Advertisement

ގޯލްޑަން ގްލޯބް އެވޯޑް ބޮއިކޮޓް ކުރަން ބްރެންޑަން ފްރޭޒާ ނިންމައިފި

18 ނޮވެންބަރު 2022 - 08:31 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެކްޓަރު ބްރެންޑަން ފްރޭޒާއަކީ "ދަ މަމީ" ފިލްމު ސީރީޒްގެ ތަރި. -- ފޮޓޯ: ރޮއިޓާޒް


ގޯލްޑަން ގްލޯބް އެވޯޑް ބޮއިކޮޓް ކުރަން ބްރެންޑަން ފްރޭޒާ ނިންމައިފި

18 ނޮވެންބަރު 2022 - 08:31 0

އަންނަަ އަހަރު އޮންނަ ހޮލީވުޑްގެ ގޯލްޑަން ގްލޯބް އެވޯޑު ހަފުލާ ބޮއިކޮޓް ކުރަން އެކްޓަރު ބްރެންޑަން ފްރޭޒާ ނިންމައިފި އެވެ.

ގޯލްޑަން ގްލޯބްސްގެ ކުރީގެ ރައީސް، ފްރޭޒާއަށް ޖިންސީ ގޯނާކުރި ކަމަށް މީގެ ކުރިން އޭނާ ތުހުމަތު ކުރި އެވެ. އެވޯޑު ބޮއިކޮޓް ކުރަން ނިންމީ އެ މައްސަލައިގަ އެވެ.

ފްރޭޒާއަކީ "ދަ މަމީ" ފިލްމު ސީރީޒްގެ ތަރި އެވެ. އަހަރުތަކަކަށް ފަހު އޭނާ ކުޅުނު "ދަ ވޭލް" ފިލްމުން 2023 ގައި އެވޯޑު ލިބޭނެ ކަމަށް އެނެލިސްޓުން ލަފާކުރެ އެވެ.

ގޯލްޑަމް ގްލޯބްސްގެ ރައީސް ފިލިޕް ބާކް، ފްރޭޒާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރީ 2018 ގަ އެވެ. ފްރޭޒާ ބުނީ އެ ހާދިސާ ހިނގީ 2003 ވަނަ އަހަރުގަައި ކަމަށެވެ.

ފްރޭޒާ ބުނީ އެ ހާދިސާގެ ސަބަބުން އޭނާއަށް ނަފުސާނީ ގެއްލުންތަކެއް ލިބުނު ކަމަށެވެ. އެގޮތުން މީހުންނާ އެކަހެރިވެ އުޅެން ފެށި ކަމަށް ބުންޏެވެ.

ހޮލީވުޑް ފޮރިން ޕްރެސް އެސޯސިއޭޝަން (އެޗްއެފްޕީއޭ) އިން އެ ތުހުމަތު ތަހުގީގު ކުރި އެވެ. ތަހުގީގަށް ފަހު ބުނީ "އަތްލާން ނުޖެހޭ ފަދަ ގޮތަކަށް އަތްލި" ނަމަވެސް އެއީ މަޖަލަކަށް ކުރި ކަމެއް ކަމަށެވެ.

އެކަމުގެ ތުހުމަތު ކުރެވޭ ބާކް 2018 ވަނަ އަހަރު ބުނީ އޭނާ ގޯސް ކަމެއް ނުކުރާ ކަމަށާއި އެކަމަކު ވެސް ފްރޭޒާގެ ކިބައިން މައާފަށް އެދިފައި ވާނެ ކަމަށެވެ.

ފްރޭޒާ އެންމެ ފަހުން ފެނުނު "ދަ ވޭލް" ފިލްމުގައި އޭނާގެ ރޯލަކީ އާދަޔާ ހިލާފަށް ފަލަ ލިޓެރޭޗާ ޕްރޮފެސަރެއްގެ ރޯލެވެ. އެ ފިލްމުގަައި އޭނާގެ އެކްޓިންއަށް ގިނަ ބަޔަކު ތައުރީފް ކުރި އެވެ.

އަންނަ އަހަރުގެ އޮސްކާ އެވޯޑުގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު އޭނާ ގެންދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އޮސްކާ އެވޯޑު ހަފުލާ އޮންނާނީ މާޗް މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން ގޯލްޑަން ގްލޯބްސް އޮންނާނީ ޖެނުއަރީގަ އެވެ.