Advertisement

ދިރާސާ: ދިވެހިންގެ ސިއްހަތު ބޮޑު ނުރައްކަލެއްގައި؛ އޮތީ މަރު، ނޫނީ އުޅުން ބަދަލު ކުރޭ!

8 ނޮވެންބަރު 2022 - 06:54 3

ހުސެއިން ފިޔާޒް މޫސާ

ހުސެއިން ފިޔާޒް މޫސާ

ހުޅުމާލޭ ބްރިޖު ކޮޅުކޮޅަށް ދުއްވުމުގައި: ގައިގިން ގަޔަށް ނަރާ ބަލިތައް ޖެހެން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ކުރި ސާވޭގެ ނަތީޖާއިން، ދިވެހި ސިއްހަތު އޮތީ ބޮޑު ނުރައްކަލެއްގައިކަން ވަނީ ހާމަވެފައި. -- ފޮޓޯ އަދަދު


ދިރާސާ: ދިވެހިންގެ ސިއްހަތު ބޮޑު ނުރައްކަލެއްގައި؛ އޮތީ މަރު، ނޫނީ އުޅުން ބަދަލު ކުރޭ!

8 ނޮވެންބަރު 2022 - 06:54 3

ގައިންގަޔަށް ނަރާ ބަލިތައް ޖެހެން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ކުރި ސާވޭގެ ނަތީޖާއިން، ދިވެހި ސިއްހަތު އޮތީ ބޮޑު ނުރައްކަލެއްގައި ކަމާއި، ވައްޓަފާޅިއާ ގުޅިފައިވާ އާދަތަކުގެ ސަބަބުން ބޮޑެތި ބަލިތަކުގައި މަރުގެ ތުންފަތް މައްޗަށް ހުށަހެޅިފައިވާކަން ހާމަވެއްޖެ އެވެ.

އުމުރުން 15 އަހަރާއި 69 އަހަރާ ދެމެދުގެ ދިވެހިންގެ މެދުގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ނުވަތަ ރިސްކް ފެކްޓާސްތައް ހުރި މިންވަރު ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ޑަބްލިޔޫއެޗްއޯ އަދި ގައުމީ ޔުނިވާސިޓީ ގުޅިގެން 2020 އިން 2021 އަށް ކުރި ދިރާސާގައި 3104 މީހުން ބައިވެރިވެފައިވެ އެވެ. މިއީ ރާއްޖޭގެ އާބާދީއަށް ބަލާއިރު، ހާލަތު ދެނެގަތުމަށް ރަނގަޅު މިންވަރެއް ކަމަށް، އެމްއެންޔޫގެ ޑިރެކްޓަ އޮފް ރިސާޗް ޑރ. ރަހީމާ އަބްދުއްރަހީމް ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ "ސްޓެޕްވައިސް އެޕްރޯޗަ"ށް ހެދި މި ދިރާސާގައި ބައިވެރިވި މީހުންގެ މައުލޫމާތު ސުވާލު ކަރުދާހެއްގައި ހޯދުމަށް ފަހު، ކޮންމެ މީހެއްގެ ބަރުދަނާއި އިސްކޮޅު، ލޭގެ ޕްރެޝަރު، އުނަގަނޑުގެ ވަށަމިން ދެނެގަތެވެ. އަށްފަހު، ހަށިގަނޑުގައި ހަކުރު، ކޮލޮސްޓްރޯލް ހުރި މިންވަރު، އަދި ކުޑަކަމުދާ ތަކެތީގައި ސޯޑިއަމް އާއި ކްރިއޭޓިނިން ހުރި މިންވަރު ދެނެގަތެވެ.

