Advertisement

ޑޮކްޓަރުގެ ކަންބޮޑުވުން: ހަކުރު ބަލި ހުރިކަން އެނގޭ، ފަރުވާ ބޭނުމެއްނޫން

15 ނޮވެންބަރު 2022 - 16:50 0

ނިމާ ހަސަން

ނިމާ ހަސަން

އިންސިއުލިން ޕަމްޕެއް ބޭނުންކޮށްފައިވާ މީހަކު ހޮސްޕިޓަލުގައި މަޑުކޮށްލައިގެން: ގިނަ މީހުންގެ ބިރަކީ އުމުރަށް ބޭސް ކާންޖެހުން -- ފޮޓޯ: އޭޑީކޭ


ޑޮކްޓަރުގެ ކަންބޮޑުވުން: ހަކުރު ބަލި ހުރިކަން އެނގޭ، ފަރުވާ ބޭނުމެއްނޫން

15 ނޮވެންބަރު 2022 - 16:50 0

"ހަކުރު ބަލި ހުރިކަން އެނގުމުން ވެސް ގިނަ މީހުން ބޭނުމެއް ނުވޭ ފަރުވާ ލިބިގަންނާކަށް. ސަބަބެއް ކަމަށް ބުނަނީ ބޭސް ކާން ފަށައިފިއްޔާމު އުމުރަށް ބޭސް ކާން ޖެހޭނެ ކަމަށް," ރާއްޖޭގައި ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް ހުރި އެންމެ ބޮޑު އެއް ގޮންޖެހުން ފާހަގަ ކުރައްވަމުން ޑރ. ސަޖަދް އަހުމަދު މާލިކު ވިދާޅުވި އެވެ.

އޭޑީކޭގައި ސީނިއާ ކޮންސަލްޓެންޓް އިން އެންޑޯކްރިނޮލޮޖީގެ މަގާމުގައި ހުންނެވި ޑރ. ސަޖަދް ވިދާޅުވި ގޮތުގައި، ހަކުރު ބަލި ހުރިކަން އެނގި، ބައްޔަށް ބޭސް ކުރަން ބޭނުން ނުވާ މީހުން ތިބެނީ ހަމައެކަނި ރާއްޖޭގައި ނޫން ކަމަށާއި މުޅި ދުނިޔޭގައި ވެސް އެކަން އޮންނަ ގޮތަކީ އެއީ ކަމަށެވެ. އަދި، ހަކުރު ބަލި ހުރިކަން ދަނެގަނެވުމާއެކު ފަރުވާ ނުފަށާ ތިބޭ މީހުން ވަރަށް ގިނަ ފަހަރު ބަލީގައި ހާލު ބޮޑުވެގެން ހޮސްޕިޓަލަށް ގެންނަން ޖެހޭ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

މުޅި ދުނިޔޭގައި ވެސް ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ ހަކުރު ބަލި ހުރި ކަމަށް ބެލެވެނީ މީހެއްގެ ލޭގައި ހަކުރު ހުންނަންވީ ވަރަށްވުރެ އިތުރުވެފައި ހުރުމުންނެވެ. ހަކުރު ބަލީގެ ދެ ވައްތަރެއް ހުރެ އެވެ. އެއީ ރާއްޖެ ފަދަ ގައުމެއްގައި އާންމު ބައްޔެއް ކަމުގައިވީ ނަމަވެސް އޭގެ ނުރައްކާ އިންތިހާއަށް ބޮޑެވެ. ހަކުރު ބަލީގެ ސަބަބުން އެތައް އުނދަގުލަކާ ކުރިމަތިލާން ޖެހެ އެވެ.

ހަކުރު ބަލީގެ ސަބަބުން ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކަށް ނޭދެވޭ އަސަރު ކޮށްފާނެ އެވެ. އެގޮތުން، ހަކުރު ބައްޔަކީ ކިޑްނީ ފެއިލްވުމުގެ އެންމެ އާންމު ސަބަބު ކަމަށް ޑރ. ސަޖަދް ކިޔައިދެއްވި އެވެ. އޭނާ ވިދާޅުވީ، ހަކުރު ބަލީގެ ސަބަބުން ހަށިގަނޑު ކޮލެސްޓްރޯލް ލެވެލް ހުންނަންޖެހޭ މިންވަރުގައި ނުހިފެހެއްޓުމާއި ހިތުގެ ބަލިތައް ޖެހުމާއި ސްޓްރޯކް ޖެހުން ފަދަ ކަންކަން ވެސް ވެދާނެ ކަމަށެވެ.

