19 ނޮވެންބަރު 2022 - 09:07 0
މުހައްމަދު ޝަހްޒާން
19 ނޮވެންބަރު 2022 - 09:07 0
ކަސްރަތު ކުރަމުން ދާއިރު ވެސް ބަރުދަން ލުއި ނުވަނީ ހެއްޔެވެ؟ ނުވަތަ ގަވާއިދުން ކަސްރަތު ކުރަން ފެށި ފަހުން ވެސް ބަރުދަން އިތުރުވަނީ ހެއްޔެވެ؟ ހާސް ނުވާށެވެ. މިއީ ހަމައެކަނި ތިބާއަށް ދިމާވާ މައްސަލައެއް ނޫނެވެ. މިއީ އެތައް ބަޔަކަށް ދިމާވާ މައްސަލަ އެކެވެ. މިހެން ދިމާވާން މެދުވެރިވާ ސަަބަބުތައް ވެސް ބައިވަރެވެ. ގިނަ މީހުންނަށް ގަބޫލު ކުރެވިފައި އޮންނަނީ ބަރުދަން ލުއި ކުރުމަށް ހަމައެކަނި ކުރަން ޖެހޭ ކަމަކީ ކަސްރަތު ކަމަށެވެ. އެހެން ނަމަވެސް މިއީ ކުށްހީއެކެވެ. ބަރުދަން ލުއި ކުރުމުގައި ކަސްރަތާއި އެއްވަރަށް މުހިއްމުކަން ދޭންޖެހޭ އެހެން ކަންކަން ވެސް ހުރެ އެވެ. އަދި ފަހަރުގައި ކަސްރަތު ކުރަން ފެށިފަހުން ބަރުދަން އިތުރުވާން މެދުވެރިވި ސަބަބަކީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމަކަށް ނުވުންވެސް އެކަށީގެން ވެއެވެ.
ކަސްރަތު ކުރުމަކީ، އެމީހަކު ބޭނުން އެއްޗެއް ހިތުހުރި މިންވަރަކަށް ކެއުމުގެ ހުއްދަ ލިބޭ ލައިސެންސެއް ނޫނެވެ. ބަރުދަން ލުއި ކުރުމަށް އެންމެ މުހިއްމު ކަމަކީ ހަގީގަތުގައި ކަސްރަތެއް ނޫނެވެ. ބަރުދަން ލުއި ކުރުމުގައި ކަސްރަތު އަދާކުރަނީ ގާތްގަނޑަަކަށް 25 އިންސައްތަ އެވެ. ބާކީ 75 އިންސައްތަ އަކީ ކެއުމުގައި ގެންގުޅޭ ހަމަ ނުވަތަ ޑައެޓެވެ. އެހެންކަމުން އަދި ކަސްރަތު ކުރަމުން ދިޔަ ކަމުގައި ވީނަމަވެސް ރަނގަޅު ޑައެޓެއް ނުނަގާ ކަމަށް ވަނީނަމަ ބަރުދަން ލުއި ވުމަށް ވުރެ ގާތީ ބަރު ވުމާ އެވެ. ބަރުދަން ލުއި ކުރެވޭނީ ކާއެއްޗެހިން ހަށިގަނޑަށް ލިބޭ ކެލެރީއަށް ވުރެ ގިނަ ކެލަރީ ކަސްރަތުކޮށްގެން އަންދާލެވޭ ނަމަ އެވެ.
ކަސްރަތު ކުރުމުގެ އިތުރުން އާންމު ދިރިއުޅުމުގައި އުޅޭ އުޅުމުގައި ވެސް ހަށިގަނޑުން ކެލެރީ އަނދައިގެން ދެ އެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމުގައި ހިމެނުން ވަރަށް މުހިއްމެވެ. ކަސްރަތު ކޮށްގެން ބަރުދަން ލުއި ކުރެވޭނީ އަންދާލަން ޖެހެނީ ކިހާ ކެލެރީއެއްކަން އެނގިގެންނެވެ. އެކަންވާން އަންނަނީ ކެއުމުގައި ބޭނުންކުރާ ކާނާއިން ހަށިގަނޑަށް ކެލެރީ ލިބެނީ ކިހާ މިންވަރެއްކަން ދެނެގަނެވިގެންނެވެ. އެހެންކަމުން ބަރުދަން ލުއި ކުރުމަށް އެދޭ ނަމަ ފުރަތަމަ ޑައެޓިޝަނެއްގެ ގާތަށް ގޮސް ލަފައެއް ހޯދާލުމަކީ ބުއްދިވެރި ކަމެކެވެ.
