Advertisement

ދުރަށް ވިސްނަމުން ކުރަހަމުން ރާވަމުންދޭ

11 ނޮވެންބަރު 2022 - 07:04 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ

މ. ނިރުފެހި ގޭގައި ބުދަ ދުވަހުގެ ރޭ ހިނގި އަލިފާން ނިއްވައިލުމަށް ސިފައިން މަސައްކަތް ކުރަނީ. -- މުމައްމަދު ޝާބިން/ އަދަދު


ދުރަށް ވިސްނަމުން ކުރަހަމުން ރާވަމުންދޭ

11 ނޮވެންބަރު 2022 - 07:04 0

ހަފުތާ ފެށުނީ އަރަބިއްޔާ ސްކޫލްގެ ވާހަކައިންނެވެ. އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް ބާވެ ކުދިން ހާލުގައި ޖެހިގެން އުޅޭއިރު، އެއީ އިއްޔެ މެންދުރުގެ އިމާރާތެކެވެ. އިމާރާތްކުރުމާއި ބިނާކުރުމުގެ ރޭވުންތެރިކަން އަހަރެމެންގެ ތެރޭގައި އޮތް މިންވަރާއި ހާލަތު ދައްކުވައިދޭ ނަމޫނާއަކަށް އަރަބިއްޔާ ސްކޫލްގެ އިމާރާތް ވެސް ފުދެއެވެ.

ހަފުތާގެ މެދުތެރެއިން ނޫސްތަކާއި ސޯޝަލް މީޑިއަށް އާންމުވީ އެންމެ ބޮޑު މައުޟޫއަކީ، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ޖެހެން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ކުރި ސާވޭގެ ނަތީޖާއެވެ. އެ ދިރާސާގެ ނަތީޖާ ބުނާ ގޮތުން ދިވެހިންގެ ސިއްހަތު އޮތީ މާސިންގާ ނުރައްކަލުގައެވެ. ގައިންގަޔަށް ނާރާ ބަލިތައް ގުޅިފައި އޮތީ، ނުބައިހާ އާދަކާދަތަކާއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާއެވެ. ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއިން ބުއިމުގެ އާދަތައް ހުރީ މަރުގެ ތުންފަތްމައްޗާ ދިމާއަށް ވާސިލުކުރާ ހިރާސްތަކުން ހީރަސްޖެހި ނިމިފައެވެ.

ހަފުތާ ނިމިގެން މިދިޔައީ މާލެ މިފަހުން ދުށް އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއިންނެވެ. ހާދިސާގެ ފަސްފަހަތުން އައި ހަބަރުތަކުން ތިލަވެގެންދިޔައީ ގޯތިގެދޮރު އިމާރާތްކުރުމާއި ހަމައިން ފެށިގެން އޮތް ނުރައްކާތެރިކަމާއިބިރުވެރިކަމެވެ. ފަންސާހަށްވުރެ ގިނަ މީހުން އެހާދިސާއާ ގުޅިގެން ވަގުތީ ހިޔާތަކަށް ބަދަލުކުރެވިގެން އެދިޔައީ، ހާދިސާ ހިނގާދިޔަ ގޮތާއި ކަންވެދިޔަ ގޮތަށް ބަލާއިރު، އެފަދަ ހާދިސާއެއް ދާދި އަވަހަށް މާލޭގެ ކޮންމެ ތަނެއްގައި ވެސް ހިނގުމުގެ ފުރުސަތު ވަރަށް ބޮޑުކަން ހަނދާންކޮށްދެމުންނެވެ.

