Advertisement

ޔާމީންގެ ދިފާއީ ހެކި ދޮގުކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގެންފި

17 ނޮވެންބަރު 2022 - 14:31 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުރީގެ ރައީސް ޔާމީން: އާރަށު މައްސަލާގައި ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގެންފި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު


ޔާމީންގެ ދިފާއީ ހެކި ދޮގުކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގެންފި

17 ނޮވެންބަރު 2022 - 14:31 1

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ޝަރީއަތަށް ބަލައިގަތުމަށް، މައްސަލައާ ހަވާލުވެ ހުންނެވި އެ ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ނިންމަވައިފި އެވެ.

ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެއް މުއާމަލާތް ކަމަށް ބުނާ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރެ އެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އާ ހެކިތަކެއް ހުށަހެޅުމަށް އެދިފަ އެވެ. އެއީ ޔާމީންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތަތަކީ ދޮގެއް ކަން ސާބިތު ކުރުމަށް ދައުލަތުން ބޭނުންވި ހެކިތަކެކެވެ. އެކަމަކު ޝަރީއަތުގެ މެދުތެރެއިން އެ ގޮތަށް އާ ހެކި ހުށަނޭޅޭނެ ކަމަށް ދިފާއުން ބުންޏެވެ.

މިއަދުގެ އަޑުއެހުން ފަށަމުން ގާޒީ ޝަކީލް ވިދާޅުވީ އެ ހެކިތައް ބަލައިގަތުމަށް ޝަރީއަތުން ނިންމާފައިވާ ކަމަށެވެ. އެ ކަމަށް ބަހުސެއް ކުރުމަށް ފަހު އަލުން ގޮތެއް ނިންމުމަށް ޔޫސުފު ނައީމްގެ ވަކީލު ހަމްޒާ ލަތީފް އެދިވަޑައިގަތެވެ. ނަމަވެސް، މިއަދު ގޮތެއް ނިންމަވާނެ ކަން ގާޒީ ކުރިން ވެސް ވިދާޅުވެފައިވާތީ އެ ފުރުސަތު ނުދެއްވަ އެވެ.

ދައުލަތުން ހުށަހެޅީ އާ ހެކިތަކުގެ ތެރޭގައި ޔާމީންގެ ވެރިކަމުގައި ނަރީޝް ވަޒީފާ އަދާކުރި ތަނުގެ ހާޒިރީ އާއި، އޭރުގެ ވަޒީރުންގެ ކެބިނެޓްގެ ކޮމިޓީއެއް ކަމަށްވާ އިކޮނޮމިކް ޔޫތު ކައުންސިލްގެ ޖަލްސާތަކެއްގެ ޔައުމިއްޔާ އެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވި ގޮތުގައި އެ ހެކިތައް ހުށަހެޅީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ފަހުން ހާމަވާ ހެކިތައް ހުށަހެޅުމަށް އޮންނަ މާއްދާގެ ދަށުންނެވެ.

މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ޔާމީންގެ ފަރާތްޕުޅުން ދިފާއީ ހެކިންގެ މައުލޫމާތު ހާމަކޮށްފައި ނުވާއިރު ކުރިން ހާމަކޮށްފައި ނެތް މައުލމާތުތަކެއް ލިބިފައިވާ ކަމަށް ދައުލަތުން ފާހަގަ ކުރެ އެވެ. އެހެންވެ އާ ހެކިތައް ހުށަހެޅީ އެ މައުލޫމާތުތަކުގެ ސައްހަކަން އޮތް ވަރު ސާފު ކުރުމަށް ކަމަށް ދައުލަތުން ބުންޏެވެ.

ޔާމީން ވަނީ ދައުލަތުން ހުށަހަޅާފައިވާ ޔައުމިއްޔާތަކަކީ ސައްހަ ނޫން ލިޔުންތަކެއް ކަމަށް ކަނޑައެޅުމަށް ދިފާއީ ހެކި ހުށަހަޅާފަ އެވެ. އަދި، ނަރީޝް ހުށަހެޅީ ޔޫސުފް ނައީމާ ދެމެދު ހިނގީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން ސާބިތު ކުރުމަށެވެ. ދައުލަތުގެ އާ ހެކިތަކަކީ މި ހެކިތައް ނަފީ ކުރުމުގެ ބޭނުމުގައި ހުށަހެޅި ހެކިތަކެކެވެ.