ހަމައެއާއެކު އޭގެ ސަބަބުން ހަށިގަނޑުގެ ނާރުތަކަށް އަސަރު ކުރުމާއެކު ލޮލުގެ ފެނުމަށް ވެސް އަސަރު ކޮށްފާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަކުރު ބަލީގެ ސަބަބުން ނާރުގެ މައްސަލަތައް ދިމާވެ، ހަށިގަނޑުގެ އެކި ތަންތަން އައްސިވާއިރު، ދިލަ ނަގާކަމުގެ އިހުސާސް ވެސް ކޮށްފާނެ އެވެ.

މީހަކު ހަކުރު ބައްޔަށް ޓެސްޓު ކުރަނީ


ހަކުރު ބަލީގެ ސަބަބުން ނުރައްކާވާ އިތުރު ކަމެއްގެ ގޮތުގައި ޑރ. ސަޖަދް ފާހަގަ ކުރެއްވި "ޑައިބެޓިކް ފުޓް" އެވެ. ޑައިބެޓިކް ފުޓަކީ ހަކުރު ބަލީގެ ސަބަބުން، އެންމެ އެކަށީގެންވާ މިންވަރަށް ފައި އިހުސާސު ނުކުރެވުމެވެ. އޭގެ ސަބަބުން ފަޔަށް ފަސޭހައިން އަނިޔާލިބޭއިރު، ފައިގައި ލޭ ދައުރުވާލެއް ދަށްވުމާއެކު އަނިޔާ ލިބޭ ތަނެއް ރަނގަޅުވުމަށް ގިނަ ދުވަސް ނަގަ އެވެ. އަދި އިންފެކްޓުވުން ފަދަ ކަންތައް ދިމާވާއިރު، ބައެއް ފަހަރު ފައި ބުރިކޮށްލަން ޖެހޭފަދަ ހާލަތްތައް ވެސް އާދެ އެވެ.

ރާއްޖޭގައި ހަކުރު ބައްޔަށް ފަރުވާ ހޯދޭނެ ރަނގަޅު ނިޒާމެއް އެކުލެވިފައިވާކަން ފާހަގަކުރައްވަމުން ޑރ. ސަޖަދް ވިދާޅުވީ ހަކުރު ބަލީގެ މީހުންގެ ތެރެއިން އާންމުކޮށް ބަލީގެ ނުރައްކާތައް ކުރިމަތިވަނީ، ފަރުވާ ހޯދުމުގައި ލަސްވާ މީހުންނަށެވެ. އެގޮތުން ބައްޔަށް ބޭސް ނުކޮށް ހުރުމަށްފަހު، ހޭނެތިގެން ވެސް ބައެއް މީހުން ހޮސްޕިޓަލަށް ގެންނަން ޖެހޭ ކަމަށެވެ. އަދި އެގޮތަށް އެމަޖެންސީގައި ގެންނައިރު، ބަލީގެ ހާލު ބޮޑުވެ، ހަކުރު ކޮންޓްރޯލް ކުރުމަށް އުނދަގޫވެ، އިތުރު ސިއްހީ މައްސަލަތަކަށް ފަރުވާ ކުރަން ޖެހޭ ކަން އޭނާ ފާހަގަކުރައްވަ އެވެ.

އޭނާ ވިދާޅުވީ ހަކުރު ބަލީގެ ސަބަބުން ދިމާވާ ނުރައްކާތަކަަކީ، އެއާ ދުރުވެވޭނެ ނުވަތަ އެ ނުރައްކާތައް ވީހާވެސް ފަސް ކުރެވޭނެ ކަމެއް ކަމަށެވެ. އެގޮތުން، ގަވައިދުން ބޭސް ބޭނުން ކުރުމާއި ކަސްރަތު ކުރުމާއި ކެއުމަށް ބަލައިގެން އުޅުމުގެ އިތުރަށް ގަވައިދުން ޑޮކްޓަރަށް ދެއްކުމަކީ ކުރަންޖެހޭ މުހިންމު ކަންތައްތައް ކަން ޑރ. ސަޖަދް ފާހަގަކުރައްވަ އެވެ. އޭނާ ވިދާޅުވީ މިކަންތައްތައް ކުރި ނަމަވެސް، އުމުރުން ދޮށީ މީހުންނަށް [ގާތްގަނޑަކަށް 80 އަހަރު] ހަކުރު ބަލީގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށެވެ.

ޒުވާން ޖީލަށް ބަލި ޖެހުމުގެ ފުރުސަތު އިންތިހާ ބޮޑު

ރާއްޖޭގައި ފަސް އަހަރު މަސައްކަތް ކޮށްފައިވާ ޑރ. ސަޖަދް ވިދާޅުވީ، މިހާރުގެ ޒުވާން ޖީލަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު އިންތިހާއަށް ބޮޑު ކަމަށެވެ. ސަބަބުތަކުގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ހައްތަހާވެސް ދިރިއުޅުމުގެ އާދަކާދަތަކާ ގުޅިފައިވާ ކަންކަމެވެ. މިހާރު ބޮޑުވަމުން އަންނަ ކުދިންގެ މެދުގައި ލުއި ކާނާ މަގުބޫލުއިރު، ގިނައިން ހަކުރު އަޅާފައި ހުންނަ ޖޫސްތަކާއި، އެނާޖީ ޑްރިންކުތައް ވެސް އެހާމެ މަގުބޫލެވެ.