އާދޭހެވެ! ކުރުކޮށްފައި ދަންނަވާނަމަ އަހަރެމެންގެ ރައްކާތެރިކަންވަނީ މާސިންގާ ނުރައްކަލުގައެވެ. މިހެން މިކަން މެދުވެރިވާން ދިމާވެގެން އުޅޭ މައިގަނޑު ސަބަބުތަކާއި އިސްލާމްދީނުގެ ތައުލީމާއި ތަރުބިއްޔަތުގެ އަލީގައި މިކަމާމެދު އެއްޗެއް ބުނެލުމަކީ އަޅުގަނޑު ހިތުން އަޅުގަނޑުގެ ވާޖިބެކެވެ. ދުރަށް ވިސްނަމުން ކުރަހަމުން ރާވަމުން ދިއުމަށް އައިސްފައިވާ އިސްލާމީ އިރުޝާދުތަކުގެ ހަނދާން އައުކޮށްދިނުމަކީ މިވަގުތުގައި މުހިންމު ކަމެކެވެ.

ނިކަން ވިސްނަވާށެވެ! އިސްލާމްދީނުގައި އޮތް އެންމެ ބޮޑު ފާފައަކީ ޝިރުކުކުރުމެވެ. ﷲ އަށް އަޅުކަންކުރުމުގައި އެހެން އެއްޗެއް ބައިވެރިކުރުމެވެ. މިކަން މިހެން އޮތްއިރުވެސް، މާތް ﷲ ފިޔަވައި އަޅުކަންވެވޭ ތަކެއްޗަށް އެތަކެއްޗަށް އަޅުކަންކުރާ މީހުންގެ ގާތުގައި އެއްޗެހި ނުކިޔުމަށް ކީރިތި ޤުރުއާނުގެ އަލްއަންޢާމް ސޫރަތުގެ 108 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ. މިއާޔަތުން ދަސްކޮށްދެނީ ކޮން ކަމެއްތޯއެވެ؟ ބަހެއް ބުނުމުގެ ކުރިންވެސް އެބަހެއް ބުނެގެން ނުކުމެދާނެ ނަތީޖާއަކީ ރަނގަޅުނޫން ނަތީޖާއެއްކަމަށް ފެންނަނަމަ، އެބަހެއް ނުބުނެ ދޫކޮށްލުމުގެ މަތިވެރި ފިލާވަޅެވެ. "ﷲ ދޫކޮށް، އެއުރެން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހިގޮވައި ނަހަދާށެވެ! އޭރުން ނޭނގިތިބެ އެއުރެން އަދާވާތްތެރިކަމުގެ ގޮތުން ﷲއަށް އެއްޗެހި ގޮވައިފާނެއެވެ." އާދޭހެވެ. ތައުޙީދަށް ކުޑައިމީސްކުރުން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުގެ އިރުޝާދެކެވެ.

އިސްލާމީ ބައެއް ފިޤުހީ މަޒުހަބުތަކުގައި ސައްދުއްޒަރާއިޢުގެ ޤާއިދާ ނަމަކަށް ކިޔުނު އުސޫލެއްގެ ދަށުން ހަރާން ހަލާލްގެ ފަތުވާދިނުން ވެސް ގުޅިފައި އޮންނަނީ ފަހަށް ރައްކާތެރިވެ ތިބުމުގެ ރޭވުންތެރިކަމާއެވެ. ދުރަށް ވިސްނަމުން ރާވަމުން ކުރަހަމުންދިއުމާއެވެ. ސައްދުއްޒަރާއިޢު އުސޫލުގެ މައިގަނޑު ވިސްނުމަކީ، އަސްލުގައި ހަލާލްކަމެއް އެހެންނަމަވެސް އެކަމެއްގެ ނަތީޖާއިން ނުކުމެދާނެ ފަސާދައެއް ނުވަތަ ނުރަނގަޅެއް ދުރުކޮށް ގަތުމަށް އަސްލުގައި ހަލާލްވީ ކަންތައް ހަރާންވެގެންވުމެވެ. މިސާލަކަށް ކާފަރުންނާއެކު ވިޔަފާރި މުއާމަލާތްތަކުގެ އަސްލަކީ ހުއްދަވުމެވެ. އެކަމަކު ކާފަރުންނާއި މުސްލިމުންނާ ހަނގުރާމަ ބަދަލުކުރެވެމުންދާ ދަނޑިވަޅުތަކުގައި ނުވަތަ މުސްލިމުންނަށް އެއިން ކުރިމަތިވެދާނެ ނުރަނގަޅެއް އޮވެދާނެނަމަ މުސްލިމުން ކާފަރުންނަށް ހަތިޔާރުވިއްކުން ހުއްދަވެގެން ނުދިއުން ބައެއް ޢިލްމުވެރިން ގެންނަވަނީ މިޤާއިދާގެ ދަށަށެވެ.

