Advertisement

ފޯރިގަދަ ހަރަކާތްތަކާ އެކު ވޯލްޑް ކަޕަށް ހާއްސަ އަދަދުގެ "ބޯޅައީދު" ލޯންޗްކޮށްފި

19 ނޮވެންބަރު 2022 - 20:19 0

އަދަދުގެ "ބޯޅައީދު" ގައިޑް ލޯންޗްކުރުމުގައި ބައިވެރިވި ރާއްޖޭގެ ކުޅިވަރު ތަރިން ފޮތްދައްކާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ފޯރިގަދަ ހަރަކާތްތަކާ އެކު ވޯލްޑް ކަޕަށް ހާއްސަ އަދަދުގެ "ބޯޅައީދު" ލޯންޗްކޮށްފި

19 ނޮވެންބަރު 2022 - 20:19 0

އާޓިފިޝަލް ބީޗުގައި މިއަދު ހަވީރު ބޭއްވި ފޯރިގަދަ އިވެންޓްތަކާ އެކު، މި ފަހަރުގެ ވޯލްޑް ކަޕަށް ހާއްސަކޮށް އަދަދު ނޫހުން ގެނެސްދޭ ކަވަރޭޒްގެ "ބޯޅައީދު" ގައިޑު ލޯންޗްކޮށްފި އެވެ.

ގަތަރުގައި މާދަމާ ހަވީރު ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ހާއްސަކޮށް، އަދަދު ނޫހުން ގެނެސްދޭ ކަވަރޭޒްގެ ނަމަކީ "ބޯޅައީދު" އެވެ. މިއަދު ހަވީރު، "ބޯޅައީދު"ގެ ކަވަރޭޒް ލޯންޗްކުރިއިރު، ގަތަރު ވޯލްޑް ކަޕަށް ހާއްސަކޮށް އަދަދު އިން ނެރުނު ގައިޑް ވަނީ ލޯންޗްކޮށްފަ އެވެ.

ގައިޑް ލޯންޗްކުރުމުގައި ބައިވެރިވީ ރާއްޖޭގެ އެކިއެކި ކުޅިވަރުތަކުގެ ގައުމީ ޓީމުތަކުގައި ހިމެނޭ ކުޅުންތެރިންނެވެ.

އަދަދުން އެކިއެކި ކުޅިވަރު ތަރިން ހިމެނޭ ގޮތަށް ވޯލްޑް ކަޕް ގައިޑް ލޯންޗްކުރަން ނިންމީ، މިއީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ މުބާރާތެއް ކަމަށްވާއިރު، ރާއްޖޭގައި ވެސް މި މުބާރާތުގެ ފޯރި އޮންނަނީ އެންމެންގެ ބައިވެރިވުމާ އެކުގައި ކަން ރަމްޒުކޮށްދިނުމުގެ ގޮތުންނެވެ. އަދި އަދަދުގެ "ބޯޅައީދު" އަކީ އެންމެންގެ ބައިވެރިވުމާ އެކު ކުރިއަށްދާ ހަރަކާތަކަށް ހެދުމުގެ ވިސްނުމުގަ އެވެ.

"ބޯޅައީދު" ގައިޑް ލޯންޗްކުރަން ބޭއްވި އިވެންޓްގެ ތެރެއިން ކުޑަކުއްޖަކު ފޮތް ދައްކާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


"ބޯޅައީދު" ގައިޑްގައި މި ފަހަރުގެ ވޯލްޑް ކަޕާ ގުޅޭ މުހިންމު މައުލޫމާތުތައް ވަނީ ހިމަނައިފަ އެވެ. އެ ގޮތުން ގަތަރަށް ވޯލްޑް ކަޕް ބިޑް ކާމިޔާބުވުމުގައި ކަންތައްތައް ހިނގައިދިޔަ ގޮތާއި މުބާރާތުގެ ތައްޔާރީތަކުގެ ތެރެއިން ގަތަރަށް އަމާޒުވި ތުހުމަތުތަކުގެ ވާހަކަތައް ވެސް ހިމެނޭނެ އެވެ.

އޭގެ އިތުުރުން މި ފަހަރުގެ ވޯލްޑް ކަޕް ގަތަރުގައި ބާއްވާތީ އެކަމުން ވާނެ ފައިދާ އާއި މި ފަހަރުގެ ވޯލްޑް ކަޕްގައި މުޅިން އަލަށް ފެނިގެންދާނެ ކަންތައްތަކުގެ މައުލޫމާތު ވެސް މި ގައިޑްގައި ހިމެނޭނެ އެވެ.

އާޓިފިޝަލް ބީޗްގައި މިއަދު އަދަދުގެ "ބޯޅައީދު" ލޯންޗްކުރިއިރު، ކުޑަކުދިންނަށް ހާއްސަކޮށް، ޕެނަލްޓީ ޖެހުމުގެ ހަރަކާތްތަކެއް ކުރިއަށްގެންދިޔަ އެވެ. އަދި ފޭސްޕެއިންޓް ކުރުން ފަދަ ކުޑަކުދިން ޝައުގުވެރިވާ ކަންކަން ވެސް ވަނީ ފޯރީގައި ކުރިއަށްގެންގޮސްފަ އެވެ.

އަދަދު އިން ވޯލްޑް ކަޕަށް ހާއްސަކޮށް ގެނެސްދޭ "ބޯޅައީދު" ކަވަރޭޖްގެ ތެރެއިން، އަދަދުގެ ވެބްސައިޓްގައި ވޯލްޑް ކަޕަށް ހާއްސަ އެޑިޝަނެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. އެ އެޑިޝަން މެދުވެރިކޮށް، ވޯލްޑް ކަޕްގެ އެންމެ ފަހުގެ ހަބަރާއި މައުލޫމާތުގެ ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެ އެވެ. އޭގެ އިތުރުން، ކިޔުންތެރިން ޝައުގުވެރިވާނެ ތަފާތު ސެގްމަންޓްތައް ވެސް "ބޯޅައީދު"ގެ ވެބް އެޑިޝަންގައި ހުންނާނެ އެވެ.