Advertisement

މައްޔިދައިތަގެ ދަތެއް ނޫން، މިއީ "ޗޯކު ހިޔަމަ"

12 ނޮވެންބަރު 2022 - 07:03 0

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)

ޗޯކު ހިޔަމަ ނުވަތަ ސްލޭޓު ޕެންސިލް އާޗިންސް: ރާއްޖޭގެ މޫދުގައި މި ބާވަތުގެ އެތައް ވައްތަރެއް އުޅޭ. -- ފޮޓޯ: ހަސަން ޒަރީރު (ލަގަން)


މައްޔިދައިތަގެ ދަތެއް ނޫން، މިއީ "ޗޯކު ހިޔަމަ"

12 ނޮވެންބަރު 2022 - 07:03 0

ކުޑައިރުގެ ހަނދާންތަކަކީ ފަސޭހައިން ހިތުން ފިލުވާލާން އުނދަނގޫ ގިނަ ތަޖުރިބާތަކެއް ކުރެވޭ ދުވަސްވަރެކެވެ. އަދި އެދުވަސްވަރަކީ ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރެވި އެތަޖުރިބާއިން އެތައް ކަމެއް ދަސްވެ އެނގިގެންދާ ދުވަސްވަރެއް ވެސްމެ އެވެ.

އަހަރުމެންނަކީ ކަނޑުގެ ދަރީންނެވެ. އަހަރުމެން އުޅެބޮޑުވީ ދޮންވެލި ގޮނޑުދޮށްތަކުގެ ރާޅުފަށުން އެއްގަމަށް އަރާހިތް ނުވެ, ތިއްބަ އެވެ. އެތަނުގެ އެންމެ ހިމުން ވެލިފުއްތަކާއި ކަށިވެއްޔާއި ބަނޑު އަކިރިއާއި ގަލާއި އާނުގަނޑުގަނޑުގެ ބަނޑުގުރުތަކުގައި އަހަރުމެން ނުދަންނަ ބީރަށްޓެރި އެއްޗިއްސެއް ނޫޅޭނެ އެވެ. އެކަމަކު އެތަކެތީގެ ހަޤީގަތް ހޯދާ ބެލުމަކީ ނިމެންއޮތްކަމެއް ނޫނެވެ.

އެގޮތުން މިފަހަރު އަހަރެން ބަލައިލާނީ ގޮނޑުށުންފެންނަ އާންމު ގާކޮޅުތަކާއި މުރަކަތަކާއި ތަފާތު, ވައިލެޓް ކުލައިގެ ފޯލި ނުވަތަ ތިންއަރިއަށް ހުންނަ ޗޯކުބުރިއެއް ފަދަ އެއްޗަކަށެވެ. މިއީ ގަލަށްވުރެ މަޑު އެއްޗެއްކަމުން ފާރުފާރުގައި، ހުުދުއަޅި ކުލައިން ކުރަހަން ވެސް ރަނގަޅު އެއްޗެކެވެ.

ޗޯކު ހިޔަމަ މަރުވެގެން އޭގެ ފޯލިތައް ނުވަތަ ކަށިތައް ލައްގާފައި. -- ފޮޓޯ: ހަސަން ޒަރީރު (ލަގަން)