ނަފުސު ހިމާޔަތްކުރުމަކީ ޝަރުޢީ އެންމެ ބޮޑެތި މަގުސަދުތަކުގެ ތެރެއިން މަގުސަދެއްގެ ގޮތުގައި އިސްލާމްދީން ލެއްވިއެވެ. އަދި ސިއްހީ ރައްކާތެރިކަމުގައި ދުރަށް ވިސްނަމުން ރާވަމުން ކުރަހަމުންދިއުމުގެ މަންހަޖު ފުރިހަމަ ގޮތުގައި އިސްލާމްދީން ގެނެސްދިނެވެ. އަލްއިސްރާއު ސޫރަތުގެ 70 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ. "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމުގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން ރިޒްޤުދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ." އާދަމުގެ ދަރިން މާތްކުރައްވައި މަތިވެރިކުރެއްވި އެއްގޮތްކަމުގައި މިއާޔަތުގައި ސިފަކުރެވިފައިވަނީ، ރަނގަޅު ތަކެތިން ރިޒްޤުކޮށްދެއްވިކަމަށް ބަޔާންކުރައްވަމުންނެވެ. ސިފަކުރެއްވީ އެކަންޏެއް ނޫނެވެ. އަލްބަޤަރާ ސޫރަތުގެ 172 ވަނަ އާޔަތުގައި ރިޒްޤުކުރެއްވި ހެޔޮ ތަކެތިން ކައިބޮއިއުޅުމަށް އަންގަވާފައިވެއެވެ. އަދި ކައިބޮއިހެދުމުގައި ހައްދުފަހަނައަޅާދިއުން އަލްއަޢުރާފް ސޫރަތުގެ 31 ވަނަ އާޔަތުގައި މަނާކުރައްވާފައިވެއެވެ. އާދަމުގެ ދަރިޔާ ބަނޑަށްވުރެ ނުބައި ކޮތަޅެއް ނުފުރާނެކަމުގައި ނަބަވީ އިރުޝާދުގައި އަންގަވާފައިވެއެވެ. އަދި ބައްޔެއް ވެއްޖެނަމަ އިންތިޒާރުކުރުމަކާ ނުލައި ބޭސްކުރުމަށް ވެސް އިސްލާމްދީނުގައި އިރުޝާދު އައިސްފައިވެއެވެ. ހައްތާވެސް ސިއްހީ ރައްކާތެރިކަމަށް ދެވިފައިހުރި އިރުޝާދުތަކެވެ. މިއިރުޝާދުތައް އަމަލީގޮތުން ތަންފީޒުކުރެވޭނަމަ، މިލިޔުމުގެ ފެށުމުގައި ބުނެވުނު ސާވޭގެ ނަތީޖާ 180 ޑިގްރީން ބަދަލުވެގެން ހިނގައިދާނެކަމާމެދު ޝައްކެތް ނެތެވެ.