އެ މައުލޫމާތުގެ ނަތީޖާއިން ފެންނަން އޮތީ ކުރީން ފެށިގެން ގަބޫލު ކުރެވިފައި އޮތް ގޮތަށް، ބޮޑެތި ބަލިތައް ގުޅިފައި އޮތީ ދިރިއުޅުމުގެ ވައްޓަފާޅި އާއި އާދަތަކާ ކަމެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމާއި ހަކުރު، ލޮނު، ތެލުގެ ބާވަތްތައް ގިނައިން ބޭނުން ކުރުމާއި މޭވާ އާއި ތަރުކާރީ ބޭނުން ނުކުރުމާއި ހެލިފެލިވެ ނޫޅުމާ އެވެ. ނަތީޖާއަކީ ސިއްހީ މައްސަލަތައް ކުރިމަތިވެ، ތަހައްމަލުކުރަންޖެހި ޅަ އުމުރުގައި ނުވަތަ އާންމުކޮށް މަރުވާ އުމުރަށް ވުރެ އަވަހަށް މަރުވުމުގެ ސަބަބު ކަމަށް ދިރާސާއިން ދެއްކުމެވެ.

ހަތަރު މީހުންގެ ތެރެއިން އެކަކު މަސްތުގައި

ރާއްޖޭގައި ކުރާ ކުށްތަކުގެ އެންމެ ބޮޑު ޕަސެންޓަކީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. ފުލުހުން ތަހުގީގު ކުރާ ގިނަ މައްސަލަތަކާއި، ޕްރޮސިކިއުޓަ ޖެނެރަލް ދައުވާކުރާ ގިނަ މައްސަލަތައް އަދި ޖަލުގައި ތިބި ގިނަ މީހުންނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނެވެ. މަސްތުގައި ޖެހޭ މައިގަނޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރަން ފެށުން ކަމަށް ކުރިން ކުރެވިފައިވާ ދިރާސާތުން ފެންނަ އެބަ އޮތެވެ.

މި ފަހަރުގެ ދިރާސާގައި ފެނުނު ނަތީޖާއަކީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ރަލާއި، ޑްރަގު ބޭނުންކުރުން އޮތީ ހައިރާންވާ މިންވަރެއްގައި ކަމެވެ.

  • ހަތަރު މީހުންގެ ތެރެއިން އެކަކު ދުންފަތުގެ އިސްތިއުމާލުކުރޭ.
  • 20 މީހުންގެ ތެރެއިން އެކަކު ބަނގުރާ ބޭނުންކުރޭ
  • ހަތަރު މީހުންގެ ތެރެއިން އެކަކު މަސްތުވާތަކެތި ބޭނުންކުރޭ

މިއީ، މި ދިރާސާގައި ބައިވެރިވި މީހުން ރިޕޯޓުކޮށްފައިވާ މައުލޫމާތުން ދައްކާ ނަތީޖާ އެވެ. އެންމެ ޅަ އުމުރެއްގައި ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާފައިވާ ކަމަށް ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި އުމުރުން އަށް އަހަރެވެ.

ކެއުމުގައި ބެލުމެއް ނެތް، ގިނަ ބަޔަކު ފަލަ ބަލީގައި

ރަނގަޅު ކާނާ އާއި ހެލިފެލިވެ އުޅުމަކީ ދުޅަހެޔޮ ސިއްހަތަކަށް މުހިންމު ކަމެކެވެ. އަދި މޭވާ އާއި ތަރުކާރީ ބޭނުންކުރުމާއި ލޮނާއި ހަކުރު އަދި ތެޔޮ މަދުން ބޭނުން ކުރުމަކީ ވެސް ސިއްހަތަށް މުހިންމު ކަމެކެވެ. ނަމަވެސް ދިވެހިންގެ ކެއުމުގެ އާދަ ހުރީ ހަމައިން ނެއްޓިފަ އެވެ.

ފުރިހަމަ ސިއްހަތެއްގައި ހުރުމަށްޓައި މޭވާ އާއި ތަރުކާރީ ކާން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންވަރަކީ ދުވާލަކަށް ފަސް "ސާވިން" އެވެ. ސާވިންގެ މިންވަރަކީ ނުކައްކާ ހުންނަ ނަމަ، ކުޑަ ބޯތަށްޓެއްގެ މޭވާ/ތަރުކާރީ އެވެ. ކައްކާފައި ހުންނަ ނަމަ ބޯތަށީގެ ދެ ބައިކުޅަ އެއްބައިގެ މިންވަރެކެވެ.

ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ނޫނީ ކޮންމެ ދެ މީހުންގެ ތެރެއިން މި މިންވަރަށް ތަރުކާރީ ނުވަތަ މޭވާ ނުކާ ކަމަށް ސާވޭގެ ނަތީޖާއިން ދައްކާ،" ޑރ. ރަހީމާ ވިދާޅުވި އެވެ.

ރަނގަޅު ކާނާއެއް ބޭނުން ނުކުރާއިރު، ސިއްހަތަށް ގެއްލުން ހުރި މިންވަރަށް ލޮނު ބޭނުންކުރެ އެވެ. ދިރާސާއިން ދައްކާ ގޮތުގައި ދިވެހިން ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު ހުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ހަތަރު ގުނަ މަތީގަ އެވެ.

ދުވާލަކު އަށް ގްރާމު ލޮނު ބޭނުންކުރޭ، ތިން މީހުންގެ ތެރެއިން އެކެއްގެ ކޮލޮސްޓްރޯލް މަތި

މި ދިރާސާގައި ކޮންމެ ތިން މީހުންގެ ތެރެއިން އެކަކު ބުނެފައި ލޮނު އަޅައިގެން ކާއެއްޗެހި ތައްޔާރުކޮށްފައި ހުންނަ އިރުވެސް، ކާއިރު އިތުރަށް ލޮނު އަޅާކަމަށެވެ. ސާވޭގައި ބައިވެރިވި މީހުންގެ ކުޑަކަމުދާ އެއްޗެހީގައި ލޮނު ހުންނަ މިންވަރު ވެސް ތަހުލީލުކޮށް ބެލި އެވެ.

ޑރ. ރަހީމާ ވިދާޅުވި ގޮތުގައި ސާވޭގެ ނަތީޖާއިން ފެންނަން އޮތީ ކޮންމެ މީހަކު ދުވާލަކު 8.8 ގްރާމް ލޮނު ބޭނުންކޮށްފައިވާ ކަމެވެ.

"މިއީ ޑަބްލިޔޫއެޗްއޯގެ މިންގަނޑު ހަތަރު ގުނަ އިތުރު އަދަދެއް،" އޭނާ ވިދާޅުވި އެވެ.

ލޭގައި ކޮލޮސްޓްރޯލް ހުންނަ މިންވަރަށް ބަލާއިރު ސާވޭގެ ނަތީޖާއިން ދެއްކީ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކީ، ހުންނަންވާ މިންވަރަށް ވުރެ ލޭގައި ކޮލޮސްޓްރޯލް މައްޗަށް ގޮސްފައިވާ މީހެއް ކަމެކެވެ.

ސާވޭގެ ނަތީޖާއާ ބެހޭ ގޮތުން ޑރ. ރަހީމާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ކަސްރަތު ނުކޮށް، ފަލަވެ، ބަރުހެލިވެފައި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ގޮތުގައި ރަނގަޅު ސިއްހަތެއްގައި ހުރުމަށް ހަފުތާއަކު 105 މިނެޓު ވަންދެން މެދުމިންވަރެއްގެ ހެލިފެލިވުމެއް، ނުވަތަ ކަސްރަތެއް ނޫނީ ހަރަކާތެއް ކުރަންޖެހެ އެވެ. ނަމަވެސް ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި އެ މިންވަރަށް ހެލިފެލިވެ ނޫޅޭ ކަމަށް ދިރާސާއިން ދެއްކި އެވެ. އަދި ނަތީޖާއަކީ، އާބާދީގެ ދެބައިކުޅަ އެއްބައި މީހުންގެ ބަރުދަން، ހުންނަންޖެހޭ މިންވަރަށް ވުރެ މާ ބޮޑަށް އިތުރުވެފައިވުމެވެ.

"ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކީ އޮބީސް މީހެއް ނުވަތަ ހުންނަންވާ ވަރަށް ވުރެ މާފަލަ، ވަރަށް ބަރު މީހެއް،" ޑރ. ރަހީމާ ވިދާޅުވި އެވެ.

