Advertisement

ދައުލަތުން ބުނަނީ ޔާމީންގެ ހެކިން ދެއްކި ވާހަކަ ހަމަނުޖެހޭ ކަމަށް

17 ނޮވެންބަރު 2022 - 18:57 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ދައުލަތުން ބުނަނީ ޔާމީންގެ ހެކިން ދެއްކި ވާހަކަ ހަމަނުޖެހޭ ކަމަށް

17 ނޮވެންބަރު 2022 - 18:57 0

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތަށް، ދައުވާއިން ދިފާއު ވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ޝަރީއަތަށް ހާޒިރުވެ ދެއްކި ވާހަކަތަކުގައި ބުއްދި ހަމަނުޖެހޭ ކަންކަން ހުރި ކަމަށް ދައުލަތުން ބުނެފި އެވެ.

ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެއް މުއާމަލާތް ކަމަށް ބުނާ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރެ އެވެ.

މި މައްސާލައިގެ ޝަރީއަތުގައި މިއަދު ކުރިއަށް ދަނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. ފުރަތަމަ ދައުލަތަށް ދިން ފުރުސަތުގައި ގާތްގަނޑަކަށް ދެ ގަޑިއިރެއްހާ އިރު ވަނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އަދި, ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކުގައި ހުރި އުނި ކަމެއް ވިއްޔާ ދައުލަތުން ކިޔައިދީފައިވެ އެވެ.

ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުން ދިފާއުގައި ހުށަހެޅި ހެކިތަކަކީ ތަހުގީގު މަރުހަލާގައި ހާމަކޮށްފައިވާ ހެކިތަކަކަށް ނުވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ ދައުލަތުން ބުނަނީ ކުރިއާލާ ނަގާފައި ނެތް ދިފާއަކަށް ވާތީ ވެސް އޭގެ ބުރަދަން ކުޑަވާނެ ކަމަށެވެ.

ޔާމީނަށް ލިބުނު ކަމަށް ދައުލަތުން ތުހުމަތުކުރާ 1.1 މިލިއަން ޑޮލަރަކީ ޔޫސުފް ނައީމްއާ މެދު ކުރެވުނު ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް އެ ދެ ފަރާތުން ބުނެ އެވެ. އެ ކަން ސާބިތުކުރަން ޔާމީން ވަނީ ހެކި ހުށަހަޅައިފަ އެވެ.

ޔާމީނަށް ލިބުނު ޑޮލަރުގެ ބަދަލުގައި ޔޫސުފް ނައީމަށް އެ އަގަށްވާ ވަރަށް ދިވެހި ރުފިޔާ ހަވާލުކުރުމަށް ޔާމީންގެ ފަރާތުން ޔޫސުފް ނައީމް ދިރިއުޅުއްވާ ގެކޮޅަށް ވަޑައިގަތް ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އަދި އަބްދުﷲ ރަޝީދު ނަމަކަށް ކިޔާ މީހަކު ހެކިބަސް ދިނެވެ.

ނަރީޝް ހެކިބަސް ދެއްވަމުން ވަނީ 15 މިލިއަން ހަތަރު ލައްކަ ރުފިޔާ ހަމަތޯ ބެލުމަށް ނޫޓުތައް އަތުން ގުނާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ޖެހިގެން އައި ދުވަހު އަބްދުﷲ ރަޝީދު ވެސް ވަނީ އަތުން ގުނި ކަމަށާއި އެކަމަކު ގުނީ ފަހަރަކު ނޫޓެއް ވަކިން ނޫން ކަމަށާއި ކޮންމެ ބޮނޑިއެއް ވަކިން ކަމަށް ބުނެ ހެކިބަސް ދީފަ އެވެ.

ދައުލަތުގެ ވަކީލު މަރިޔަމް ޝަހުމާ ވިދާޅުވީ މި ދެ ހެކިބަހަށް ބަލާއިރު ނަރީޝް ދެއްކެވި ވާހަކައިގައި ޝައްކު އުފެދޭ ކަމެއް ދިމާވުމުން އަބްދުﷲ ރަޝީދު ޝަރީއަތަށް ހާޒިރުކުރި ދުވަހު ދިފާއުން އިސްވެ ފައިސާ ގުނި ގޮތަކާ ގުޅޭ ގޮތުން ސުވާލުކޮށްފައިވާ ކަމަށެވެ. ދައުލަތުން ދެކެނީ އެއީ ރާވައިގެން ކުރި ކަމެއް ގޮތުގަ އެވެ.

"އަތުން ނޫޓު ގުނި ކަމަށް ނަރީޝް ބުނިއިރު އެއީ ބުއްދި ހަމަޖެހޭ ވާހަކައެއް ނޫން ކަމަ ދައުލަތުން ދެކެން، ބުއްދި ހަމަނުޖެހޭ ވާހަކައެއް ދެއްކުމުން އަބްދުﷲ ރަޝީދުއާ އެ ސުވާލު ދިފާއުން އިސްވެ ކުރުމަށް ފަހު، އަބްދުﷲ ރަޝީދު އެ ވާހަކަ ދައްކާފައިވޭ،" ވަކީލު ޝަހުމާ ވިދާޅުވި އެވެ.

ނަރީޝްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލާއި، ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދާއި، ކުރީގެ އިކޮނޮމިކް މިިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ފަދަ ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ހެކިބަސް ދީފައިވެ އެވެ.

ދައުލަތުގެ ވަކީލު ޝަހުމާ ވިދާޅުވީ މިއީ ޔާމީނާ ސިޔާސީ ގޮތުން ގާތް ގުުޅުމެއް އޮތް ބަޔަކަށް ވުމާއި، އެ ބޭފުޅުން ވެސް ހެކިބަސް ދެއްވަމުން ޔާމީނާއެކު ޒާތީ ގޮތުން ވެސް ގާތް ގުޅުމެއް އޮތް ކަމަށް ވިދާޅުވެފައިވާތީ އެއީ މިނިވަން ހެކިބަހެއް ދެވޭނެ ބަޔެއް ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ޔާމީނާއި ޔޫސުފް ނައީމާ ދެމެދު އޮތް ޑޮލަރު ގަތުމުގެ އެއްބަސްވުމެއް ވެސް ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. އެ އެއްބަސްވުމުގައި ތާރީޚެއް ނެތުމުންނާއި ހެކިން ގޮތުގައި ދިޔަ ދެ މީހުންގެ ސޮއި ނެތުމުން އެ ލިޔުމަކީ ވެސް ބުއްދި ހަމަޖެހޭ ގޮތަކަށް އޮތް ލިޔުމެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.

ޔާމީން ހުށަހެޅި އެ ހެކިތައް ނަފީ ކުރުމުގެ ބޭނުމުގައި ދައުލަތުން އާ ހެކިތަކެއް ހޯދުމަށް ފަހު ޝަރީއަތަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ނަރީޝް އޭރު އަދާ ކުރި ވަޒީފާގެ ހާޒިރީއާއި، އިކޮނޮމިކް ޔޫތު ކައުންސިލްގެ އިތުރު ޔައުމިއްޔާތަކެއް ހިމެނެ އެވެ. އެ ހެކިތައް ޝަރީއަތަށް ބަލައިގަތުމަށް ވެސް މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް މިއަދު ނިންމަވާފައިވެ އެވެ.

ޔާމީންގެ ފަރާތުން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަން ފައްޓަވާފައިވެ އެވެ. މެންދުރުފަހު 1:00 އިން ފެށިގެން ކުރިއަށްދާ ޝަރީއަތުގެ އަޑުއެހުން މެދުކަނޑާލައި އާދިއްތަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.