Advertisement

އިރާނުން އޮމާން ކައިރީގައި އޮތް ތެޔޮ ޓޭންކަރަކަށް ހަމަލާދިންކަމުގެ ތުހުމަތު

17 ނޮވެންބަރު 2022 - 07:56 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އޮމާން ކައިރީގައި އޮތް ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެފައި. -- ފޮޓޯ: އޭޕީ


އިރާނުން އޮމާން ކައިރީގައި އޮތް ތެޔޮ ޓޭންކަރަކަށް ހަމަލާދިންކަމުގެ ތުހުމަތު

17 ނޮވެންބަރު 2022 - 07:56 0

އަންގާރަ ދުވަހު އޮމާން ކައިރީގައި އޮތް ތެޔޮ ޓޭންކަރަކަށް ހަމަލާ ދިނީ އިރާނުގެ ޑްރޯނަކުން ކަމަށް އިޒްރޭލުން ތުހުމަތުކޮށްފި އެވެ.

އިޒްރޭލުން ކޮންޓްރޯލް ކުރާ އީސްޓާން ޕެސިފިކް ޝިޕިން ކުންފުނިން ބުނީ ޓޭންކަރަށް ކުދި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ. އަދި އޭގެން ގޭހާއި ތެޔޮ ވެސް ލީކެއް ނުވެ އެވެ.

އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އިދާރާއިން ބުނީ އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ. އީސްޓާން ޕެސިފިކް ޝިޕިން ކުންފުނީގެ ވެރިޔާއަކީ އިޒްރޭލުގެ ބިލިއަނަރު އިދާން އޯފާ އެވެ.

ފަހަކަށް އައިސް ގަލްފުގެ ކަނޑުގެ ސަރަހައްދުގައި ޓޭންކަރުތަކަށް ދޭ ހަމަލާ ވަނީ އިތުރުވެފަ އެވެ. ޖުލައި 2021 ގައި ވެސް އޮމާން ކައިރިން އިޒްރޭލްގެ ކުންފުންޏެއްގެ ޓޭންކަރަކަށް ޑްރޯން ހަމަލާއެއް ދިނެވެ.

އިޒްރޭލުން އެ ފަހަރު ވެސް ތުހުމަތު ކުރީ އިރާނަށެވެ. އެކަމަކު އިރާނުން އެ ތުހުމަތު ދޮގުކުރެ އެވެ.