ބަރުދަން ލުއި ކުރުމަށްޓަކައި ހަމަނިދި ނިދުމަކީ ވެސް ރަނގަޅު ޑައެޓެއް ނެގުމާއި ކަސްރަތު ކުރުމާއި އެއްވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ ކަސްރަތުގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތަކަށް ހަށިގަނޑު ހޭނެމުންދާއިރު، ގައިގެ މަސްތަކަށާއި ސިކުނޑިއަށް އަރާމު ނުދީފި ނަމަ، އޭގެ ސަބަބުން ބަރުދަން ލުއި ކުރުމަށް ކުރާ ކަސްރަތުގެ ބޭނުން ކެނޑި ރަނގަޅު ޑައެޓެއް ނެގުމަށް ހުރަސްއެޅުން އެއީ ވަރަށް ގާތް ކަމަކަށް ވާތީ އެވެ.
ހަމަނިދި ނުނިދާކަމަށް ވާނަމަ، ބަނޑުހައި ހޫނުކަމުގެ އިހުސާސް ކުރުވުމުގެ ޒިންމާ އަދާކުރާ ދެ ހޯމޯން ކަމުގައިވާ ލެޕްޓެން އަދި ގްރެލެން ހަށިގަނޑުގައި މަސައްކަތް ކުރާ ގޮތް ތަފާތުވެެ އެވެ. ލެޕްޓެން އަކީ ބަނޑު ފުރުނު ކަމުގެ މެސެޖު ސިކުނޑިއަށް ފޯރުކޮށްދިނުމާއި، ކެލެރީ އަނދަން ފަށަންވީ ކޮންއިރަކުކަމާއި، ހަށިގަނޑު ހެލިފެލިވެ އުޅުމަށް ހަކަތަ އުފައްދަންވީ ކޮންއިރަކުތޯ ސިކުނޑިއަށް އަންގައިދިނުމުގެ ޒިންމާ އަދާކުރާ ހޯމޯން އެވެ. ނަމަވެސް ހަމަނިދި ނުނިދާނަމަ، ހަށިގަނޑުގައި މި ހޯމޯން އުފައްދާ މިންވަރު ވަރަށް ބޮޑަށް މަދުވެ އެވެ. ނަތިޖާއަކަށް ވަނީ ހަށިގަނޑުގައި ހެލިފެލިވެ އުޅުމަށް އެކަށީގެންވާ ވަރަށް ހަކަތަ ނެތް ކަމަށް ސިކުނޑިއަށް ހީވެ ބަނޑުހައިވެއްޖެ ކަމުގެ އިހުސާސް ކުރުވުމެވެ. ގިނަ މީހުން ދަންވަރަށް ގިނައިން ކާހިތްވަނީ މި ސަބަބާ ހުރެ އެވެ.
ލެޕްޓިންއާ ހިލާފަށް ގްރެލެންއަކީ މީގެ އިދިކޮޅެވެ. ގްރެލެންގެ ޒިންމާއަކީ ކާން ޖެހޭ ވަގުތާއި، ހަށިގަނޑުގައި ހުންނަ ކެލަރީ އެންދުން ހުއްޓާލަންވީ ވަގުތާއި، ހަށިގަނޑުގައި ހުންނަ ހަކަތަ ފެޓުގެ ގޮތުގައި ރައްކާ ކުރަން ސިކުނޑިއަށް އެންގުމެވެ. ނިދާފައި އޮންނަ ވަގުތު ގްރެލެން ހަށިގަނޑުގައި އުފައްދާ މިންވަރު ދަށްވެ އެވެ. ނިދާފައި އޮންނައިރު ބަނޑުހައި ނުވަނީ މިހެންވެ އެވެ. ނަމަވެސް ހަމަނިދި ނުނިދާ ހޭލާ އުޅޭނަމަ ހަށިގަނޑުގައި ގްރެލެން އުފައްދާ މިންވަރު އިތުރުވެ، ބަނޑުހައި ހޫނުކަމުގެ މެސެޖު ސިކުނޑިއަށް ފޮނުވަ އެވެ. އެއާއެކު ކެލެރީ އެންދުން ހުއްޓާލުމަށް ސިކުނޑިން ހަށިގަނޑަށް މެސެޖު ފޮނުވަ އެވެ. އެެހެންކަމުން ހަމަނިދި ނުނިދާ ކިތަންމެ ވަރަކަށް ޑައިޓު ކުރަން އުޅުނުކަމުގައި ވިޔަސް ވުމަށްވުރެ އެކަން ގާތީ ނުވުމާ އެވެ.
