Advertisement

ހާސަންގައި ރަޝިއާއިން ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ތުހުމަތު

14 ނޮވެންބަރު 2022 - 20:29 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރަޝިއާގެ ސިފައިން ހާސަން ސިޓީއިން ފޭބީ ހުކުރު ދުވަހު. -- ފޮޓޯ: ރޮއިޓާޒް


ހާސަންގައި ރަޝިއާއިން ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ތުހުމަތު

14 ނޮވެންބަރު 2022 - 20:29 0

މިދިޔަ ހުކުރު ދުވަހު ރަޝިއާގެ ސިފައިން ޔޫކްރެއިންގެ ހާސަން ސިޓީ ދޫކޮށް ދިޔަ އިރު ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ތުހުމަތު ކުރައްވައިފި އެވެ.

ޒެލެންސްކީ ވިދާޅުވީ އާއްމުންނާއި ސިފައިންގެ ގިނަ ބަޔެއްގެ ހަށިތައް އެ ސިޓީއިން ފެނިފައިވާ ކަމަށެވެ. ރަޝިއާ ސިފައިން އާއްމުންނަށް އަމާޒު ކުރާ ކަމަށް ޔޫކްރެއިނުން ކުރާ ތުހުމަތު އެ ގައުމުން ދޮގުކުރެ އެވެ.

ހާސަންގެ ކޮންޓްރޯލް އަލުން ޔޫކްރެއިނަށް ލިބުމާ އެކު ރޭގަނޑުގެ ވަގުތުގައު ކާފިއު ހިންގަން ފަށައި، އެ ސިޓީއިން ނިކުތުމާއި އެތެރެވުން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ.

މީގެ ކުރިން ވެސް ރަޝިއާގެ ސިފައިން ފޭބި ސިޓީތަކުގައި ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާކަމުގެ ހެކި ފެންނަން ހުއްޓެވެ. އެގޮތުން، ބޮޑެތި ވަޅުތަކަށް ގިނަ ބަޔެއްގެ ހަށިތައް އަޅާފައި ހުއްޓެވެ.

އދ. ގެ ހާއްސަ ކޮމިޝަނަކުން ވެސް ބުނީ ޔޫކްރެއިން ހަނގުރާމައިގައި އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތައް ހިންގަމުންދާ ކަމަށާއި އެންމެ ގިނައިން އެފަދަ އަމަލުތައް ހިންގީ ހަނގުރާމަ ފެށުނު އިރު ކަމަށެވެ.

ހާސަން އާއި އިތުރު ތިން ސަރަހަދެއް ރަޝިއާގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިއުލާން ކުރީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ރައީސް ލެޑިމިއަ ޕުޓިން އެވެ.

ކްރައިމިއާއާ ދިމާލުން ޔޫކްރެއިނަށް އަރައި ރަޝިއާގެ ސިފައިން ހާސަން ސިޓީއަށް ވަނީ މާޗް މަހުގެ ކުރީކޮޅު އެވެ. އެ ސިޓީއިން ރަޝިއާ ސިފައިން ދިޔުމަކީ ބޮޑު ކާމިޔާބެއް ކަމަށް ޔޫކްރެއިނުން ދެކެ އެވެ.