Advertisement

އިރާނުން އިރާގުގެ އުތުރަށް ޑްރޯން އާއި މިސައިލް ހަމަލާތަކެއް ދީފި

15 ނޮވެންބަރު 2022 - 10:47 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގެ މިސައިލެއް.


އިރާނުން އިރާގުގެ އުތުރަށް ޑްރޯން އާއި މިސައިލް ހަމަލާތަކެއް ދީފި

15 ނޮވެންބަރު 2022 - 10:47 0

އިރާގުގެ އުތުރުގައި އުޅޭ ކުރުދީންގެ ގްރޫޕްތަކަށް އަަމާޒުކޮށް ހޯމަ ދުވަހު އިރާނުން މިސައިލާއި ޑްރޯން ހަމާލަތަކެއް ދީފި އެވެ.

ހަމަލާ ދިން ސަރަހައްދުގެ އިދާރާތަކުން ބުނީ އެކަކު މަރުވެ، އަށް މީހުންނަށް އަނިޔާވި ކަމަށެވެ. އިރާނުން ވަނީ އިރާގަށް ހަމަލާދިންކަން ކަށަވަރުކޮށްދީފަ އެވެ.

އިރާގުގައި ކުރުދީންގެ ދިރިއުޅޭ ކޮއިސަންޖަގްގެ މޭޔަރު ތާރިގް އަލް ހައިދަރީ އޭއެފްޕީއަށް ވިދާޅުވީ ކުރުދިސްތާން ޑިމޮކްރެޓިކް ޕާޓީ އޮފް އިރާންގެ އޮފީސް ހުންނަނީ އެ ތަނުގައި ކަމަށެވެ.

އެ ޕާޓީއިން ބޭނުންކުރާ އިމާރާތަކަށް އަމާޒުކޮށް ފަސް މިސައިލް ފޮނުވި ކަމަށް އޭނާ ވިދާޅުވި އެވެ. އިރާގުގެ އުތުރުގައި ކުރުދީން އުޅޭ އެހެން ހިސާބުތަކަށް ވެސް ހަމަލާ ދިނެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ވެސް އިރާނުން ވަނީ ބޯޑަރު ހުރަަސްކޮށް އުތުރު އިރާގަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގައި ގިނަ ބަޔަކު މަރުވި އެވެ.

އިރާނުން ތުހުމަތު ކުރާ ގޮތުގައި ސެޕްޓެމްބަރު މަހުގެ މެދެއްހާ ހިސާބުން ފެށިގެން އެ ގައުމުގައި ކުރަމުންދާ މުޒާހަރާތައް ގުޅިފައި ވަނީ އިދިކޮޅު ކުރުދީންނާ އެވެ.

އިރާނުގެ ކުރުދީ ހަނގުރާމަވެރި ގްރޫޕުތައް އުޅެނީ އުތުރު އިރާގުގަ އެވެ. އިރާނުގައި މުޒާހަރާ ފެށީ ބުރުގާ ނާޅާ ހުރުމުން ހައްޔަރު ކުރި ޒުވާން އަންހެނަކު މަރުވި މައްސަލައިގަ އެވެ. އުމުރުން 22 އަހަރުގެ މަހްސާ އާމިނީއަކީ ކުރުދީ ދަރިކޮޅުގެ އަންހެނެކެވެ.