ސުވާލުކުރުމަކީ އުނގެނުމުގެ އެއްބަ އެވެ. އެހެންކަމުން އަހަރުމެންގެ ވަށައިގެންވާ ކަންތައްތަކާއި މެދު ވިސްނާ ފިކުރުކުރުމަކީ ހުރިހާ އުުމުރެއްގެ ބަޔަކު ވެސް ކުރަންޖެހޭ ކަމެކެވެ. ކުރީގައި ބުނެވުނު ފޯއްޔަކީ ކޮންއެއްޗެއްތޯ ބެލުމުގެ ގޮތުން އިހުގައި ކާފަމާމާ ގާތު އަހައިފިނަމަ އެ މީހުން ބުނެ އެވެ. އެއީ "މައްޔިދައިތަ ދަތެކޭ" މޫދުގައި ގަރުގަނޑެއް ނުވަތަ ފޮނުގަނޑެއް އޮވެގެން ސުވާލުކޮށްފިނަމަ ބުނާނީ އެއީ "މައްޔިދައިތަ ބޯދޮވުނު މިލަގަނޑު" ކަމުގަ އެވެ. އިރުވައިގެ ވައިމަޑު ނޫއުޑުގައި ކަފަވިލާތައް އެތުރި ފުރިފައި ހުންނައިރު ކޮން އެއްޗެއްތޯ ނުވަތަ އެހެން އެހެރީ ކީއްވެތޯ އަހައިފިނަމަ ބުނާނީ އެއީ "މައްޔިދައިތަ ބާލީހުގެ ކަފަ އަވީލާފައި" ކަމުގަ އެވެ. މިއީ އޭރު ދަރިންނަށް ތަކެތި ބުނެދޭ ގޮތެވެ. އޮޅުން ފިލުވައިދޭ ގޮތެވެ. އެއީ އެ މީހުންގެ ކާފައިންނާއި ކާފަގެ ކާފައިންވެސް ބުނެދީފައި ވާމަގެވެ. އެޒަމާނުގައި އިތުރަށް ކަމެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ކޮންމެއަކަސް ކުޑައިރުގެ ޒަމާން ނިމި ޒުވާން އުމުރު ފެށުމުން އެކުވެރި ތިންކުދިންނާ އެކު ރޭގަނޑުގައި މޫދު އޮންނަ ގޮތް ދެކިލަން ފީނަން ދާން ނިންމީމެވެ. ބިރުގަތް ކަމުގައިވިޔަސް ކުރަންޖެހޭ ކަމެއްކަމުގައި ފެންނާތީ ރޭގަނޑާއި ދުވާލުގެ ތަފާތު ބަލައިލަން ދިޔައިމެވެ. ތޮށިބޭރުން ބޭރުމަތީގެ ކިލަނބެއް ނެތް ސާފު މޫދުގެ ތެރެއިން ފެންނަން ހުންނަނީ ބައްތީގެ އަލި އެޅޭ އެއްޗެކެވެ. ދެން އެއްކޮށް ވަށައިގެން ވަނީ ކަނު އަނދިރި ކަމެވެ. ފީނަން ފެށުމާއި އެކު ގުދުރަތީ ރީތިކަމާއި ދުވާލުގެ ހަރަކާތްތަކާއި ރޭގަނޑު ހަރަކާތުގައި ހުރި އަޖައިބުކަމުން ހައިރާންވެފައި އޮއްވާ ފާހަގަ ކުރެވުނީ ދުވާލުގެ ވަގުތުތަކުގައި ގާތަކުމަތިން ނުފެންނަ އެއްޗެހިތަކެއް ފެންނަން ހުރިކަމެވެ. ކުޑަކޮށް މަޑުޖެހިލައި ފަރުވާތެރިކަމާއި އެކު އަޑިއަށް ގޮސް އަލިކޮށްލުމުން ގާތަކުގެ މަތީގައި ވާ ކަށިބޯޅަތަކެއް ފަދަ އެއްޗެހިތަކަށް އަލިއެޅި ދިއްލުނެވެ. މާދުރަށް ގޮސް އޮބާ ހިސާބުތަކުގެ ގާތަކުގެ މަތީގައި އެތައް ސަތޭކަ މީގެ ބޯޅަތައް އެތުރިލައިގެން ތިއްބެވެ. އޭގެ ކޮންމެ ކައްޓެއް އޮއިވަރާ އެެއްގޮތަށް މަޑުމަޑު ހަރަކާތެއް ކުރެއެވެ. މީ ވަރަށް ހިތްގައިމު ރީތި މަންޒަރެކެވެ. ދެވަނަ ފަހަރު އަޑިއަށްގޮސް އަތްލައި ނަގާ ބަލައިލިއިރު މިއީ ތޫނުކަމެއް ނެތް ހިޔަމައެއް ކަހަލަ އެއްޗެކެވެ. އަދި މި ފައިތަކަކީ ގޮނޑުދޮށުގައި ލައްގައިފައި ހުންނަ ކާފަމެން މާމަމެން ބުނެއުޅުނު މައްޔިދައިތަގެ ދަތްތަކެވެ.

