Advertisement

އެފްއޭއެމުން އެޕޯލޯއަށް ދައްކަން ޖެހޭ ދަރަނީގެ ބަދަލުގައި ހުޅުމާލެ ޓްރެއިިނިން ފެސިލިޓީން ބިމެއް ދީފި

7 ނޮވެންބަރު 2022 - 11:52 0

އެފްއޭއެމް އިމާރާތް؛ އެފްއޭއެމުން އެޕޯލޯއަށް ދައްކަން ޖެހޭ ދަރަނީގެ ބަދަލުގައި ބިމެއް ދޭން ނިންމައިފި


އެފްއޭއެމުން އެޕޯލޯއަށް ދައްކަން ޖެހޭ ދަރަނީގެ ބަދަލުގައި ހުޅުމާލެ ޓްރެއިިނިން ފެސިލިޓީން ބިމެއް ދީފި

7 ނޮވެންބަރު 2022 - 11:52 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެޕޯލޯ ހޯލްޑިންގްސްއަށް ދައްކަން ޖެހޭ ދަރަނި ގޮތެއް ނެތިގެން އޭގެ ބަދަލުގައި އެފްއޭއެމަށް ކުއްޔަށް ދީފައިވާ ހުޅުމާލޭގެ ބިމަކުން ބައެއް 25 އަހަރަށް ދޭ ގޮތަށް ދަރަނީގެ މައްސަލަ ނިންމުމަށް ދެ ފަރާތުން އެއްބަސްވެއްޖެ އެވެ.

އެފްއޭއެމަށް ހުޅުމާލޭން ދީފައިވާ ބިމުގައި އެޕޯލޯއިން ކޮށްފައިވާ މަސައްކަތްތަކަށް އަގު ނުދީގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ކުންފުންޏާއެކު ސެޓްލްމަންޓް އެގްރިމެންޓެއްގައި ދެ ފަރާތުން ސޮއިކުރި އެވެ.

ނަމަވެސް ސެޓަލްމަންޓް އެގްރިމެންޓްގައިވާ ގޮތުގެ މަތިން ވެސް އެފްއޭއެމުން ފައިސާ ނުދައްކައިގެން، އެޕޯލޯއިން އެފްއޭއެމްގެ މައްޗަށް ދައުވާކޮށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.

އެ ދައުވާގައި އެދިފައިވަނީ ސެޓުލްމަންޓް އެގްރީމެންޓެއްގެ ދަށުން އެފްއޭއެމުން ދައްކަން ޖެހޭ 2.3 މިލިއަން ރުފިޔާ އެއް ފަހަރާ ދެއްކުމަށާއި، އިތުރު މަސައްކަތުގެ ގޮތުގައި އިންވޮއިސްކޮށްފައިވާ 4.5 މިލިއަން ރުފިޔާ އަދި އިސާ ނުދައްކާ ހޭދަވާ މުއްދަތުގެ ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި އަރާ ފައިސާ ދިނުމަށެވެ.

ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދްރީސް ކުރެއްވި ހުކުމުގައިވާ ގޮތުން، މިދިޔަ ޖޫން މަހު އެފްއޭއެމާއެކު އިތުރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އެއީ އެ ދަރަނީގެ ބަދަލުގައި ހުޅުމާލެ ޓްރެއިނިން ފެސިލިޓީގެ ބިމުން ބައެއް އެޕޯލޯއަށް ދޭ ގޮތަށެވެ.

ކޯޓުގެ ބޭރުން މައްސަލަ ހައްލުކޮށް އެއްބަސްވެފައިވާ ކަން އަންގައި އެޕޯލޯއިން ކޯޓަށް މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ސިޓީއެއް ފޮނުވާފައިވެ އެވެ. އެހެންވެ މައްސަލަ ނިންމުމަށް ސިވިލް ކޯޓުން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ވެސް އެފްއޭއެމުން އެކިފަރާތްތަކަށް ފައިސާ ނުދައްކައި ހުރި އެހެން މައްސަލަތަކެއް ވެސް ފެންމަތިވެފައިވެ އެވެ. ސްޓެލްކޯއަށް ނުދައްކާ 6.5 މިލިއަން ރުފިޔާ އޮތުމުން އެފްއޭއެމްގެ އޮފީހުން ކަރަންޓުގެ ހިދުމަތް ވެސް ދާދި ފަހަކުން ކަނޑާލާފައިވެ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ހޯދާފައިވާ ހިދުމަތްތަކަށް ދައްކަން ޖެހޭ 1.7 މިލިއަން ރުފިޔާ ނުދައްކާ އޮތުމުން އެ ހޮސްޕިޓަލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި، އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ހުކުމްކޮށްފައިވެ އެވެ.