އޭގެ އިތުރަށް ޒުވާނުންނާއި ކުޑަކުދިން މޯބައިލް ފޯނުތަކާއި، އެހެނިހެން ސްކްރީންތަކަށް ގޮސް ހުސްވެފައި ތިބޭއިރު، ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުމަށް އެއްވެސް ސަމާލުކަމެއް ނުދެވޭކަން ޑރ. ސަޖަދް ފާހަގަކުރައްވަ އެވެ. އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން އިސްކޮޅާ އަޅާބަލާއިރު ބަރުދަން މާބޮޑަށް އިތުރުވެ، ހަކުރު ބައްޔަށް ހުށަހެޅޭ ކަމަށެވެ.

ކުދިންތަކެއ ްފޯނާ ކުޅެނީ


ހަކުރު ބަލީގެ ދެ ވައްތަރެއް އުޅޭއިރު، ހަކުރު ބަލީގެ 90 ޕަސަންޓު މީހުން ތަހައްމަލު ކުރަނީ ޓައިޕް 2 ޑައިބެޓީސް އެވެ. އަދި، ހަލުވިކަމާއެކު އިތުރުވަމުން އަންނަނީ ވެސް ޓައިޕް 2 ޑައިބެޓީސް ކަމަށް ޑރ. ސަޖަދް ވިދާޅުވެ އެވެ. ޓައިޕް 2 ޑައިބެޓީސްއާ ދިރިއުޅުމުގެ ވައްޓަފާޅިއާ ވަރަށް ބޮޑަށް ގުޅިފައިވާއިރު، މި ވައްތަރުގެ ހަކުރު ބަލި ކޮންމެ އުމުރެއްގެ މީހަކަށް ވެސް ދިމާވެދާނެ އެވެ.

މި ވައްތަރުގެ ހަކުރު ބަލި ޖެހެނީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ އެވެ. ސިއްހީ ބަހުރުވައިން ނަމަ 'އިންސުލިން ރެސިސްޓެންސް' އާ ކުރިމަތިލާން ޖެހެނީ އެވެ. މިބާވަތުގެ ހަކުރު ބަލި ހުންނަ މީހުންނަށް ބަރުދަން ލުއި ކުރުމުގައި ގިނަ ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ.

ޓައިޕް 2 ޑައިބެޓީސް ދެނެގަންނަން ފަސޭހައިރު، އެންމެ ދެ ހަފްތާއަށް ހަކުރު ބަލީގެ އަލާމާތްތައް ފެނިގެން ވެސް މި ވައްތަރުގެ ހަކުރު ބަލި ދެނެގަނެވިދާނެ އެވެ. ހަކުރު ބަލީގެ އަލާމާތްތަކުގެ ތެރޭގައި، އަވަސް އަވަހަށް ކުޑަކަމު ދާންޖެހުމާއި ކަރުހިއްކާ ފެންބޮވުމާއި އާދަޔާ ހިލާފަށް ބަޑުހައިވުމާއި ބަރުދަން ލުއިވުމުގެ އިތުރުން ވަރުބަލިވުން ހިމެނެ އެވެ.

މިއާ ހިލާފަށް ޓައިޕް 1 ޑައިބެޓީސް އާންމުކޮށް މެދުވެރިވަނީ ޅަ އުމުރުގަ އެވެ. މި ވައްތަރުގެ ހަކުރު ބަލި ޖެހެނީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުވަތަ އެއްވެސް ވަރަކަށް ނުއުފެއްދުމުގެ ސަބަބުންނެވެ. ޓައިޕް 1 ޑައިބެޓީސް ހުންނަ މީހުން ގަވާއިދުން އިންސިއުލިން ބޭނުންކުރަން ޖެހޭއިރު، ޓައިޕް 2 އާ އަޅާބަލާއިރު، ޓައިޕް 1 ޑައިބެޓީސް ކޮންޓްރޯލް ކުރަން ވެސް އުނދަގުލެވެ.

ޓައިޕް 2 ޑައިބެޓީސް ހުންނަ މީހުންނަށް ބޭހުން ބަލި ކޮންޓްރޯލް ކުރެވޭއިރު، ޓައިޕް 1 ޑައިބެޓީސް ހުންނަ މީހުންނަކީ ކޮންމެ ދުވަހަކު އިންސިއުލިން އިންޖެކްޝަން ބޭނުންކުރަންޖެހޭ މީހުންނެވެ.