރު، ޔޫކްރެއިންގެ ރައީސްއާ ބައްދަލުކުރައްވައިފި

20 ނޮވެންބަރު 2022 - 05:59 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އަދި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ރިޝީ ސުނަކް. -- ފޮޓޯ: ޔޫކްރެއިން ރައީސް އޮފީސް


އިނގިރޭސި ބޮޑު ވަޒީރު، ޔޫކްރެއިންގެ ރައީސްއާ ބައްދަލުކުރައްވައިފި

20 ނޮވެންބަރު 2022 - 05:59 0

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ރިޝީ ސުނަކް ޔޫކްރެއިންގެ ވެރިރަށް ކިޔެވްއަށް ކުރެއްވި ފުރަތަމަ ދަތުރުގައި އެ ގައުމުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާ ބައްދަލުކުރައްވައި، ދިފާއީ ކަންކަމުގައި އެހީވުމަށް އިތުރު 50 މިލިއަން ޕައުންޑް ދިނުމަށް ވައުދުވެވަޑައިގެންފި އެވެ.

ސުނަކް ވިދާޅުވީ ކިޔެވްއަށް ދަތުރު ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމުން އުފާ ކުރައްވާ ކަމަށާއި ޔޫކްރެއިންއާ އެކު އިނގިރޭސިވިލާތް ދެމިއޮންނާނެ ކަމަށެވެ.

"ހަނގުރާމަައިގެ އެންމެ ފުރަތަމަަ ދުވަސްތަަކުން ފެށިގެން ވެސް، ޔޫކްރެއިނާއި އިނގިރޭސިވިލާތަކީ ވަރުގަދަ ދެ އެކުވެރިން،" ބައްދަލުވުމަށް ފަހު ޒެލެންސްކީ ވިދާޅުވި އެވެ.

އިނގިރޭސިވިލާތުން ދޭން ވައުދުވި އިތުރު 50 މިލިއަން ޕައުންޑްގެ ބޭނުމަކީ ރަޝިއާއިން ދޭ ވައިގެ ހަމަލާތަކާ ދެކޮޅަށް މަސައްކަތް ކުރުމެވެ.

އެ އެހީގެ ތެރޭގައި 125 އެންޓި އެއާކްރާފްޓް ބަޑި އާއި އިރާނުގެ ޑްރޯންތަކާ ދެކޮޅަށް ބޭނުން ކުރެވޭނެ ޓެކްނޮލޮޖީ ހިމެނެ އެވެ. އެގޮތުން ގިނަ އަދަދެއްގެ ރޭޑަރާއި އެންޓި ޑްރޯން އިލެކްޓްރޯނިކް ވަސީލަތްތައް ޔޫކްރެއިނަަށް ލިބޭނެ އެވެ.

އޭގެ އިތުރުން ޔޫކްރެއިންގެ ސިފައިން ތަމްރީން ކުރުމަށް އިނގިރޭސިވިލާތުން ފޯރުކޮށްދޭ އެހީ އިތުރު ކުރައްވާނެ ކަމަށާއި ސިފައިންނަށް ބޭނުންވާ ތަޖުރިބާކާރު ސިއްހީ އެހީތެރިންނާއި އިންޖިނިއަރުން ފޮނުއްވާނެ ކަމަށް ސުނަކް އިއުލާން ކުރެއްވި އެވެ.

"އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޔޫކްރެއިންއާ އެކު އިނގިރޭސިވިލާތް އޮތުމުން އަޅުގަނޑު ފަހުރުވެރިވޭ. އަަޅުގަނޑު މިއަދު މި ތަނަށް އައިސް މި ހުރީ އިނގިރޭސިވިލާތާއި އެކުވެރި ގައުމުތަކުން ކުރިއަށް އޮތް ތަނުގައި ވެސް ޔޫކްރެއިންއާ އެކު އޮންނާނެކަން ހާމަކުރުމަށް،" ސުނަކް ވިދާޅުވި އެވެ.