މި ހުރިހާ ކަމެއް ރަނގަޅަށް ކުރަމުން ދިޔަ ނަމަވެސް ފަހަރުގައި ކަސްރަތުކޮށްކޮށް ފަލަވުން އެކަށީގެން ވެއެވެ. އެހެން ނަމަވެސް މިއީ މާބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއްކަމުގައި ނުވެވެސް ހިނގައިދާނެ އެވެ. ކުރަން ފަށާ ކަސްރަތަކީ ކުރިން ދުވަހަކުވެސް ނުކުރާ ކަސްރަތެއް ނަމަ، ނުވަތަ ގިނަ ދުވަސްތަކަކަށް ފަހު ކަސްރަތު ކުރަން ފަށާނަމަ، ގައިގައި ހުންނަ މަސްތައް ނުވަތަ ޓިޝޫތައް ކޮންމެވެސް ވަރަކަށް އިރައިގެން ދާނެ އެވެ. މިގޮތަށް އިރައިގެންދާ ކުދި ކުދި ޓީޝުތައް ފަސޭހަ ކުރުމުގެ ގޮތުން ހަށިގަނޑުން އުފައްދާ ފެނެއް އެ ޓީޝޫތަކުގައި އުފައްދަ އެވެ. ބައެއް ފަހަރު މިފަދައިން އިރައިގެންދާ ޓިޝޫތަކުގެ ސަބަބުން މަސްގަނޑު ހިސާބަކަށް ދުޅަވާގޮތް ވެސް ވެއެވެ. އެހެންނަމަވެސް މިއީ ހާސްވާންޖެހޭ ވަރުގެ ކަމެއް ނޫނެވެ. މިއީ ކަސްރަތުގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލަށް ހޭނުމުގެ ގޮތުން ހަށިގަނޑުގެ ދިފާއީ ނިޒާމު މަސައްކަތް ކުރާ ގޮތެވެ. މިގޮތަށް އުފައްދާ ފެނުގެ ސަބަބުން ދުވަސްކޮޅަކު ހަށިގަނޑުގެ ބަރުދަން އިތުރު ވެގެންދިޔަ ނަމަވެސް އެއީ ދާއިމަށް އަންނަ ބަދަލެއް ނޫނެވެ. ގަވާއިދުން ކަސްރަތުކޮށް ރަނގަޅު ޑައިޓެއްގައި ހިފަހައްޓައިފި ނަމަ ކަސްރަތު ހަށިގަނޑަށް ހޭނި ހަމަޖެހުނީމާ މި ބަރުދަން އިސާހިތަކު ލުއިވެދާނެ އެވެ. ހަމައެކަނި ބޭނުންވަނީ ކުޑަ ހިތްވަރެކެވެ.
އެހެންކަމުން ބަރުދަން ލުއި ކުރުމަށްޓަކައި ހަމައެކަނި ކަސްރަތުކޮށްގެން ފުއްދާލެވޭކަށް ނެތެވެ. ފަހަރުގައި ބަރުދަން އިތުރުވާ ސަބަބު ގުޅިފައި އޮތީ ތިމާގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ކަމަށް ވެސް ވެދާނެ އެވެ. އެހެންނަމަވެސް އެއީ ވެސް އަދި ކަސްރަތު ނުކޮށް ހިތްވަރު އެލުވާލަން ޖެހޭވަރުގެ ކަމެއް ނޫނެވެ. ރަނގަޅު އަޒުމެއްގައި ފަށައި، މަޑުމަޑުން މި ކަންކަން ހަމައަކަށް އެޅުވުމަށް މަސައްކަތް ކޮށްފިނަމަ ބަރުދަން ލުއި ކޮށްލުމަކީ ދަތި އުނދަގޫކަމަކަށް ވެގެން ނުދާނެކަން ކަށަވަރެވެ. ކަސްރަތަކީ ހަމައެކަނި ބަރުދަން ލުއި ވުމުގެ އިތުރުންވެސް ސިއްހީ އެތައް ފައިދާތަކެއް އޭގެ ސަބަބުން ލިބޭ ކަމެއްވެސް މެއެވެ. ނަމަވެސް ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރާނަމަ މިކަންކަމާ މެދު ވިސްނާލުން އެއީ ހަމަ އެންމެ ރަނގަޅު ކަމެކެވެ.
Comment