ގައިންގަޔަށް ނާރާ ބަލިތަކުގެ މިންވަރު

ކެއިންބުމާއި ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ކަންކަން ދިވެހި މުޖުތަމައުގައި ފާލުން ނެއްޓިފައި ހުރިއިރު، ގައިންގަޔަށް ނާރާ ބަލިތަކުގެ މިންވަރު ވެސް ހުރީ ވަރަށް މަތީކަން ސާވޭއިން ދެއްކި އެވެ.

  • ހަތަރު މީހުންގެތެރެއިން އެކަކު ލޭ މައްޗަށް ދޭ
  • 14 ޕަސެންޓް މީހުންގެ ލޭގައި ހަކުރު މަތި

ހިތުގެ ބަލި ނުވަތަ ސްޓްރޯކް ޖެހުމުގެ ފުރުސަތު ހުރި މިންވަރު ވެސް ސާވޭގައި ދެނެގަނެވުނެވެ. އެކަން ދެނެގަތުމުގެ މިންގަނޑައަކަށް ބެލީ، ސާވޭފައި ފާހަގަ ކުރެވުނު ހިރާސްތައް ނުވަތަ ރިސްކުތަކުގެ ތެރެއިން ތިން ކަމެއް ހުރުމެވެ. އެގޮތުން، އުމުރުން 45 އަހަރުން ދަށުގެ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކު، ތިން ހިރާސްއަށް ވުރެ ގިނަ ހިރާސް ހުއްޓެވެ. އަދި އުމުރުން 54 އަހަރުން މަތީގެ ކޮންމެ ދެ މީހުންކުން އެކަކީ ތިން ހިރާސް އަށް ވުރެ ގިނަ ހިރާސް ހުންނަ މީހުންނެވެ.

އޭގެ މާނައަކީ މިސާލަކަށް، ތިން މީހުންގެ ތެރެއިން އެކަކީ، ކަސްރަތު ނުކުރާ، ކެއުމުގެ އާދަ އަށް ނުބަލާ، ނުވަތަ މޭވާ އާއި ތަރުކާރީ ބޭނުން ނުކުރާ މީހެއް ކަމެވެ.

ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމާ ގުޅޭ ރިސްކު ކުރިއަށް އޮތް 10 އަހަރު ތެރޭގައި 20 ޕަސެންޓް ބޮޑުވާނެ ކަމަށް ލަފާކުރާއިރު، 13 ޕަސެންޓް މީހުންނަށް އެފަދަ ބައްޔެއް ޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށް ސާވޭއިން ދައްކަ އެވެ.

އަޅުގަނޑުމެންގެ އާބާދިއަށް ބަލާއިރު މި ހިރާސްތައް ހުރީ ކަންބޮޑުވާންޖެހޭ މިންވަރަށް. ގިނަ މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި،" އެމްއެންޔޫގެ މެޑިކަލް އެންޑް ޕަބްލިކް ހެލްތު ކޮންސަލްޓަންޓު ޑރ. ޝީނާ މޫސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދިރިހުންނާނެ ކަމަށް ބަލާ އުމުރުގެ ކުރިން މަރުވާ ރޭޓު ރާއްޖޭގައި ދަނީ ދަށްވަމުންނެވެ. އޭގެ މާނަކީ އާންމުކޮށް މީހުން މަރުވާ އުމުރަށް ވުރެ އަވަހަށް ނުވަތަ ޒުވާން އުމުރުގައި މަރުވާ މީހުން އިތުރުވުމެވެ.

"ރާއްޖޭގެ ތަރައްގީއަށް މިއީ ވަރަށް ބޮޑު ނުރައްކަލެއް،" ޑރ. ޝީނާ ވިދާޅުވި އެވެ.

މި ކަންކަން ހައްލުކުރުމަށްޓަކައި މަސައްކަތް ކުރި ނަމަވެސް ސާވޭގައި ފާހަގަ ކުރި ހިރާސްތައް އެގޮތުގައި ހުރެއްޖެ ނަމަ މިހާރު ފަށަން ނިންމާފައިވާ ކެމްޕޭންތަކުގެ އަމާޒުތައް ހާސިލުކުރަން ފަސޭހަ ނުވާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވެވި އެވެ.