މަޢުލޫމާތު ހޯދަން ފެށުމުން މިއީ ސްލޭޓު ޕެންސިލް އާޗިންސް (Eucidaris tribuloides) ކަން އެނގުނެވެ. އަދި ކުލަބް އާޗިންސް އަދި މައިން އާޗިންސް ކިޔަ އެވެ. ސުލޭޓް ޕެންސިލްއަކީ އިހުގައި ލިޔަން ބޭނުންކޮށް އުޅުނު ކަޅުކުލައިގެ ހިލައިގެ ކުޑަ ބޯޑެކެވެ. މީގެ ހިލަ ފަށް އޮންނާނީ ލަކުޑި ފުރޭމެއްގަ އެވެ. މީގައި ލިޔުމަށް ވާޖަހައިފައިވާ ހުދުކުލައިގެ ޗޯކު ބުރިއެއް ފަދަ އެއްޗެއް ގެންގުޅެ އެވެ. ސްލޭޓް ޕެންސިލް ކިޔަނީ މި ޗޯކު ބުރިއަށް ނުވަތަ ފަންސޫރަށެވެ. މައްޔަދައިތަ ދަތް ހުންނަ ހިޔަމައަށް ސުލޭޓް ޕެންސިލް އާޗިންސް ކިޔާފައި މިވަނީ އޭގައި ލިޔުމަށް ބޭނުންކުރާ ފަންސޫރަށް ނިސްބަތްކޮށެވެ. އެހެން ކަމުން މިކަންކަން ކަމަށް ބެލުމަށް ފަހު އަޅުގަނޑު މި ހިޔަމައަށް ކިޔާނެ ނަމަކީ "ޗޯކު ހިޔަމަ" އެވެ. އާންމު ގޮތެއްގައި ހިޔަމައޭ ބުނެފިނަމަ ސިފަވަނީ ވިހަގަދަ ކަށިތަކުން ފުރިގެންވާ އެއްޗެއްގެ ގޮތުގަ އެވެ. ނަމަވެސް މީ ވިހަ އެކުލެވޭ އެއްޗަކަށް ނުވިޔަސް މިއީވެސް ހިޔަމަ އާއިލާގެ އެއްޗެކެވެ. އާންމުކޮށް އިންސާނުންނަށް ގެއްލުމެއް ނުވިޔަސް މިފަދަ ކޮންމެ އެއްޗަކުންވެސް މީހަކަށް ގެއްލުމެއް ވެދާނެ އެވެ.

ޗޯކު ހިޔަމަ ދުވާލު ގަޑީ ނުފެނުނަސް، ރޭނގަޑު އެ ތަކެތި ހަރުން ނުކުމޭ. -- ފޮޓޯ: ހަސަން ޒަރީރު(ލަގަން)


ޗޯކު ހިޔަމައަކީ މައިބަދަ އެކުލެވިގެން ނުވާ ދިރޭތަކެތީގެ ތެރޭގއި ހިމެނޭ ޖަނަވާރެކެވެ. މި ޖަނަވާރަށް އަހަރުމެން ބަލާއިރު އޭގައި ލޮލެއް ފައެއް ފެންނާކަށް ނުހުރެއެވެ. ނަމަވެސް މި ސޮރު ބޭނުންވުމުން ހަރަކާތްތެރިވެ ތަންތަނަށް ދަތުރުކޮށް އުޅެއެވެ.

