Advertisement

މިސްރުގެ އެކްޓިވިސްޓް ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ނިންމާލައިފި

16 ނޮވެންބަރު 2022 - 06:53 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަލާ އަބްދެލް ފައްތާހް. -- ފޮޓޯ: ގެޓީ އިމޭޖާޒް


މިސްރުގެ އެކްޓިވިސްޓް ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ނިންމާލައިފި

16 ނޮވެންބަރު 2022 - 06:53 0

މިސްރުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި އެކްޓިވިސްޓު އަލާ އަބްދެލް ފައްތާހްގެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ނިންމާލައިފި އެވެ.

ހަތް މަސް ވަންދެން ކުރިއަށް ގެންދިޔަ ހަޅުތާލު ނިންމާލިކަން އޭނާ އާއިލާއަށް އެންގީ މަންމައަށް މިދިޔަ ހޯމަަ ދުވަހު ފޮނުވި ސިޓީއެއްގަ އެވެ.

"އަހަރެންގެ ހަޅުތާލު ނިންމައިފިން. ހުރިހާ ކަމެއް ބުރާސްފަތި ދުވަހު ކިޔައިދޭނަން،" އެ ސިޓީގައި ލިޔެފައިވެ އެވެ.

އާއިލާއިން ބުނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ނިންމާލި ކަމަށް ބުނުމުން ހިތްހަމަޖެހޭ ކަމަށެވެ. އެހެން ނަމަވެސް، ހަމަ ލޮލަށް އަލާ ނުފެންނަ ނަމަ އޭނާގެ ހާލަތު ވަޒަން ކުރަން އުނދަގޫ ކަމަށް ބުންޏެވެ.

ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ނިންމާލި ކަމަށް ބުނެފައިވާ އިރު، އޭގެ ކުރިން އަލާ ބުނީ ހޮނިހިރު ދުވަހުން ފެށިގެން ފެން ވެސް ބޮމުންދާ ކަމަށެވެ.

އަލާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފެށީ ނުހައްގުން ބަންދުކޮށްފައި ހުރުމުންނެވެ. މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު އޭނާ ފެން ބުއިން ވެސް ހުއްޓާލި އެވެ.

އަލާގެ އާއިލާއިން ބުނީ އެ ދުވަހުން ފެށިގެން އޭނާގެ އެއްވެސް ހަބަރެއް ނުވާ ކަމަށެވެ. އަލާއަކީ މިސްރާއި އިނގިރޭސިވިލާތަށް ނިސްބަތްވާ މީހެކެވެ.

އެހެން ނަމަވެސް މީގެ ދެ ދުވަސް ކުރިން އަލާގެ ފަރާތުން އޭނާގެ މަންމައަށް ފޮނުވި ސިޓީއެއްގައި ބުނީ އަލުން ފެން ބޯން ފަށާފައިވާ ކަމަށާއި ސިއްހީ އެހީތެރިކަން ލިބެމުންދާ ކަމަށެވެ.

އުމުރުން 40 އަހަރުގެ އަލާ މަގްބޫލުވީ 2011 ވަނަ އަހަރު މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްއާ ދެކޮޅަށް ހިންގި ބޮޑު އިންގިލާބުގެ ތެރެއިންނެވެ.

އޭގެ ފަހުން މިސްރުގައި އޮތީ ޑިމޮކްރެޓިކް އުސޫލުތަކާ އެއް ގޮތަށް އިންތިހާބު ކުރި ސަރުކާރެކެވެ. އެކަމަކު 2014 ވަނަ އަހަރު އަސްކަރީ ބަގާވާތެއްކޮށް، ސިސީ ވެރިކަމަށް ވަޑައިގެންނެވި އެވެ.

ސިސީ ވެރިކަމަށް ވަޑައިގެންނެވި ފަހު އަލާ ގިނަ ވަގުތު ހުރީ ޖަލުގައި ނުވަތަ ފުލުހުންގެ ބަންދުގަ އެވެ. މިދިޔަ އަހަރު އޭނާގެ މައްޗަށް ސާބިތުވީ ދޮގު ހަބަރު ފެތުރި ކަމަށެވެ. އަދި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.