Advertisement

ގައުމީ ސާފް ލީގުގެ ޗެމްޕިއަންކަން އައްމަޑޭ ހޯދައިފި

20 ނޮވެންބަރު 2022 - 10:46 0


ގައުމީ ސާފް ލީގުގެ ޗެމްޕިއަންކަން އައްމަޑޭ ހޯދައިފި

20 ނޮވެންބަރު 2022 - 10:46 0

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން މި އަހަރު އިންތިޒާމްކޮށްގެން ކުރިއަށްދިޔަ "އެމްޓީސީސީ ސާފް ލީގު"ގެ ޗެމްޕިއަންކަން ކ.ތުލުސްދޫގެ އަހުމަދު އާގިލް (އައްމަޑޭ) ހޯދައިފި އެވެ.

އެމްއެސްއޭގެ މުބާރާތްތައް މި އަހަރު އެ އެސޯސިއޭޝަނުން ކުރިއަށްގެންދިޔައީ ލީގެއްގެ ގޮތުގަ އެވެ. މިގޮތުން ފުރަތަމަ މުބާރާތް ގދ. ގައްދޫގައި ބޭއްވިއިރު، އޭގެ ފަހުން މ.މުލި، ރ.ކިނޮޅަސް، ކ.ހިންމަފުށި އަދި ކ.މާލޭގައި ވަނީ ލީގުގެ އެކި ލެގުތައް ކުރިއަށްގެންދިޔަ އެވެ.

އައްމަޑޭ ގައުމީ ލީގުގެ ތަށި ހޯދީ ފަސް މުބާރާތުން 4،070 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނަ އަށް ދިޔަ ނަޖާހު މުހައްމަދު އަށް ލިބުނީ 3390 ޕޮއިންޓެވެ. ތިން ވަނަ އަށް ދިޔައީ 3180 ޕޮއިންޓް ހޯދި ޖައިލަމް ނިޒާރު އެވެ. ހަތަރު ވަނަ އަށް ދިޔައީ ހޫދު އަހުމަދު އެވެ.

އައްމަޑޭ ވަނީ ގައުމީ ސާފް ލީގުގެ ފަސް މުބާރާތުގެ ތެރެެއިން ދެ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ މ.މުލީގައި ކުރިއަށްދިޔަ "މުލީކޮޅު ރާޅުގަނޑު" އާއި ރ.ކިނޮޅަހުގައި ކުރިއަށްދިޔަ "ހުރާކޮޅު ރާޅުގަނޑު" މުބާރާތެވެ. ގައްދޫގައި ބޭއްވި މުބާރާތުން ފަސް ވަނަ ލިބުނުއިރު، ހިންމަފުށީގައި ކުރިއަށްދިޔަ މުބާރާތާއި މިއަދު މާލޭގައި ނިމުނު މުބާރާތުން އައްމަޑޭ އަށް ލިބުނީ ތިން ވަނަ އެވެ.

މި އަހަރުގެ ގައުމީ މުބާރާތް ކަމަށްވާ "ރަންނަމާރި ޗެލެންޖުގެ ފިރިހެން ޝޯޓްބޯޑު ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު އިރުޝާދު (ބިއްލޯ) އެވެ. ބިއްލޯ ވަނީ މުޅި މުބާރާތުގައި ތަފާތު މޮޅު ހުނަރެއް ދައްކައިފަ އެވެ. ފައިނަލުގައި ބިއްލޯ މޮޅުވީ ގައުމީ މުބާރާތް ހަތް ފަހަރު ކާމިޔާބުކޮށްފައިވާ ހުސައިން އަރީފް (އިބޫ)އާ ވާދަކޮށްގެންނެވެ.

ފައިނަލް ހީޓުގައި ބިއްލޯ 13.33ގެ ސްކޯއެއް ހޯދިއިރު، އިބޫ ވަނީ 13.27 ގެ ސްކޯއެއް ހޯދާފަ އެވެ. ބިއްލޯ މޮޅުވީ 0.06ގެ ތަފާތަކުންނެވެ.

ޝޯޓްބޯޑް ކެޓަގެރީގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އާޔާ ނަސީމް އެވެ. ދެ ވަނަ ނަހާ ނަސްރުﷲ ހޯދިއިރު، ތިން ވަނަ ހޯދީ ރިޝްތާ ސުޖާއު އެވެ. ފައިނަލް ހީޓު އާޔާ ކާމިޔާބުކުރީ 8.00 ގެ ސްކޯއަކުންނެވެ. ދެވަނަ ނަހާ އަށް 6.50ގެ ސްކޯއަކުން ހޯދިއިރު، ރިޝްތާ އަށް ލިބުނީ 2.00 ގެ ސްކޯއެކެވެ.

ޖުމްލަ ހަ އިވެންޓެއް ކުރިއަށްދިޔަ ރަންނަމާރި ޗެލެންޖުގެ މާސްޓާސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އަހުމަދު ރަޝީދު (މަޑޭ) އެވެ. ފައިނަލުގައި އަހުމަދު ވިޝާލް ޒަކީއާ ވާދަކޮށް މަޑޭ ޗެމްޕިއަންކަން ހޯދީ 11.38ގެ ސްކޯއެއް ހޯދައިގެންނެވެ. ވިޝާލް އަށް ލިބުނީ 8.66ގެ ސްކޯ އެކެވެ. މި ބައިގެ ތިންވަނަ ލިބުނީ އިބްރާހިމް އަރީފް އަށެވެ.

ލޯންޑް ބޯޑު ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ހުސައިން އަރީފް (އިބޫ) އެވެ. އިބޫ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ހަސަން މުހައްމަދުގެ މައްޗަށް 15.00ގެ ސްކޯއަކުން ކުރި ހޯދައިގެންނެވެ. ހަސަން އަށް ލިބުނީ 9.66ގެ ސްކޯއެކެވެ. މި ބައިގެ ތިންވަނަ ހޯދީ އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ.

ސްޓޭންޑް އަޕް ޕެޑްލް ސާފިން ބަޔަށް ބަލާއިރު، މި ބައިގެ ޗެމްޕިއަންކަން ހޯދީ އަބްދުﷲ އަރީފް (ފުކު) އެވެ. ފައިނަލު ހީޓުގައި ފުކޫ ވަނީ 14.33ގެ ސްކޯއެއް ހޯދާފަ އެވެ. ދެވަނަ އަށް ދިޔަ މުހައްމަދު މުއާޒު އަށް ސްކޯކުރެވުނީ 8.70ގެ ސްކޯއެކެވެ. މި ބައިގެ ތިންވަނަ ހޯދީ މުހައްމަދު ތޮލްއަމް އެވެ.