ކުރިމަތިވެދާނެ ނުރައްކާތަކުން ދުރާލާ ރައްކާތެރިވެ ތިބުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގޮވާލައި އިރުޝާދުދެއްވާފައިވާ ނަބަވީ ނަސޭހަތްތައް ވަރަށްވެސްގިނައެވެ. ޙަދީޘްގައި އަންގަވައެވެ. ތިޔަބައިމީހުން ނިދާއިރު ގޭގައި އަލިފާން ރޯކޮށްފައި ނުބަހައްޓާށެވެ. އެހެން ބަސްފުޅެއްގައި އަންގަވައެވެ. މި އަލިފާނަކީ، ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ އަދާވާތްތެރިއެކެވެ. ތިޔަބައިމީހުން ނިދާނަމަ، އެނިއްވާލާށެވެ! މިބަސްފުޅުތަކުގެ އަސްލު މުރާދު ގޮސް ހުއްޓެނީ އޭރު އެޒަމާނުގައި އަލިފާނަކީ ރޭގަނޑަށް އަލިކަން ހޯދުމުގައި ވެސް އެންމެ ބޭނުންތެރި ވަސީލަތްކަމުގައިވާތީ އެކަމަށް ކަމަށްވެދާނެއެވެ. އެކަމަކު މި ނަބަވީ އިރުޝާދު މިޒަމާނުގެ ކަންކަމަށް ހުށަހަޅާލާއިރު، ވަރަށް ވެސް ތަނަވަސް ގޮތުގައި މާނަކުރަންޖެހެއެވެ. ގެތައް އިމާރާތްކުރާއިރު، އަލިފާނުގެ ހާދިސާތައް ފަދަ ހާދިސާތައް ހިނގުން ދުރުކޮށްދޭނެ ކޮންމެ ވަސީލަތެއް އިހްތިޔާރުކުރުމަށް މިހަދީސުން ބާރުއަޅައެވެ. ހަމަ އެހެންމެ އެފަދަ ހާދިސާއެއް ހިނގައިފިނަމަ ގެއްލުންތައް ކުޑަކުރެވޭނެ ނަޒަރިއްޔާތުތަކަށް ވިސްނައި އިމާރާތްކުރުމުގެ ކަންކަމުގައި އަދި ދިރިއުޅުމުގެ ވައްޓަފާޅީގައި އެކަންކަން ޝާމިލުކުރުމަށް މިކަމުން ބާރުއަޅައެވެ.

ވަރަށް ގިނަ މީހުން ބުނެއެވެ. ރަނގަޅު ކާނާ ކެއުމަށް ކުރަން ޖެހޭ ހަރަދު ބޮޑެވެ. ރާއްޖޭގައި ތަރުކާރީއާއި މޭވާގެ އަގު މާބޮޑެވެ. އަދި އިމާރާތްތަކުގެ ރައްކާތެރިކަމާ ގުޅުވައި ދެކެވޭ ވާހަކަތަކުގައި ވެސް މިވާހަކަތައް މިހެން އާދެއެވެ. ރައްކާތެރި އުސޫލުތަކާއެކު އިމާރާތްކުރަންޖެހުމުން ލޭބަރުންނަށް ކުރަންޖެހޭ ހަރަދާއި، އިމާރާތްކުރުމުގެ ސާމާނާއި އާލާތަށް ކުރަންޖެހޭ ހަރަދުތައް ބޮޑުވެގެންދާ ވާހަކައެވެ. މިފަދަ ޝަކުވާތަކަށް އަޅުގަނޑު އަރުވާނެ ޖަވާބަކީ، އަލްބަޤަރާ ސޫރަތުގެ 195 ވަނަ އާޔަތެވެ. "ﷲ ގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފުސުތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ! އަދި އިޙްސާންތެރިވާށެވެ! ހަމަކަށަވަރުން، އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." ދޭހައާއި މާނަ ވަރަށް ސާފެވެ. އަމިއްލަ ނަފުސުތައް ހަލާކުގެ މަގުތަކުން ދުރުހެލިކޮށްގެން މެނުވީ އިޙްސާންތެރިންގެ ސަފުގައި ނުހިމެނޭނެއެވެ. އަދި އެކަމަކީ އަތުން ހަރަދުކޮށް ހޭދަކޮށްގެން މެނުވީ ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އެކަންކަމަކީ، އެމައްޗަށް ހަރަދުކުރުން ﷲ ގެ މަގުގައި ކުރެވޭ ހޭދައެއްކަމުގައި ލައްވަވާފައިވާ ކަމެއްވެސްމެއެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.