Advertisement

ޓްރަމްޕް އަލުން ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވައިފި

16 ނޮވެންބަރު 2022 - 13:19 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް. -- ފޮޓޯ: ރޮއިޓާޒް


ޓްރަމްޕް އަލުން ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވައިފި

16 ނޮވެންބަރު 2022 - 13:19 0

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2024 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމަވައިފި އެވެ.

މިދިޔަ ހަފުތާގައި އޮތް ދައުރު މެދުތެރޭ އިންތިހާބުން ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއިން އުއްމީދު ކުރި ވަރަށް ކޮންގްރެސްގެ ގޮނޑިތަކެއް ނުލިބެ އެވެ.

އެހެން ނަމަވެސް، ރައީސް ކަމަށް ވާދަކުރަން ނިންމެވިކަން ޓްރަމްޕް އިއުލާން ކުރެއްވީ ފްލޮރިޑާގައި އެމަނިކުފާނުގެ ގެކޮޅުގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުންނެވެ.

އެތައް ސަތޭކަ ސަޕޯޓަރުން އެ ގޭގެ ބޯލްރޫމަށް ޖަމާވެފައި އޮތް އިރު، ގަޑިއެއްގެ އިރަށް ވުރެ ގިނަ ވަގުތު ޓްރަމްޕް ވާހަކަދެއްކެވި އެވެ.

"އެމެރިކާގެ ރައީސް ކަމަށް ވާދަކުރާނެކަން މި އިއުލާން ކުރަނީ އަލުން އެމެރިކާ ވަރުގަދަ ކުރުމުގެ ނިޔަތުގައި،" ކެމްޕެއިން ސްލޯގަންއާ ގުޅުވައި ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕްގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުން އޮފިޝަލުން ވަނީ އެމެރިކާގެ ފެޑެރަލް އިލެކްޝަން ކޮމިޝަނަށް ރަސްމީ ލިޔެކިޔުންތައް ހުށަހަޅައިފަ އެވެ.

ޓްރަމްޕްގެ ރިޔާސީ ކެމްޕެއިން ފެއްޓެވި ނަމަވެސް، ރިޕަބްލިކަން ޕާޓީގެ ޓިކެޓް ލިބޭނެ ކެންޑިޑޭޓެއް ކަށަވަރު ވާނީ 2024 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެނެލިސްޓުން ބުނާ ގޮތުގައި ޓްރަމްޕް ވާދަކުރާނެކަން އެހާ އަވަހަށް އިއުލާން ކުރީ ޕާޓީގެ ތެރެއިން ކުރިމަތިވެދާނެ ވާދަވެރިކަން ކުޑަ ކުރުމުގެ ގޮތުންނެވެ.

ޕާޓީގެ ތެރެއިން ޓްރަމްޕްއާ ވާދަކުރައްވާނެ ކަމަށް ބެލެވެނީ ކުރީގެ ނައިބު ރައީސް މައިކް ޕެންސް އަދި ފްލޮރިޑާގެ ގަވަރުނަރު ރޮން ޑެ ސަންޓިސް އެވެ.