ކުރީގައި ބުނެވުނު ފަދައިން ޗޯކު ހިޔަމަ އަކީ ބަލާބެލުމަށް ނުރައްކާތެރި ކަށީގެ ބޯޅައެއް ފަދަ އެއްޗެކެވެ. ނަމަވެސް މިއީ އެފަދަ ނުރައްކާތެރި އެއްޗެއް ނޫނެވެ. އާންމު ގޮތެއްގައި ޗޯކު ހިޔަމައެއްގެ ޑައިމީޓަރުގައި ހުންނަނީ 5-6 އިންޗި އެވެ. މިސޮރުގެ ހަށިގަނޑުގެ ވަށައިގެންވާ މި ފޯލިތައް ނުވަތަ ކަށިތަކުގެ ސަބަބުން މި ސޮރުމެންގެ ދުސްމަނުންގެ ކިބައިން ފަސޭހަކަމާއެކު ހިޔަމައިގެ ހަށިގަނޑު ސަލާމަތް ކުރެވެ އެވެ. މިއަށް ހަމަލާދޭ ދުސްމަނުން ނުވަތަ ކާން އަންނަ ތަކެއްޗަށް ފުރަތަމަ ޖެހޭނީ މީގެ ހަށިގަނޑުގެ ވަށައިގެން ހުރި ވަރުގަދަ ކަށިތައް ބިންދާ ދުއްވާލާށެވެ. މިއީ ވަރަށް ބޮޑު މަސައްކަތެކެވެ. ޗޯކު ހިޔަމައިގެ ކުލައަކީ މުށިކުލައިން ފެށިގެން ރަތްކުލައާއި ދެމުގެ ކުލަތަކެވެ. އަދި ފަނޑު ހުދު ކުލަވެސް ހުރެ އެވެ. އަދި ބައެއް ތަކެތީގެ ފޯލިތަކުގެ މަތީ ކޮޅުގައި ހުދުކުލައިގެ ބޭންޑު ތަކެއް ހުރެއެވެ.

ށިތައް ނުވަތަ ފޯލިތަކުގެ ކޮޅުގައި ބޭންޑު ހުންނަ ޗޯކުހިޔަމަ


ޗޯކުހިޔަމައިގެ ބަނޑުދޮށުގައިވާ އޭގެ އަނގައިގެ ވަށައިގެން ބިއްލޫރިކޮޅެއް ފަދަ ސާފު އަލި ސަތޭކައަށްވުރެ ގިނަ ފައި ހުރެއެވެ. އަދި އަނގައިގެ ތެރޭގައި ޖަނަވާރުންގެ ބޮލުގައި ހުންނަ ދަޅު ނުވަތަ އަބު ގޮތަށް ހުންނަ ފަސް ދަތް ހުރެއެވެ.

ދިރިއުޅޭ ތަން

ހާއްސަ ގޮތެއްގައި ޗޯކު ހިޔަމަ ދިރިއުޅެނީ ކެރޭބިއަން ކަނޑު ގައްޔާއި އެޓުލާންޓިކް ކަނޑުގައްޔާއި ބުރެޒިލްގެ ބާމިއުޑާ ސަރަހައްދުގަ އެވެ. އާންމު ގޮތެއްގައި ތިބެނީ މޫދުހުއި (ޓާޓުލު ގުރާސް ބެޑުސް) ގަ އެވެ. ނަމަވެސް ފަރުތަކުގެ ގާތަކުގެ ތެރޭގައިވެސް ދިރިއުޅެ އެވެ. ދިރިއުޅޭ ފުންމިނުގެ ގޮތުގައި 20 ފޫޓުގެ ތިލަ ހިސާބުތަކުން ފެށިގެން 2،300 ފޫޓު އަޑިން ވެސް މި ބާވަތުގެ ހިޔަމަ ފެނިފައި ވެއެވެ.

ކުރީގައި ބުނެވުނު ސަރަހައްދުތަކުގެ ހުއިގަނޑު ތަކުގައި އުޅޭ ވާހަކަ ބުނެފައި ވިޔަސް ދިވެހިރާއްޖޭގެ ހުއިގަނޑުތަކުގައި ހިޔަމަ ދިރިއުޅެނީ ވަރަށް މަދުންނެވެ. ހާއްސަކޮށް ޗޯކު ހިޔަމައެއް ދިވެހިރާއްޖޭގެ ހުއިގަނޑުގައި ދިރިއުޅޭކަމަކަށް ލަފައެއް ނުކުރެ އެވެ. ރާއްޖޭގެ ތޮށިން ބޭރު ގާތަކުގައި އަށެއްކަ ފޫޓް ފުންމިނުން ފެށިގެން މިސޮރުމެން ދިރިއުޅެ އެވެ.