ސާވޭގެ ނަތީޖާއާ ބެހޭ ގޮތުން ޑރ. ޝީނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ޑރ. ޝީނާގެ މުހިންމު ސުވާލުތަކެއް

މި ދިރާސާއިން ފާހަގަ ކުރެވުނު ހިރާސްތަކަށް ބަލާއިރު މައްސަލަ އަށް ބޭނުންވާ އިޖުތިމާއީ އަދި އިގުތިސޯދީ ހައްލު އޮތީ ސިއްހީ ދާއިރާގައިތޯ ނުވަތަ އެހެން ދާއިރާތަކުގައިތޯ ޑރ. ޝީނާ ސުވާލު އުފެއްދެވި އެވެ.

"...ލޭ މައްޗަށް އެބަދެއޭ. ކަސްރަތު ކުރާށޭ. ތަރުކާރީ އާއި މޭވާ ކާށޭ. ކާބޯހައިޑްރޭޑްސް މަދުކުރާށޭ. ދުންފަތުގެ އިސްތިއުމާލު ހުއްޓާލާށޭ. އެކަމަކު އެފޯޑެއް ނުކުރެވެއޭ ތަރުކާރީ އާއި މޭވާ އެއްކަލަ ފައިވް ސާވިން އަށް ފުދޭ މިންވަރަށް. ތަރުކާރީ މޭވާ ފައިވް ސާވިން ބޭނުންކުރާ މިންވަރަށް މީހުންނަށް ލިބޭނެ ގޮތް ހެދޭ ކޮން ސެކްޓަ އަކަށް ހެއްޔޭ،" އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި މި ހަފުލާގައި ޑރ. ޝީނާ ދެން ހިއްސާ ކުރެއްވީ މުހިންމު ކަންބޮޑުވުމެކެވެ.

ކަސްރަތު ކުރާށޭ. ކަސްރަތުކުރަން ދާނީ ކޮންތާކަށް ހެއްޔޭ. ކަސްރަތު ކުރަން ދާނެ ތަނެއް އެބަ އޮތްހެއްޔޭ. ހިންގާބިނގާވެ އުޅޭނެ ތަނެއް އެބަ އޮތްހެއްޔޭ،. މިކަންކަން ކުރެވޭނީ ކޮން ސެކްޓައަކަށް ހެއްޔޭ. ހެލްތު ސެކްޓަ އަށް ހެއްޔޭ. ނުވަތަ އެހެން ސެކްޓައަކަށް ހެއްޔޭ؟"

ލޭންޑު ޔޫސް ޕްލޭންތައް ހަދަމުން ދާއިރު އެ ކަންކަމަށް ވިސްނަނީ ކޮން ބައެއްތޯ ވެސް ޑރ. ޝީނާ ސުވާލު އުފެއްދެވި އެވެ.

"މިހެން މި ބަލިތައް އުޅޭއިރު އެބަޖެހެއޭ ނުކުމެ ކަސްރަތު ކުރަން. ބޮޑެތި ވަމުން އަންނަ ކުދިންތައް އެބަޖެހޭ ހެލިފެލިވެ އުޅެން. އެހެންވީމަ މިކަހަލަ މާހައުލެއް ގާއިމުކޮށް ދެވިދާނެ ހެއްޔޭ. އެހެންވީމަ އެހެން ސްކެޓަތަކުގެ ރޯލް މުހިންމު،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ސިއްހަތަށް ވަރަށް ބޮޑު ހޭދައެއް ވެސް ކުރާ ކަމަށާއި ނަމަވެސް ޕްރިވެންޝަނަށް ހަރަދު ކުރަނީ ބަޖެޓުގެ ދެ ޕަސެންޓް ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ. އެ ކަންބޮޑުވުން އެ ހިއްސާ ކުރެއްވީ ސާވޭގެ ނަތީޖާއިން ދައްކާ ގޮތުގައި ބަލިވުމަށް ވުރެ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއި ސިޔާސަތުތައް މުހިންމުކަން ފާހަގަ ކުރެއްވުމުގެ ގޮތުންނެވެ.