Advertisement

ވިލިމާލެ ފަރަށް ލިބުނު ގެއްލުންތަކަށް އެފްކޮންސް 69 މިލިއަނުން ޖޫރިމަނާކޮށްފި

15 ނޮވެންބަރު 2022 - 09:45 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ބްރިޖުގެ ސާވޭއަށް ބޭނުންކުރި ޕްލެޓްފޯމު ވިލިލާމެ ފަރަށް އަރާފައި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ވިލިމާލެ ފަރަށް ލިބުނު ގެއްލުންތަކަށް އެފްކޮންސް 69 މިލިއަނުން ޖޫރިމަނާކޮށްފި

15 ނޮވެންބަރު 2022 - 09:45 0

ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތަށް އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާ، ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި އެ ކުންފުނި 69.4 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ.

ނަގިއްޔަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމު ނެގޭވަރުވީ، ފަރަށް އެރިތާ 12 ދުވަސްވީ ފަހުންނެވެ. ފަރަށް ލިބުނު ގެއްލުންތައް ސާވޭކުރިއިރު، ފަރުގައި ފުންމިނުގައި 10 ފޫޓު ހުންނަ ބޮޑެތި ވަޅުގަނޑުތައް ވަނީ ހެދިފަ އެވެ.

އެކަމުގައި އީޕީއޭ އިން ހެދި ސާވޭ ކަމުނުދާ ކަމަށް ބުނެ އެފްކޮންސް އިން އަމިއްލައަށް ސާވޭ އެއް ހެދި އެވެ. އެ ސާވޭގެ ހޯދުންތައް އީޕީއޭއަށް ހުށަހެޅި ނަމަވެސް އެ އިދާރާއިން އެ ހޯދުންތައް ބަލައިގެންފައެއް ނުވެ އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވަނީ މި މައްސަލައިގައި ނިންމި ގޮތް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށާއި އެކަމާ ގުޅޭ ބަޔާނެއް ނެރޭނެ ކަމަށް "އަދަދު" އަށް މައުލޫމާތު ދީފަ އެވެ.

ނަމަވެސް، މި ނޫހަށް ޔަގީންވެފައިވާ ގޮތުގައި އެ މައްސަލާގައި ވިލިމާލޭ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި 69.4 މިލިއަން ރުފިޔާއިން އެފްކޮންސް ޖޫރިމަނާ ކުރަން އީޕީއޭން ވަނީ ނިންމާފަ އެވެ.

ހަމައެހެންމެ، އެފްކޮންސް ޖޫރިމަނާ ކުރިކަމުގެ ލިޔުން ވަނީ ދައުލަތުގެ ތިން އިދާރާއަކަށް ވެސް ފޮނުވާފަ އެވެ. އެއީ، ޕްލޭނިން މިނިސްޓްރީ، އެންވަޔަރަމަންޓު މިނިސްޓްރީ އަދި އެޓާނީ ޖެނެރަލްގެ އޮފީހެވެ. މިފަދަ ސިޓީއެއް ލިބިފައިވާކަން މިއިން އޮފީހެއްގެ އިސް އޮފިޝަލަކު ވެސް ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއު އެފްކޮންސްއާ ހަވާލުކޮށްގެން ކުރިއަށްގެންދަނީ ޕްލޭނިން މިނިސްޓްރީންނެވެ. މި މައްސަލާގައި ޖޫރިމަނާ ކުރުމާ ގުޅިގެން މިހާތަނަށް އެފްކޮންސް އަދި ޕްލޭނިން މިނިސްޓްރީން ވެސް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީއަށް ގުޅާލުމުން ވިދާޅުވީ އެފަދަ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށާއި ޗެކް ކޮށްލުމަށް ފަހު މައުލޫމާތު އަރުވާނެ ކަމަށެވެ.

މިކަމުގައި އެފްކޮންސްއާ ދެކޮޅަށް ފިޔަވަޅު އެޅުން ލަސްވަމުންދާތީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ތިމާވެށްޓަށް ލޯބިކުރާ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ. ސަރުކާރުން ބުނެފައިވަނީ ވަކި ކުންފުންޏަކަށް ބެލުމެއް ނެތި މިފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ބުރިޖު ސާވޭގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމުގައި ނަގިލި ކަހާލައިގެން ވިލިމާލެ ފަރަށް އެރީ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އެވެ. ބާރަ ދުވަސް ވަންދެން ފަރުމަތީ އެ ޕްލެޓްފޯމް އޮތްއިރު އެފްކޯންސްއިން އޭރު ބުނީ ޕްލެޓްފޯމް ނެގުން ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

މާލެ-ތިލަފުށި ބްރިޖް މަޝްރޫއަކީ މިހާތަނަށް އެންމެ ބޮޑު ހޭދައެއްކޮށްގެން ސަރުކާރުން ހިންގާ ޕްރޮޖެކްޓެވެ. މުޅި ޕްރޮޖެކްޓަށް 7.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ. އެ ޕްރޮޖެކްޓަށް ހަރަދުކުރަނީ އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖައްސާފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.