ކާނާ

ޗޯކުހިޔަމަގެ އާންމު ކާނާއަކީ ގާގަލުގެ ފެއްސާއި ކުދި ދިރޭތަކެއްޗާއި މަރުވެފައި ހުންނަ ތަކެއްޗާއި މުރަކައިގެ ޅަބަޔާއި މަޑުގަލާއި ކަނޑުރިނދައިގެ ބާވަތްތަކެވެ. ކައިއުޅެނީ ރޭގަނޑުގެ ވަގުތުތަކުގައި ހަރުތަކުން ބޭރަށް ނުކުމެގެންނެވެ. ދުވާލުވުމުން ހަރުތަކަށް ވަދެ ހަރުތަކުގައި ދުވާލު އެއްކޮށް ތިބެއެވެ. މިހެން ހަރުގައި ތިބޭއިރު އެސޮރުމެންގެ ހަރުން ނެރުމަކީ ނުވަތަ ނެގުމަކީ ފަސޭހަކަމެއް ނޫނެވެ. އެއީ އެސޮރުމެން ހަރު ތެރެއަށްވަދެ ފައިތަށް ހުޅުވާލުމުން ހަރުގެ އަނގަޔަށްވުރެ އެސޮރު ބޮޑުވާތީއެވެ.

ދަރިފަސްކޮޅު

މިބާވަތުގެ ހިޔަމައިގައި އަންހެން ހިޔަމަޔާއި ފިރިހެން ހިޔަމާގައި ވަކި ތަފާތެއް ފާހަގައެއް ނުކުރެވެ އެވެ. ދަރިމައިވެ ވިހަނީ ހަށިގަނޑުގެ ބޭރުގަ އެވެ. ވިހާ މޫސުމަށް އަޅައިގަތުމުން އަންހެން ހިޔަމަ މޫދުގެ ތެރެއަށް ބިސްދޫކުރަން ފަށަ އެވެ. ހަމަ މި ވަގުތާއި ދިމާކޮށް ފިރިހެން ހިޔަމަވެސް މޫދުގެ ތެރެއަށް ދަރިފަނި ދޫކުރެއެވެ. މި ގޮތަށް ބިސްދޫކުރާއިރު އަންހެން ހިޔަމަ އެތައްހާސް ނުވަތަ އެތައް މިލިޔަން ބިސްދޫކުރެ އެވެ. މިތަކެތި ބައްދަލުވެ ދަރިމައިވެ އުފެދި ބޮޑުވުމަށް ގާތްގަނޑަކަށް ދެ އަހަރު ނަގަ އެވެ.

މިފަދަ ބާވަތްތަކަކީ ހާއްސަކޮށް ހިޔަމައިގެ ބާވަތްތަކަކީ ދިވެހިން މޫދުކާނާގެ ތެރޭގައި ބޭނުންކުރާ އެއްޗެއް ނޫނެވެ. އެހެންކަމުން ރަށްރަށުގެ ބޭރުމައްޗޭ މިކިޔާ ފަށުގައި މީގެ ވަރަށް ބޮޑު އާބާދީއެއް ދިރިއުޅެ އެވެ. ދުވާލުގެ ވަގުތުތަކުގައި މިސޮރުން ހަރުތަކުގައި ފިލާ އަރާމުކުރަން ތިބިކަމުގައި ވިޔަސް ރޭގަނޑު ހަރުތަކުން ނުކުމެ ކާނާ ހޯދުމުގެ މަސައްކަތްކުރާ މަންޒަރު ފެނުމުން މީގެ އާބާދީގެ ބޮޑުކަން އެނގުނެވެ. އަދި ކުރިން ދަސްވެފައި ހުރި މައްޔިދައިތަ ދަތަކީ މައްޔިދައިތަ ދަތް ނޫންކަމާއި އެތަކެއްޗަކީ މަރުވެގެން ލައްގާފައި ހުންނަ ޗޯކުހިޔަމައިގެ ޗޯކުތައްކަން އެނގިޖެ އެވެ.